ޕާކިސްތާނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފަށައިފި
މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯން ފަށައިފިއެވެ.
"ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި މިރޭ 12:00 އާ ހަމައަށް މި ޓެލެތޯން ކުރިއަށް ގެންދާނެއެވެ.
މި ޓެލެތޯން ޕީއެސްއެމާއި ވީޓީވީ އާއި އެމްބީއެން އަދި ޗެނަލް 13 އިން ލައިވްކުރާނެއެވެ. އަދި "ވޮއިސް" އޮންލައިނާއެކު އިތުރު ތިން އޮންލައިނެއްވެސް ބައިވެރިވާނެއެވެ.
ޕާކިސްތާނު މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން ވަނީ ރާއްޖެ އާއި ޕާކިސްތާނުގެ ކާ އެއްޗެހި ވިއްކުމުގެ އިތުރުން ކަލްޗަރަލް ޝޯއެއް ބާއްވައިގެން ވެސް ފައިސާ ހޯދަން ނިންމައިފަ އެވެ.
މި އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި އެ ގައުމުގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، އެގައުމުގައި ނުރައްކާތެރި ބަލިތައް މިވަނީ ފެތުރެން ފަށާފައެވެ.
އެގޮތުން ބޭރަށް ހިންގުމާއި، ކޮލެރާއާއި، ހަމުގެ ބަލިތަކާއި، މެލޭރިއާ ފަދަ އެތައް ބަލިތަކެއް މިހާރު ވަނީ ފެތުރެން ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists