މިދައުރުގައި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް
މިއަދަކީ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރަމުންދާ ދުވަހެވެ. "މެންޓަލް ހެލްތު ޑޭ" ނުވަތަ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، އެއީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެކޭ ބުނެފިނަމަ، އެކަން ގަބޫލުކޮށް، ޖިސްމާނީ ބައްޔެއް ޖެހިފައިވާ މީހުންނަށްވެސް ދޭ ފަދަ އަޅާލުމާއި އޯގާތެރިކަންދޭ މީހުން އަދުގެ މުޖުތަމަޢު އިން ފެންނަ ނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މީގެ އަހަރު ތަކެއް ކުރިން ކަން އޮތީ އެގޮތަކަށް ނޫން ކަމަށެވެ.
މީހަކު ޑިޕްރެޝަން އަށް ގޮސް، އަމިއްލަ ނަފްސަށް އަނިޔާ ކުރާ ހިސާބަށް ދިޔަ ނަމަވެސް އެއީ އޭނާގެ އެ ބަލީގެ ސަބަބުން ކުރާ ކަމެއް ކަމަށް މީހުން ގަބޫލެއް ނުކުރެއެވެ. އެންޒައިޒީ ހުރި މީހަކު އޭނާއަށް އެ ބަލީގެ ސަބަބުން ވާ އުނދަގޫތަކާއި ތަހައްމަލް ކުރަމުންދާ ވޭންތައް ކިޔައިދީފިނަމަ، "ތި ދެން މާ ކަންތައް ބޮޑު ކުރަނީ" އޭ ކިޔައި އޭނާއަށް މަލާމާތް ކުރި ޒަމާނެއްވެސް ދިޔައެވެ. އަދި ހަމަ އެހެންމެ، ސިޒޮފްރޭނިއާ ފަދަ ބޮޑެތި ނަފްސާނީ ބަލި ޖެހިފައިވާ މީހުންނަކީ ޖިންނި މޮޔަވެފައިވާ މީހުން ކަމަށް ގަބޫލުކޮށް، އެމީހުން، މުޖުތަމައު އިން އެއްކޮށް އެކަހެރިކޮށް، ނުވިތާކަށް އެމީހުންނަށް ގަނާ ކުރަމުން ފަހަތުން ހިނގައި އުޅުނުތަންވެސް ދުށީމެވެ.
އެފަދަ އެތައް ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން މީހާ ކަންނެތްވެ، ގައިން ތާހިރު ނުވެ، ދީނީ ކަންކަމާއި ދުރަށް ގޮސް، ކޮޓަރިއެއްގެ ތެރޭގައި ބަންދު ވެގެން ދުވާލުދާ ހަތަރުދަމު އިންނަ އިނުމަކީ، އޭނާ ކަންނެތް ކަމުން އިންނަ އިނުމެއް ކަމަށް ސިފަކޮށް އެއްޗެހި ކިޔައި، ފުރައްސާރަ ކުރި ޒަމާނެއްވެސް ދިޔައެވެ.
މިހާރުވެސް މިފަދަ ފުރައްސާރަ ތަކާއި، އެކަހެރި ކުރުމާއި، ވިސްނުން މުޖުތަމައު ތެރޭގައި ނެތެކޭ ނުބުނާނަމެވެ. އަދިވެސް އެފަދަ ނަޒަރިއްޔާ ތަކުން ވިސްނާ މީހުންނާއި ކަން ކުރާ މީހުން އުޅެއެވެ. އެހެން ނަމަވެސް، މީގެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު، އެފަދަ މީހުން ނިސްބަތުން މަދެވެ. މިއީ ހަމަ ޔަގީނުންވެސް ގިނަ ބައެއްގެ ބުރަ މަސައްކަތުން ލިބުނު ކުރިއެރުމެއް ކަން ގަބޫލު ކުރަންޖެހެއެވެ.
އެގޮތުން، ނަފްސާނީ ބަލިތަކާއި ބެހޭ ޢިލްމީ ތަޖުރިބާކާރުންނާއި، އެފަދަ އިންސްޓިޓިއުޝަން ތަކާއި، ސަރުކާރުގެ ސިއްހީ ވުޒާރާއާއި، އެހެނިހެން ކަމާބެހޭ އިދާރާތަކުން ކޮށްފައިވާ، މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.
