މުދައްރިސުންނަކީ މުޖުތަމަޢުގެ ބިންގާ އަޅައިދީ، ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކެވެ. ރ. އިނގުރައިދޫގެ ތަޢުލީމީ ޙަޔާތަށް ބަލާއިރު، ފާހަގަކޮށްލެވޭ އެންމެ ޚިދުމަތްތެރި، ދުވަސްވީ އެއް މުދައްރިސަކީ މިހާރު އެ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަޤާމުގައި ހުންނެވި ޢަބްދުލް މުޙައިމިން އެވެ.
މީގެ 37 އަހަރުކުރިން މުދައްރިސެއްގެ ގޮތުގައި ތައުލީމީދާއިރާއަށް ވަދެވަޑައިގެންނެވުނީ، ކިޔަވައި ނިންމުމަށްފަހު ކުރިއަށްދާނޭ ދައިރާއަކާމެދު މުދައްރިސަކާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިންނެވެ.
މުހައިމިން ވަނީ މަދުރަސީ ދައުރު ނިންމުމަށްފަހު ތައުލީމީ ދައިރާއަށް ނިކުމެވުނުގޮތާއި، ތައުލީމީ ދާއިރާގެ އޭރާއި މިހާރުގެ ހާލަތު ކިޔައިދެއްވާފައެވެ. ޓީޗަރުންގެ ދުވަހު ވޮއިސްއާ ހިއްސާކުރި މި ބަސްދީގަތުމުގައި މުހައިމިން ވަނީ ތައުލީމީ ދާއިރާގައި ދަރިވަރުންނަށް މިހާރު ކުރިމަތިވާ މައްސަލަތަކާއި، މުދައްރިސުންނަށް ހުރި ގޮންޖެހުންތަކާއި އަދި ކުދިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އަދި ބެލެނިވެރިން ވިސްނަވަންޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
ޢަބްދުލް މުހައިމިން
މުހައިމިން ވަނީ މީގެ 37 އަހަރު ކުރިއާއި މިހާރު ރާއްޖޭގެ ތައުލީމީ ދާއިރާއަށް އައި ފަސޭހަކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭރު އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ. މިހާރު ހުންނަހެން ފޮތްތަކާއި އިންޓަނެޓްގެ ޚިދުމަތެއް ނެތުމުން، ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތުތައް އަތުން ސްޓެންސިލް ކަނޑައިގެންނާއި މެނުއަލްކޮށް ޗާޕުކޮށްގެން ދޭންޖެހުނެވެ. ކަޅުބޯޑާއި ޗޯކު ބޭނުންކުރުމުގެ ސަބަބުން ޞިއްޙީ ގޮތުން އެތައް އުނދަގޫތަކެއް އޭރު ކުރިމަތިވިއެވެ.
ނަމަވެސް، މިހާރު ހާސްބައި ތަފާތުކަން ފާހަގަކުރައްވަމުން މުހައިމިން ވިދާޅުވީ ކުލާސްރޫމްތައް އޭސީކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފަހިކޮށްދީފައިވާއިރު، މިއަދުގެ ދަރިވަރުންނަށް އަމިއްލައަށް އުނގެނުމުގެ ފުރުޞަތުތައް ވަނީ ތަނަވަސްވެފައެވެ. މިއާއެކު، ދަރިވަރުން މައުލޫމާތުގެ ގޮތުން މުއްސަނދިވެ ޓީޗަރުން މިކަމަށް ހުށިޔާރުވާންޖެހިފައިވާކަމަށެވެ.
މުހައިމިންގެ ވާހަކާގައި މުޖުތަމަޢުގައި ކުދިންގެ އަޚްލާޤަށް އަންނަ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ބެލެނިވެރިން ކުދިންނަށް ވަގުތު ދެއްވައި، ގާތުން ބައްލަވައި، އަދި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށްވަނީ ނަޞޭޙަތްތެރިވެއެވެ. އަދި ހަމައެއާއެކު ދަރިވަރުން ނަމާދުތަކަށް ފަރުވާތެރިވެ، ފަތިސްނަމާދުން ދުވަސް ފެށުމުގެ މުހިންކަން ވަނީ ފާހަގަކުރައްވާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists