އެންޑޯމެޓްރިއޯސިސް؛ ކުޑަ ކަމެކޭ ހިތައި ފަރުވާ ކުޑަ ކޮށްލާ ވަރަށް ވުރެ މާ ބޮޑު ކަމެއް

އެންޑޮމެޓްރިއޯސިސް އާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުން-- ފޮޓޯ/ ގޫގުލް

މައްސަރު ކަންތައް ދިމާވާން ފެށުނީއްސުރެ، ކޮންމެ މަހެއްގެ އެދުވަސްވަތަކީ ވަރަށް ވޭނުގައި އުޅެންޖެހުނު ދުވަސް ވަރެކެވެ. ދަށް ބަނޑުގައި އަޅާ ވޭނުގެ ސަބަބުން ތެދުވެ އުޅެންވެސް، އޮށޯވެ އޮންނަންވެސް އުނދަގުލެވެ. ތަދު ކަނޑުވާ ބޭސް ކައިގެން ނޫނީއެ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އެކަން ޢާއިލާގެ މީހުންނާއި ރަހުމަތްތެރިންނާއިވެސް ހިއްސާ ކުރެވުނެވެ. އެންމެންގެ ޖަވާބަކީވެސް ވީ ތިއީ ވަރަށް އާދައިގެ ކަމެކޭ، އެންމެންވެސް ތިވޭން ތަހައްމަލް ކުރެއޭ، ތިބާ ކަންތައް ބޮޑުކޮށްލަނީއޭ އެވެ. 

އެތައް އަހަރަކު އެ ވޭނުގައި އުޅުމަށްފަހު، އެކަމުގެ ހަގީގަތް އެނގުނީ މީހަކާއިވެސް އިނދެ ދަރިއަކު ހޯދުމުގެ މަސައްކަތް ފަށައި އެކަން ކާމިޔާބު ނުވުމުގެ ސަބަބުން ހެދުނު ޓެސްޓް ތަކަކުންނެވެ. 

މައްސަރު ކަންތަކަކީ ގިނަ މީހުންނަށް ވޭން އަޅާ ކަމެއް ނަމަވެސް، އެކަމުގެ ވޭން އެތައް ގުނަ އަކަށް އިތުރުވެ އެ ދުވަސްވަރު ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް އެ ވޭން ތަހައްމަލް ކުރަންޖެހުނީ، އެެންޑޮމެޓްރިއޯސިސްގެ ސަބަބުންނެވެ. ނަމަވެސް، އެކަން އެނގުނު އިރު އޮތީ މާބޮޑަށް ވެސް ލަސްވެފައެވެ. 

މިއީ އެެންޑޮމެޓްރިއޯސިސް ތަހައްމަލް ކުރަމުންދާ އެތައް ބައެއްގެ ވާހަކައެވެ.

އެެންޑޯމެޓްރިއޯސިސް އަކީ ކޯޗެއް؟ 

އެންޑޮމެޓްރިއޯސިސް އަކީ ކޮން އެއްޗެއްކަން އެނގުމުގެ އެންޑޮމެޓްރިއަމް އަކީ ކޮންއެއްޗެއްކަން އެނގެންޖެހެއެވެ.  އެންޑޮމެޓްރިއަމް އަކީ ރަހިމުގެ އެންމެ އެތެރެއިން ލެވިފައިވާ ތެތް ދުލިފަށަލަ އެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ރަހިމުގެ ފާރުގެ އެތެރެއިން ލެވިފައިވާ ބަތާނަ ފަށެވެ. މިފަށަލައިގެ ތެރޭގައި ދަވަދޫކުރާ ގްލޭންޑުތައް ހުރެއެވެ. ކުރާ މަސައްކަތަށް ރިއާޔަތްކޮށް މިފަށަލަ ދެބަޔަކަށް ބެހިގެންވެއެވެ. އެއީ؛

1) ފަންކްޝަނަލް ލޭޔަރ: މިއީ އެތެރެއަށް ވާގޮތަށް އިންނަ ފަށަލަ އެވެ. މައްސަރު ކަންތައް ކުރިމަތިވާތާ ކުރީކޮޅުގައި މިފަށަލަ ބޯވެ، ލެއިން މުއްސަނދި ވެގެންދާނެ އެވެ. ބިސް މުޑުވައްނުވެއްޖެނަމަ، އަދި ރަހިމުގެ ފާރުގައި ގަރުބަ ނުގަނެއްޖެނަމަ، މިފަށަލަ މައްސަރުގެ ތެރޭގައި ބީވެނެތިދާނެ އެވެ.

2) ބޭސަލް ލޭޔަރ: މިއީ ރަހިމުގެ މަސް ފަށަލައާ ޖެހިގެން އިންނަ ފަށަލަ އެކެވެ. މައްސަރުގެ ތެރޭގައި މިފަށަލަ ބީވެނެތިގެނެއް ނުދާނެ އެވެ. މައްސަރުގެ ތެރޭގައި ފަންކްޝަނަލް ލޭޔަރ ބީވެ ނެތިދިއުމުން އަލުން އުފެދިގެން އަންނަނީ މިފަށައިންނެވެ.

އެންޑޮމެޓްރިއަމް ފަށަލައިގައި ހިމެނޭ ގުލޭންޑްތައް ރަހިމުން ބޭރުގަ އަށަގަތުމަށް ކިޔަނީ އެންޑޮމެޓްރިއޯސިސްއެވެ.

އެންޑޮމެޓްރިއޯސިސް ޖެހެނީ ކީއްވެ؟ 

އެންޑޮމެޓްރިއޯސިސް ޖެހުމަށް މެދުވެރިވާ ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް މިއީ ޖެނެޓިކް، އާއި ތިމާވެއްޓާއި ހޯރމޯންގެ ކަންތައްތަކެއް ގުޅިގެން ދިމާވެދާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

މައްސަރު ކަންތައްތަކުގެ ތެރޭގައި އެންޑޯމެޓްރިއަލް ސެލްތަކުގެ ތެރެއިން ބައެއް ސެލްތައް ފެލޯޕިއަން ޓިއުބްގެ (ބިސް ދަތުރުކުރާ ހޮޅި) ތެރެއިން ދަތުރުކޮށް ހަށިގަނޑުގެ އެހެން ސަރަހައްދުތަކުގައި އިންޕްލާންޓް ވުމުގެ ނުވަތަ އަށަގަތުމުގެ ސަބަބުން ވެސް މި ބަލި ތަހައްމަލް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތަށް އިންޕްލާންޓް ވެގެން އުފެދޭ ޓިޝޫ، ކޮންމެ މަހަކު ބޯވެ ފަޅައިގެން ދާ ނަމަވެސް، އެއަށް ހަށިގަނޑުން ނުކުމެވޭނެ ގޮތެއް ނޯވެއެވެ. މިކަމުގެ ސަބަބުން ދުޅަވުމާއި، ތަދުވުމާއި، ސްކާރ ޓިޝޫ އުފެދިގެން ދިއުން ފަދަ ކަންކަން މެދުވެރިވެއެވެ.

އެންޑޯމެޓްރިއޯސިސް ޖެހިދާނެ ބައެއް ގުނަވަންތައް

މި ބަލި އާންމުކޮށް ޖެހެނީ އޯވަރީ (ބިސް ރަވަ) އަށެވެ. އަދި ރަހިމުގެ ވަށައިގެންވާ ގުނަވަންތަކަށްވެސް ބައެއްފަހަރު މިބަލިޖެހެއެވެ. މިގޮތުން ކުޑަކަމުދާ އެއްޗެތި އެޅޭ ކޮތަޅާއި ބޮޑުގޮހޮރު ހިމެނެއެވެ. އަދި މީނޫންވެސް އެހެން ގުނަވަންތަކަށް މި ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ.

މިބަލި ޖެހެނީ ކޮންބަޔަކަށް؟

އެންޑޮމެޓްރިއޯސިސް އާންމުކޮށް ޖެހެނީ އަންހެނުންނަށެވެ. މިގޮތުން އަންހެނުންގެ ތޭރޭން %10 މީހުން މިބަލި ތަހަންމަލްކުރެއެވެ. މި ބަލިޖެހޭ މީހުންގެ ނިސްބަތުން އަންހެނުން ގިނަ ކަމުގައި ވިޔަސް ފިރިހެނުންނަށްވެސް މިބަލި ޖެހޭކަމަށް ރިޕޯރޓް ކޮށްފައިވެއެވެ. އެގޮތުން ކުޑަކަމުދާ ނިޡާމަށާއި ފުއްޕާމެއަށްވެސް މިބަލި ޖެހިގެން ފިރިހެނުން ފަރުވާ ހޯދާފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

މި ބަލި ޖެހުމުން ‏އެންމެ އާންމުކޮށް ދިމާވެދާނެ އަލާމާތްތަކަކީ ކޮބާ؟

އެންޑޮމެޓްރިއޯސިސް ޖެހުމުން މައްސަރު ކަންތައް ދިމާވާއިރު ބަނޑުގައި ގަދައަށް ރިއްސުމާއި، މައްސަރުކަންތައް ދިގުލައި ދެމިގެންދިޔުމާއި، ގިނައިންލޭއައުން އަދި ޖިންސީ ގުޅުން ހިންގާއިރު ރިހުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ. އަދި މީގެ އިތުރުން، މީގެ ސަބަބުން ދެމަފިރި ކަމުގެ ގުޅުން ހިންގާ ވަގުތު ނުވަތަ އޭގެފަހުން ވިޔަސް ތަދުވުމާއި އަދި ދަރިމައިވުމުގެ މައްސަލަ ތަކާއިވެސް ކުރިމަތިވެއެވެ.  

އަދި ފުއްޕާމޭގެ އެންޑޮމެޓްރިއޯސިސް ޖެހިއްޖެނަމަ ފުއްޕާމޭގެ ވަށައިގެންވާ ދުލިފަށް ދޭތެރެއަށް ލޭއެޅުންފަދަ ކަންކަން ދިމާވެއެވެ.

މި އަލާމާތްތަކުގެ ތެރެއިން، އާއްމުކޮށް އެކި މީހުންނަށް ފެންނަނީ އެކި އަލާމާތެވެ. ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހިނގައިދެއެވެ. 

މިބަލި ދެނެގަންނަނީ ކިހިނެއް؟

މިހެން ދިމާވެފައިވާ ކަމަށް ޝައްކުކުރެވޭ ގުނަވަނެއްގައި އެންޑޮމެޓްރިއަލް ޓިޝޫ ހުރިތޯ ބަލުމަށްފަހު އެތަނުން އެތިކޮޅެއްނަގައިގެން ތަޙުލީލުކުރުމަުން މި ބަލި ހުރިކަން ނޫނީ ނެތްކަން ދެނެގަނެވެއެވެ.

މިގޮތުން، ބަަނޑުތެރޭގައި އެންޑޮމެޓްރިއަލް ޓިޝޫ ހުރިކަމަށް ލަފާކުރެވޭނަމަ, ފޫޅުކައިރިން ބަނޑުތެރެއަށް ކެމެރާއެއްލެއްވުމަށްފަހު، ރީއްޗަށްބެލުމަށްފަހު، އެތަނުން ބައޮޕްސީ އެތިކޮޅެއް ނަގައިގެން ޓެސްޓުކުރުމަށްފަހު ބަލި ދެނެގަނެވެއެވެ. މިގޮތަށް ތަހުލީލު ކުރުމަށް ފަހު ބަލި ހުރިކަމަށް ފެނިއްޖެނަމަ ބައްޔަށް ވޭހާވެސް އަވަހަށް ފަރުވާ ކުރަން ފަށަން ވާނެއެވެ. އާއްމުކޮށް މި ބައްޔަށް ފަރުވާގެ ގޮތުގައި ދެނީ ހޯރމޯން ތެރަޕީއެވެ. ނަމަވެސް ބައެއްފަހަރަށް ބަލިޖެހިފައިވާ ހިސާބުތައް އޮޕަރޭޝަންކޮށްފައި ނަގަންވެސް ޖެހޭ ހާލަތްތަށް އާދެއެވެ.

މި ބަލި ޖެހުމުން ރައްކާތެރިވަން ކުރެވޭނީ ކޮންކަމެއް

އެންޑޮމެޓްރިއޯސިސް ޖެހެނީ ސީދާ ކީއްވެ ކަން ހޯދިފައި ނުވާ ފަދައިން، އެ ބަލިން ރައްކާތެރި ވުމަށް ކުރެވޭނެ ވަކި ޚާއްސަ ކަމެއް އަދި ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް، މި ބަލީގެ އަލާމާތްތައް ކުރިއާލާ އެނގި އެކަން ދެނެ ގަނެވިއްޖެ ނަމަ މާ ސީރިއަސް ހާލަތައް ދިޔުމުގެ ކުރިން ފަރުވާ ކުރެވިދާނެއެވެ. 

އަދި މީގެ އިތުރުން، ތިމާގެ ކެއުމުގެ ވައްޓަފާޅި ބަދަލުކޮށް، ސިއްހަތަށް ފައިދާ ހުރި މޭވާ އާއި ތަރުކާރީ ފަދަ ކާނާ ބޭނުން ކުރުމާއި، ގަވާއިދުން ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީވެސް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދޭނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ. 

ދަރިމައިވުމާއި އެންޑޮމެޓްރިއޯސިސް

ދިރާސާތަކުން ދައްކާ ގޮތުން، ދަރުމައި ވުމުގެ މައްސަލަތައް ކުރިމަތިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތަ މީހުންނަކީ އެންޑޮމެޓްރިއޯސިސް ތަހައްމަލް ކުރާ މީހުންނެވެ. އެހެންނަމަވެސް، އެންޑޮމެޓްރިއޯސިސް ގެ ސަބަބުން ދަރުމައިވުމަށް ހުރަސް އެޅެނީ، ނުވަތަ އުނދަގޫ ވަނީ ސީދާ ކީއްވެ ކަމެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. 

އެންޑޮމެޓްރިއޯސިސް ސަބަބުން އުފެދޭ ސްކާ ޓިޝޫ، އޯވަރީ އިން ބިސް އުފެއްދުމަށް ހުރަސް އެޅުމަކީ ވެދާނެ ކަމެކެވެ. ނުވަތަ އެ ސްކާ ޓިޝޫގެ ސަބަބުން އޯވަރީ އިން އުފައްދާ ބިސް، ފެލޯޕިއަން ޓިޔުބް ތެރެއިން ރަހިމުގެ ތެރެއަށް ދިޔުމަށް ހުރަސް އެޅުމަކީ ނުވަތަ އެ މަގު ބްލޮކް ކޮށްލުމަކީވެސް ވެދާނެ ކަމެކެވެ. 

އަދި ހަމަ އެހެންމެ، އެންޑޮމެޓްރިއޯސިސް ގެ ސަބަބުން، ސްޕާމް/ދަރިފަނި ހަލާކުވުން ނުވަތަ ފާޓިލައިޒް ވެފައިވާ ބިސް ހަލާކުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ރަހިމުގެ ބައެއް ގުނަވަންތަކުގައި އެންޑޮމެޓްރިއޯސިސް

މިފަދަ ސަބަބު ތަކާއިހުރެ އެންޑޮމެޓްރިއޯސިސް ތަހައްމަލް ކުރާ މީހުންނަށް ދަރިން ލިބުމަށް ދަތި ތަކާއި ކުރިމަތިލާން ޖެހުނަސް، އެ ބަލި ތަހައްމަލް ކުރާ އެތައް ބަޔަކު ބަނޑުބޮޑުވެ، ސިއްހަތު ރަނގަޅު މާބަނޑު ދުވަސްތަކަކާއިއެކު ސިއްހަތު ރަނގަޅު ދަރިން އެތައް ބަޔަކަށް ލިބިފައި އެބަހުއްޓެވެ. އެހެންކަމުން، އެންޑޮމެޓްރިއޯސިސް އަކީ ދަރިމައި ވުމުގެ އުއްމީދު ކަނޑާލާންވީ ސަބަބެއް ނޫން ކަމަށް ޑޮކްޓަރުން ބުނެއެވެ. 

ވުމާއެކު، މި ބަލި މިއީ ކުޑަ ކަމެއްގެ ގޮތުގައި ނުދެކި، ބަލީގެ ޢަލާމާތްތައް ފެންނަ ނަމަ، ވޭހާވެސް އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދައި، ޑޮކްޓަރުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. 

މައްސަރު ކަންތައްތަކަކީ ވޭން ހުރި ކަމެކެވެ. އެހެންނަމަވެސް، ބައެއް ފަހަރު، ބައެއް މީހުންނަށް އެ ވޭން އިންތިހާއަށް ގަދަ ވެގެންދަނީ ކޮންމެވެސް ގޯހެއް އުޅޭތީއެވެ. އެއީ އާދައިގެ ކަމެއް ކަމަށް ހީކޮށް، ކޮންމެ ފަހަރަކު ބޭސް ގުޅައަކުން އެކަން ނިންމާ ނުލުމުން ފަހުން ނުކުންނަ ނަތީޖާ ވަރަށްވެސް ހިތިވެދާނެއެވެ. 

Advertisement

ކޮމެންޓް