ކޯލިޝަން އެއްބަސްވުމަށް އެމްޑީޕީން ހެޔޮ ހިތުން ޤާބޫލުކުރަން - ރައީސް ނަޝީދު

28 Jan 2019 | 22:38

ސަރުކާރާއެކު ވެފައިވާ ކޯލިޝަން އެއްބަސްވުމަކީ އެމްޑީޕީން ހެޔޮ ހިތުން ޤަބޫލުކޮށްފައިވާ އެއްބަސްވުމެއް ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ހެނދުނު "ރާއްޖެޓީވީ" އިން ގެނެސްދިން "ފަށާއިރު" ދެއްވި އިންޓަވިއުއެއްގައިއެވެ.

ނަޝީދު މީގެ އިތުރަށް ވިދާޅުވިގޮތުގައި މި އެއްބަސްވުމަށް ޤާބޫލުކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި 86 ދާއިރާއަށް ވާދަކުރުމަކީ ކޯލިޝަން އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރު އެބަ ހިނގާ ކަމަށާއި ވުޒާރާތައް ވެސް ހިނގާ ކަމަށެވެ. އަދި ކޯލިޝަން އޮތީ ބަދަހިކޮށް ކަމަށާއި ސަރުކާރުވެސް ނުވެއްޓޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެެވެ.

"އެބާވަތުގެ ކަމެއް ނުހިނގާ، ސަރުކާރު ނުވެއްޓޭނެ. ކޯލިޝަން ނުރޫޅޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވާހަކަ ދައްކަވާފައިވާ އިރު ކޯލިޝަންގެ ޕާޓްނަރ ޖުމްހޫރީ ޕާޓީ ގެ ލީޑަރު ވަނީ ކޯލިޝަން އޮތްތޯ ސުވާލު އުފައްދަވާފައެވެ.

ޖޭޕީ އާއި އެމްޑީޕީ އާއި ދެމެދު ކަންބޮޑުވުންތަކެއް އުފެދިފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

މިއާއެކު ޖޭޕީން ވަނީ ރައީސް ޔާމީން ހިމެނި ވަޑައިގަންނަވާގޮތަށް މަޖިލިސްގައި އެކުގައި ވާދަކުރުމަށް ވާހަކަދެއްކުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް