Advertisement

ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ: މުހުތާޒް

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގދ.ހޯނޑެއްދޫން ހައްޔަރުކުރި ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގެ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒް މިހެން ވިދާޅުވެފައިމިވަނީ، ރަޝީދު ނިޔާވި މައްސަލާގައި ފުލުހުންނަށް ގިނަ ތުހުމަތުތަކެއް ކުރެވެމުން އަންނަނިކޮށެވެ. މުހުތާޒް ވިދާޅުވީ، މީގެ ކުރީގައި ހިނގާފައިވާ ފުލުހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން އަމިއްލަޔަށް ތަހުގީގު ކުރުމުން އިންސާފަށް ވާސިލުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ރަޝީދު ނިޔާވި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުން އަންނަ އިރު، އޭނާ ހައްޔަރު ކުރި ފުލުހުންގެ ބޮޑީކެމް ހާމަކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައިނުވާ ކަމަށެވެ.

ރަޝީދުގެ މަރުގެ މައްސަލައިގައި އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެމައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ރަޝީދު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އޭނާގެ އާއިލާއިން ވަނީ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement