ރައީސް ޔާމީންގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Feb 2023 | 18:47
އާރަށު މައްސަލައިގެ ރިޕޯޓުގައި ޝަރީއަތް ދިޔަގޮތް އޮޅުވާލަން އެތައް ކަމެއް ހިމަނާފައިވޭ: ޝިޔާޒު

ވ. އާރަށުގެ މައްސަލައިގައި ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ޝަރީއަތް ހިންގައިިދިޔަގޮތް އޮޅުވާލުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށް ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒު ވިދާޅުވެއްޖެ އެވެ. 

ވ އާރަށުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރެވެމުން ދިޔައިރުވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެކަން ފާހަގަކުރައްވާފައި ވެއެވެ.

އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް މިއަދު ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާޒު ވަނީ ހިއްސާކުރައްވާފަ އެވެ. 

ޚުލާސާ ރިޕޯޓާއި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދިމައެއް ނުވޭ 

ދެ ރިޕޯޓުގައި ހުރި ތަފާތުތަކަށް އަލިއަޅުވާލައްވާ ޝިޔާޒު ވިދާޅުވީ ދެ ރިޕޯޓުގައި ހެކިންގެ އަދަދުތައްވެސް ދިމާނުވާ ކަމަށެވެ. އެކީގައި ތައްޔާރުކުރި ދެ ރިޕޯޓުކަމަށް ވާނަމަ އެވަރުގެ ބޮޑެތި ތަފާތުތަކެއް ހުރެގެން ނުވާނެކަމަށް ޝިޔާޒު ވިދާޅުވިއެވެ. 

"އެއް ރިޕޯޓަކުން ދެ ރިޕޯޓު ޖަނަރޭޓު ކުރިކަމަށް ވާނަމަ އޮންނާނީ އެކައްޗެއް. އެއްރިޕޯޓުގައި ހެކިންގެ އަދަދު ބަޔާންކޮށްފައި އޮންނަވަރާއި، އަނެއް ރިޕޯޓުގައި ހެކިންގެ މައުލޫމާތު ދީފައި ހުންނަވަރާއި ތަފްސީލުތަކާއިވެސް ތަފާތު. މިހާރުވެސް ކްރިމިނަލް ކޯޓުގައި ޝާއިއުކޮށްފައި އޮތް ރިޕޯޓު ބައްލަވާލީމަ މި ތަފާތުތައް ފާހަގަކުރެވޭނެ. އެއް ރިޕޯޓުގައި 13 ހެކިންގެ ވާހަކަ އިންނާނެ، އަނެއް ރިޕޯޓުގައި އޮންނާނީ ގާތްގަނޑަކަށް 8 ހެކިންގެ ވާހަކަ ލިޔެފަ"

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު

ދެ ރިޕޯޓުގައި ނަންބަރުތައް ތަރުތީބުކޮށްފައި ހުރި ގޮތާއި ބްލެޓިން ޕޮއިންޓުގެ ގޮތުގައި ހަދާފައި ހުރި ލިޔުންތަކުގައިވެސް ބިޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވިފައި ވާކަމަށް ޝިޔާޒު ވަނީ ވިދާޅުވެފަ އެވެ. 

ދިފާއީ ހެކިން ދެއްކި ވާހަކަތަކަށް އުނިއިތުރު ގެނެސްފައި ހުރި

 ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު ވިދާޅުވީ އާރަށު މައްސަލައިގެ ދިފާއީ ވަކީލުންނާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކުގައި އުނިއިތުރު ގެނެސްފައިވާކަމަށް ރިޕޯޓު ދިރާސާ ކުރަމުން ދިޔައިރު ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެގޮތުން ރިޕޯޓު ލިބުނުއިރު ދިފާއީ ހެކިންނާއި ބެހޭ ވަރަށް ބޮޑެތި ތުހުމަތުތަކެއް ބަޔާންކޮށްފައި ހުރިކަމަށެވެ. އެހެން ނަމަވެސް އެ ތުހުމަތުތަކަކީ ހުކުން އިއްވިއިރު ފަނޑިޔާރު ދައްކަވާފައިވާ ވާހަކަތަކެއް ނޫންކަމަށް ޝިޔާޒު ވިދާޅުވިއެވެ. އަދި އެ ދިފާއީ ހެކިންނަށް ފަނޑިޔާރު ރިޕޯޓުގައި ބަޔާންކޮށްފައިވާ ތުހުމަތުތައްވެސް ކޮށްފައި ނުވާކަމަށް ޝިޔާޒު ވިދާޅުވިއެވެ. 

"އެ ރިޕޯޓު އަޅުގަނޑުމެންނަށް ލިބުނުއިރު ދިފާއީ ހެކިންނާއި ބެހޭ ވަރަށް ގިނަ ތުހުމަތުތަކެއް ހުރި. އެހެން ނަމަވެސް ފަނޑިޔާރު ހުކުމް އިއްވިއިރު އެ ވާހަކަތަކަކީ ވިދާޅުވި ވާހަކަތަކެއް ނޫން. އެއީ ހުކުމަށް ފަހުން އިތުރުކޮށްފައި ހުރި ވާހަކަތަކެއް. އެއީ ކުރިން ހުރި ވާހަކަތަކެއް ނަމަ  އެ ހުކުމް އިއްވިއިރު އަޅުގަނޑުމެންނަށް އެ ވާހަކަތައް އަޑުއިވިގެން ދިޔައީސް. އަދި އެ ވާހަކަތައް އަޑުއަހަން ތިބި މީހުންނަށްވެސް އަޑުއިވިގެން ދިޔައީސް. ފަހުން އެއަށް އިތުރުކޮށްފައި އެ އޮތީ ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް"

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު

ޝިޔާޒު ވިދާޅުވީ ރިޕޯޓު ދިރާސާ ކުރަމުން ދިޔައިރު އެފަދަ ވަރަށް ގިނަ ވާހަކަތަކެއް ފާހަގަކުރެވިގެން ދިޔަކަމަށެވެ. 

ލިޔެކިޔުންތަކަށް ވެސް ބަދަލުއައިސްފައި ހުރި 

ދެ ރިޕޯޓުގައި ހުރި ފުށޫއަރާ ކަންތައްތަކަށް އަލިއަޅުވާލައްވާ ޝިޔާޒު ވިދާޅުވީ އެ މައްސަލައިގައި ހުށައެޅި ލިޔެކިޔުންތަކަށްވެސް ބަދަލުތަކެއް އައިސްފައިވާކަން ދެނެގަނެވިފައި ވާކަމަށެވެ. އެގޮތުން އެހެން މައްސަލައެއްގެ ދައުލަތުން ހުށައަޅާަފައި އޮންނަ ލިޔުމެއްގެ ކޮޕީ ލިޔުމެއްކަމަށް ބުނެ ހުށައަޅާފައިވާ ލިޔުންތައް މުޅިން އެހެން ލިޔުމަކަށް ބަދަލުވެފައިވާ ލިޔެކިޔުންތައްވެސް ފާހަގަކުރެވިފައިވާކަމަށް ޝިޔާޒު ވިދާޅުވި އެވެ. 

"އެހެން މައްސަލައެއްގައި ދައުލަތުން ހުށައަޅާފައިވާ ލިޔުމެއް، އަނެއްކާ އެ ލިޔުން މި ހުށައަޅަނީ ހަމަ އިލެކްޓްރޯނިކް ކޮޕީއަކުން ކޮޕީ ހަދާފަ އަނެއްކާ މި ހުށައަޅަނީ ކޯޓަށް، ހުށައަޅާއިރު އެ މި އޮންނަނީ ބަދަލުވެފައި. މިއީ މިހާ ބޮޑެތި އިއްތިފާގުތަކެއް މި މައްސަލައިގެ ތެރޭގައި ނުކުމެގެން ދާނެ ކަމެއް. 

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު

ހެކިން ނުދައްކާ ވާހަކަތައް ރިޕޯޓުގައި ހުރި

ޝިޔާޒު ވިދާޅުވީ ވ އާރަށުގެ މައްސަލައިގައި ޝަރީއަތް ނިންމި ރިޕޯޓުގައި އެ މައްސަލައިގައި ހެކިބަސް ދިން ހެކިން ނުދައްކާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައި ވާކަމަށެވެ.

ޝަރީއަތުގައި ހެކި ދިން ފަރާތްތަކުގެ ސްކްރިޕްޓް ގާނޫނީ ވަކީލުންގެ އަތްޕުޅުގައި އޮތްކަމަށާއި، ހެކިން ބުނިކަމަށް، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ބައެއް ވާހަކަތަކަކީ ހެކިން ހެކިބަސް ދެމުން ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

"މި މައްސަލައިގެ އިސްތިއުނާފުގައި ފާހަގަކޮށްފައި އޮންނާނެ، ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވިއިރުގައި ހެކިން ދައްކާފައިހުރި ކަމަށް ރިއާޔަތްކުރި ވާހަކަ. ހެކިން މީގެން ވާހަކައެއް ކޯޓުގައި ދެއްކިއޭ. މިވެނި ގޮތަކަށް ހެކިބަސް ލިބުނޭ ކިޔާފަ އެގޮތަށް ފަނޑިޔާރު ބަޔާންކޮށްފައި މި ހުންނަނީ.. އެހެން ނަމަވެސް ހެކިބަސްތަކުގެ ސްކްރިޕްޓު އަޅުގަނޑުމެންގެ އަތުގައި އެބޮތް. އެ ސްކްރިޕްޓުގައެއް އެވާހަކައެއް ނުހުރޭ"

ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު

ޝިޔާޒު އިތުރަށް ވިދާޅުވީ މި ނޫނަސް އެފަދަ އެތައް މައްސަލައެއް ފާހަގަކުރެވިފައިވާކަމަށެވެ. ޝަރީއަތް ނިންމިގޮތުގެ ރިޕޯޓުގައި ވަރަށް ގިނަ ކަންތައްތަކެއް އޮޅުވާލައިގެން ލިޔެފައިވާކަމަށާއި، އެކަންކަން އިސްތިއުނާފު ފެށުމުން އަދި އިތުރަށް ސާފުކޮށްދެއްވާނެކަމަށް ޝިޔާޒު ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިޔާޒު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން އުފުލި ދައުވާވެސް ހަގީގަތުގައި ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހުކުން އިއްވި ދުވަހު ކަންކަން ހިނގައިދިޔަ ގޮތާއި، އެފަހުން އެ މައްސަލައިގެ ރިޕޯޓު ހޯދުމަށް ކުރަން ޖެހުނު މަސައްކަތަށް ބަލާއިރުވެސް މިއީ އިންސާފުން އިއްވާފައިވާ ހުކުމެއް ނޫންކަން ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.