ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލައިގައި ހުކުމްކުރަން ތައްޔާރުވެއްޖެ

20 Jan 2019 | 18:34

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމްގެ ރައީސްކަމަށް އިންތިޚާބުކުރި ކޮންގްރެސްގެ މައްސަަލައިގައި ހުކުމްކުރުމަށް ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެއެވެ.

މި ކޮންގްރެސްއަކީ ސައްޚަ ކޮންގްރެސްއެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮންގްރެސް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ ޕާޓީގެ ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ނޫރުއްސަލާމްވަނީ ކޮންްގްރެސްގައި ވޯޓުލާފައިވަނީ ވޯޓިންގް ބޫތުތަކެއް ބޭނުންނުކޮށްކަމަށް ނުކުތާ ނަންގަވާފައެވެ.

އެ ކޮންގްރެސްގައި ޕާޓީގެ ހިންގާ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ކައުންސިިލުން ނިންމި ކަމަށާއި  ކޮންގްރެސްގައި ވޯޓުލީ ފަރާތްތައް ކަށަވަރުނުކުރެވޭކަމަށްވެސް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމްކުުރުންކަމަށް އުއްތަަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

Advertisement

ކޮމެންޓް