ދިވެހި މުޖުތަމައު އަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ރައްޔިތެއް ދިރިއުޅޭ މުޖުތަމައު އަކަށް ހެދުމަށް ސަރުކާރުގެ އެތެރެއިންނާއި ބޭރުން އަންނަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޔުނިސެފާއި ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން މެންޓަލް ހެލްތު ކޮމިއުނިކޭޝަން ސްޓްރެޓެޖީ އެންޑް ކެންޕެއިން ޕްލޭން އެއް އިފްތިތާޙު ކުރުުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރިއަށެވެ.
މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން، މަސައްކަތުގެ މައިދާނާއި ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް އަލިއަޅުވާލައި ސެޝަން ނެގުމުގެ މަސައްކަތް ކުރިއަށް ދާއިރު, މީޑިއާ ތަކަށް ޚާއްސަ ކޮށްގެންވެސް ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅޭ ވޯކްޝޮޕް ހިންގުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ހަމަމިއާއެކު އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގަޔާއި ދީނީ ޢިލްމުވެރިންގެ މެދުގައިވެސް ނަފްސާނީ ބަލިމަޑުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތް ސެންޓަރ
ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އަދުގެ ސަރުކާރުން 'ސެންޓްރަލް އެން ރީޖަނަލް މެންޓަލް ހެލްތު ޕްލޭން' އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ފަށާފައި މި ޕްލޭން'ގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފަ އެވެ. އަދި އެ ޕްލޭނުގެ ދަށުން ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އައިޖީއެމްއެޗް ގައި ހުންނަ މެންޓަލް ހެލްތު ސެންޓަރ (ސީއެމްއެޗް) ހުޅުވައި ދެއްވުން
މީގެ އިތުރުން ވެސް ނަފްސާނީ ސިއްހީ ފަރުވާ ތައް ހަރުދަނާ ކުރުމަށް ތަފާތު އެކި މަސައްކަތްތައް ސަރުކާރުގެ އެތެރެއިންނާއި ބޭރުން އަންނަނީ ކުރެވެމުންނެވެ. އޭގެ ތެރޭގައި؛
• ނަފްސާނީ ބަލީގައި އަމިއްލައަށް މަރުވާ މައްސަލަ ހައްލު ކުރުމުގެ ސްޓްރެޓެޖިކް ޕްލޭންގެ ޑްރާފްޓް އެކުލަވައިލުން
• ނަފްސާނީ ސިއްހަތުގެ ސްޓްރެޓެޖިކް ޕްލޭން މުރާޖަޢާ ކުރުން
• ނަފްސާނީ މައްސަލަތަކަށް ޒަމާނީ ސިއްހީ ފަރުވާ ދިނުން ދަމަނަވެށީގައި ފެށުމުގެ މަސައްކަތް
• މެންޓަލް ހެލްތް އެކްޓް ގެ ޑްރާފްޓް އެކުލަވައިލުން
ރާއްޖޭގައި މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާދޭ އިން-ޕޭޝަންޓް އަދި އައުޓް-ޕޭޝަންޓް ގެ ޚިދުމަތް ދޭ ހުރީ އެންމެ ސެންޓަރެކެވެ. އެއީ އައިޖީއެމްއެޗް ގައި ހުންނަ މެންޓަލް ހެލްތު ސެންޓަރ (ސީއެމްއެޗް) އެވެ. 2019 ވަނަ އަހަރު ހުޅިވި މި ޑިޕާޓްމަންޓުން އެ އަހަރު އެކަނިވެސް 7246 މީހުންނަށް ވަނީ ޚިދުމަތް ދީފައެވެ. އަދި 2020 ވަނަ އަހަރު 17،708 މީހުންނަށް އަދި 2021 ގައި 16،936 މީހުންނަށް ފަރުވާ ދީފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 13،718 މީހުންނަށް ވަނީ ފަރުވާ ދީފައެވެ. ސީއެމްއެޗުން މިހާތަނަށް ޖުމްލަ 51،803 މީހުންނަށް ޚިދުމަތް ދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތް ސެންޓަރ ހުޅުވައިދެއްވުން
ސީއެމްއެޗްގައި މިވަގުތު 8 ސައިކޭޓްރިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި 3 ސައިކޮލޮޖިސްޓުންނާ، 3 ސޯޝަލް ވޯކަރސް، 2 ކައުންސެލަރުން އަދި 1 އޮކިއުޕޭޝަނަލް ތެރަޕިސްޓަކު ދަނީ މަސައްކަތް ކުރަމުންނެވެ.
ސީއެމްއެޗްގެ އިތުރުން، ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި އެކު އައުޓް-ޕޭޝަންޓުންނަށް ޚިދުމަތް ދެވޭނެ އިންތިޒާމް 6 ޓާޝިއަރީ ހޮސްޕިޓަލްގައި ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލެވެ.
އަދި މިއަދު ފާހަގަކުރާ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ސަރުކާރުން ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގައި ނަފުސާނީ ފަރުވާ ދޭނެ އިތުރު ސެންޓަރެއް ހުޅުވާފައެވެ. މި ސެންޓަރާއިއެކު ސީއެމްއެޗުގެ ވެއިޓްލިސްޓުގައި ތިބި މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރު (އެމްއެޗްސީ) އަށް ޑޮކްޓަރަށް ދެއްކުމަށް ކޮންސަލްޓޭޝަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އައިޖީއެމްއެޗް ގައި ހުންނަ މެންޓަލް ހެލްތު ސެންޓަރ (ސީއެމްއެޗް)
އަލަށް ހުޅުވި އެމްއެޗްސީގައި ދެ ކޮންސަލްޓޭޝަން ރޫމާއި، ފެ ފަރުވާ ދޭ ކޮޓަރީގެ އިތުރުން ކޮންފަރެންސް ރޫމެއް ހުރެ އެވެ. އެތަނުގައި ދެ ސައިކޭޓްރިސްޓުންނާއި، ދެ ކްލިނިކަލް ސައިކޮލޮޖިސްޓުންގެ އިތުރުން ކައުންސިލަރެއް އަދި ދެ އެޑްމިނިސްޓްރޭޓިވް ސްޓާފުން ހިދުމަތް މަސައްކަތް ކުރާނެ އެވެ.
އެ ސެންޓަރުގައި މަސައްކަތްކުރާ ސައިކޮލޮޖިންޓުން ދުވާލެއްގެ މައްޗަށް 12 އާއި 15 އާ ދެމެދުގެ އަދަދަކަށް ބަލި މީހުންނަށް ހިދުމަތްކުރާއިރު، ސައިކޭޓްރިސްޓުން ދުވާލެއްގެ މައްޗަށް 30 ބަލި މީހުންނަށް ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެ ސެންޓަރުން ފޯރުކޮށްދެނީ ސައިކޭޓްރީ، ސައިކޮލޮޖީ، ކައުންސެލިން އަދި އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު، އިންޑިއާގެ ކެޑެބަމްސް ގްރޫޕާ ގުޅިގެން އެތަނުގެ ފަންނީ މާހިރުން މެދުވެރިކޮށް، އޮންލައިންކޮށް 'ސުޕަ ސްޕެޝަލިސްޓް ކޮންސަލްޓޭޝަން' ވެސް އެމްއެޗްސީން ފޯރުކޮށްދޭނެ އެވެ.
އައިޖީއެމްއެޗް ގައި ހުންނަ މެންޓަލް ހެލްތު ސެންޓަރ (ސީއެމްއެޗް)
އެމްއެޗްސީން ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ފޯރުކޮށްދޭއިރު، 24 ގަޑިއިރު އޮންކޯލް ސައިކޭޓްރިސްޓް ހިދުމަތް ފޯރުކޮށްދޭނެ އެވެ. އޮންކޯލް ސައިކޭޓްރިސްޓުގެ ހިދުމަތް ހޯދުމަށް އަދި އެމްއެޗްސީން އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ ކޯލް ސެންޓަރު ނަންބަރު 1417 ގާއިމްކޮށްފަ އެވެ.
ނަފްސާނީ ސިއްހީ ހިދުމަތްތައް ފުޅާކޮށް، ކުރިއެރުވުމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން މިފަދަ އެތަކެއް ބުރަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާއިރު، އަދިވެސް ކުރަންހުރި މަސައްކަތްތައް ނުހަނު ގިނަގުނައެވެ. އެއީ ހަމައެކަނި ސަރުކާރުން ނުވަތަ ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރުމުން ވާނެ ކަމެއް ނޫނެވެ. އެހެނެއްކަމަކު، އަމިއްލަ ފަރުދުންގެ ހައިސިއްޔަތުންވެސް ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނު މިންވަރަކުން ނަފްސާނީ ދުޅަހެޔޮ މުޖުތަމައު އެއް އުފެއްދުމަށް މަސައްކަތް ކުރަންޖެހެއެވެ.