ކަނޑު އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް ހުވަދު އަތޮޅުގައި ފަށައިފި
ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ހުވަދު އަތޮޅުގައި މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މި މަހުގެ 23 އިން 27 އަށް ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެސްޓީއޯ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕް 2022" އެތުލެޓިކްސް މުބާރާތާ ގުޅިގެން ސްކޫލު ދަރިވަރުން ގޮވައިގެން ކަނޑުމަގުން ގިނަ ދަތުރުތަކެއް ކުރާނެތީ، ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެގޮތުން އެ އަތޮޅުގެ އެތެރޭގައި ދުއްވާ އުޅަނދުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ކޯސްޓްގާޑުން ބަލަމުންދާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މިއަދުން ފެށިގެން މުބާރާތް ނިމުމާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ.
އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists