މާލެ ސަރަހައްދަށް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މައްސަލަތައް ގިނަ ކަމަށާ އެ މައްސަލަތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ މައްސަލަ އަކީ ބޮޑު މައްސަލަ އެކެވެ. އެކަމާއި ގުޅޭގޮތުން މިރޭ އޮތް "އަހާ" ފޯރަމްގައި ސުވާލު ކުރުމުން މިނިސްޓަރު ސައީދު ވިދާޅުވީ އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއް ހުރިކަން އެއީ ހަގީގަތް ކަމަށާ އެކަން ރައްޔިތުންނަށް ފޮރުވަން ބޭނުންނުވާ ކަމަށެވެ.
އަދި އެކަން ކޮށްފަައިވަނީ މިނިސްޓްރީގެ ސިސްޓަމްގެ ތެރެއިން ކަމަށެވެ. އެގޮތުން އޮޅުވާލައިގެން އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެ މައްސަލަތައް ބަލާނެ ކަމަށާ އެކަމަށް ހާއްސަ ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށާ އެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. މާލެ ސަރަހައްދުގައި 130،806 އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު، އޭގެ ތެރޭގައި 14،911 ކާރާއި 115،895 ސައިކަލު ވަނީ ރަޖިސްޓްރީކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists