މޭރީގެ މަރާ ގުޅޭ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާ އެދިއްޖެ
އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ފިރިމީހާގެ ލޯބިވެރިޔާ ކަމަށްބުނާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރާލާފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. މޭރީގެ މަރު ރިޕޯޓްކޮށް، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާ މާވިން އެވެ. މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ.
މޭރީ މަރާލި ކަމަށް ބެލެވިގެން މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާއަށް ދައުވާކޮށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ފެށުމުގެ އަޑުއެހުމުގައި ލަމްހާގެ ފަރާތުން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދިނުމަށް އެދިފައެވެ. ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރު ކޮށްދޭން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
އެހެެން ނަމަވެސް ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ މިއަދުގެ އަޑުއެހުން ކަވަރު ކުރަން ގިނަ އަދަދެއްގެ ނޫސްވެރިން ވަދެ ތިބުމާއެކު އަޑުއެހުން ސިއްރުކޮށްދޭން އެދޭ ސަބަބުތައް ހާމަވާން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
ލަމްހާގެ މައްޗަށް ވަނީ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރަށް އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ އެ ހޮސްޕިޓަލުން ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ގެންދިޔަ މައްސަލަގާއި އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists