އެންޑީއޭއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބަދަލުތަކެއް
2021 ވަނަ އަހަރުގެ މޭ މަހުގެ 21 ވަނަ ދުވަހު ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ހިިންގުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މިނިސްޓްރީ އޮފް ހެލްތްގެ ދަށަށް ބަދަލުކުރައްވާފައެވެ. މިއާއިއެކު މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ރާއްޖޭއަށް ހައްލެއް ހޯދުމަށްޓަކައި އެންޑީއޭގެ ވިސްނުން މުޅިން އެއްކޮށް ބަދަލުކޮށްލިއެވެ. އެގޮތުން މިމައްސަލައަކީ ބައްޔެއްގެ ގޮތުގައި ބަލަންފަށައި އެކަމަށް ފަރުވާ ހޯދުމަށް، މުޅިން އައު ކޮންސެޕްޓްތަކަކާއިއެކު، ފަރުވާ ވަށާ ޖެއްސޭ ވަރުގެ މަރުހަލާތަކެއްގެ މައްޗަށް ބިނާކޮށް ޕްރޮގްރާމެއް އެކުލަވާލެވުނެވެ. މިކަމުގެ ދަށުން މި ރަމަޟާން މަހުވެސް 43 ފަރާތެއް އެންޑީއޭގެ ބެލުމުގެ ދަށަށް ގެންގޮސް ފާހަގަކުރެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް މި ފަރާތްތަކުން ފެނިގެން ގޮސްފައިވާ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.
އެންޑީއޭގެ ހިދުމަތްތައް މިނިސްޓްރީ އޮފް ހެލްތް ގެ ދަށަށް ބަދަލުކުރެވުމާއިއެކު އެތެރޭގެ ހިންގުންތައް ދެނެގަތުމަށްޓަކައި ރިވިއު ޓީމެއް އެކުލަވާލެވުނެވެ. އަދި މިޓީމްގެ ފަރާތުން އެތެރޭގެ ހިންގުތައް ރިވިއު ކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ގާނޫނު ރިވިއުކޮށް އޭގައި ހުރި މައްސަލަތައް ދެނެގަނެވުނެވެ. މިއާއިއެކު ރައްޔިތުން މަޖްލީހާއި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލް (އެންޑީސީސީ)ގެ ރެކޮމެންޑޭޝަން ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން ގެންގުޅޭ އުސޫލުތައް ދިރާސާކޮށް ބޭރުގެ ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުނެވެ.
މީގެ އިތުރުން ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އެހީއާއިއެކު އެންޑީއޭއިން ކުރެވުނު ދިރާސާތަކުގެ ތެރޭގައި 10 އަހަރަށްފަހު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ބެހޭގޮތުން 'ޑްރަގް ސިޗުއޭޝަނަލް އެނާލިސިސް' އެއް ވަނީ ހަދާފައެވެ. މިއާއިއެކު ހުރިހާ އެންޑީއޭގެ މަރުކަޒުތަކާއި، ސިއްހީ ފަރުވާދޭ ތަންތަނުގެ ފެސިލިޓީ މެޕިންގ އާއި، ސްޓޭކްހޯލްޑަރުން ދެނެގަތުމަށްޓަކައި ސެކްޓަރ މެޕިންގ އެއް ވަނީ ހަދާފައެވެ. އަދި އޭރު އޮތް ފަރުވާ ޕްރޮގްރާމްގައި ހުރި މައްސަލަތަކާއި ފުރިހަމަ ނުވެ ހުރި ބައިތައް ވަނީ ދެނެގަނެފައެވެ.
މި މަރުހަލާތައް ކަޑައްތުކުރުމަށްފަހު ލިބުނު މައުލޫމާތާއިއެކު އެންޑީއޭގެ އެތެރޭގެ ހިންގުމަށާޢި އޭރު އޮތް ފަރުވާ ޕްރޮގްރާމްއަށް ބޮޑެތި ބަދަލުތަކެއް ގެނެވުނެވެ. އެގޮތުން އެންޑީއޭގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ ދެނެގަނެ، މުޅި ސްޓްރަކްޗަރ ބަދަލުކޮށް، ބޭނުންނުވާ މަގާމުތައް އުވާލެވުނެވެ. އަދި އެކި ޑިޕާރޓްމެޓްތަކަށް ބޭނުންވާ އަދަދަށް އިތުރު މުވައްޒަފުން ހޯދައި ސްޓެޓިސްޓިކްސް، ރީ އިންޓެްރޭޝަން، ރިސާޗް އެންޑް ޕްރިވެންޝަން ފަދަ މުޅިން އައު ދާއިރާތައް އެކުލަވާލެވުނެވެ. މިއާއިއެކު އެންޑީއޭގެ އެކިއެކި އިސް މަގާމުތަކަށް ބޭފުޅުން ހޯދުމުގެ ތެރެއިން އައު ސީއީއޯއަކަށް އިއުލާންކޮށް އެމަގާމަށް ވެސް ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.
މި ބަދަލުތަކުގެ އިތުރުން އެންޑީއޭގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ އެތެރޭގެ އޮޑިޓްއެއްކޮށް ބަޖެޓްއިން ހުރި ބޭކާރު ހަރަދުތައް ދެނެގަނެވުނެވެ. މީގެ ތެރެއިން ދަތުރުފަތުރުގެ ނިޒާމާއި ފެނާއި، ކުނި ފަދަ ހަރަދުތައް ކުޑަކޮށް އެތައް މިލިއަނުން ރުފިޔާ ސަލާމަތްކުރުމާއިއެކު އެންޑީއޭގެ ހިދުމަތްތަކާއި މުވައްޒަފުންގެ އަދަދުވެސް ވަނީ އިތުރު ކޮށްފައެވެ. މީގެ ތެރެއިން 2 ސައިކިއޭޓްރިސްޓުން ހޯދުމާއިއެކު، ފަރުވާއަށް ބޭނުންވާ ބައެއް ޑޮކްޓަރުން ބޭރުން ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ބޭރުގެ އެކިއެކި ގައުމުތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓުމަށްޓަކައި 'ކްލިނިކަލް ސުޕަވިޒަން' ކުރިއަށް ގެންދެއެވެ. ރާއްޖޭގައިވެސް މިކަން ކުރުމަށް އެންޑީއޭއިން ވަނީ ކްލިނިކަލް ސުޕަވިޒަން އަލަށް ތައާރަފް ކޮށް މިކަމަށް ހާއްސަ 3 ކައުންސިލަރުން ހޯދާފައެވެ. މިއާއިއެކު ކުރިން ސްކްރީން ކުރުމަށް ގެނެގުޅުުނު ޓޫލްގެ އިތުރުން އެހެނިހެން ޓޫލްސްތައް ތައާރަފްކޮށް ކުޑަކުދިންނަށް ހާއްސަ ސްކްރީނިންގ ޓޫލް އެއްވެސް ވަނީ ހޯދާފައެވެ. މި ސްކްރީނިންގ ޓޫލްތައް ދިވެއްސަށް ތަރުޖަމާކޮށް، މި ތަކެތި ބޭނުން ކޮށްގެން ފަރުވާ ދިނުމަށް މުވައްޒަފުން ވަނީ ތަމްރީނުކޮށްފައެވެ.
މެޑިކަލީ އެސިސްޓެޑް ޓްރީޓްމެންޓް (ބޭހުގެ އެހީގައި ދެވޭ ފަރުވާ) ގެ ތެރެއިން މިކަމަށް ހާއްސަ އައު ވައްތަރުގެ ބޭސްތައް އިތުރުކުރެވުނެވެ. އަދި ހުރިހާ ސެންޓަރެއްގައި މިބޭސްތައް ލިބޭނެ އިންތިޒާމް ހަމަ ޖައްސައި، މިބޭސްތައް ބޭނުންކުރުމަށް ޑޮކްޓަރުންނަށް ތަމްރީނު ދެވުނެވެ. މިއާއިއެކު މިބޭސްތައް ބޭނުން ކުރުމަށް އެތައް ގައިޑްތަކެއް އެކުލަވާލެވުނެވެ. މީގެ ތެރޭގައި ޑްރަގް ވިތްޑްރޯވަލް މެނޭޖްމެންޓް ގައިޑްއަކާއި، ހެރޮއިން އޯވާޑޯޒް މެނޭޖްމެންޓް ގައިޑް އަދި ނަލްޓްރެކްޒޯން ޓްރީޓްމެންޓް ގައިޑްއެއް ވެސް ހިމެނެއެވެ. މި ގައިޑްތަކަށް އަމަލުކޮށް ސިއްހީ މަރުކަޒުތަކުގައި ފަރުވާ ދިނުން ވަނީ ފަށާފައެވެ.
މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދާ ފަރާތްތަކަށް މުހިންމު ބޭހެއް ކަމުގައިވާ މެތެޑޯން އެތެރެ ކުރުމުގެ ކޯޓާ ވަނީ އަހަރަކު 200 އިން 2000 އަށް އިތުރުކޮށްފައެވެ. މިއާއިއެކު މެތެޑޯން މެއިންޓެނެންސް ޕްރޮގްރާމެއް މާލޭގައި އަދި އައްޑޫ ސިޓީގައިވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން 53 ރަށެއްގައި ކޮމިޔުނިޓީ ރިހެބް ޕްރޮގްރާމްތައް ފެށުމާއިއެކު، ސިއްހީ މަރުކަޒެއް ހުންނަ ކޮންމެ ރަށަކުންވެސް ފަރުވާ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ކުރިން އޮންނަ ގޮތުން ނަމަ ފަރުވާ ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްރޮގްރާމް އޮންނަ ރަށަކަށް ދިރިއުޅުން ބަދަލުކުރަންޖެހެއެވެ.
މުޅި ފަރުވާ ޕްރޮގްރާމަށް އަލިއަޅުވާލާއިރު ކުރިއާއި މިހާރާއި އޮތް އެންމެ ބޮޑު ތަފާތަކީ މިހާރު ފަރުވާ ދޭން ފަށާ މަރުހަލާއިން ފެށިގެން ނިމުމާއި ހަމައަށް، އަދި ނިމުމަށްފަހު އަލުން މުޖްތަމައަށް ނިކުތުމަށާއި، ކުރީގެ އާދައަށް ނުވެއްޓުމަށް ވަށާ ޖެހޭ ފުރިހަމަ ޕްރޮގަރާމެއް އެކުލަވާލައިފާކަމެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ރީއިންޓްގްރޭޝަން ޕްރޮގްރާމެއް މިހާރު ވަނީ އެކުލަވާލައިފާވެއެވެ. އެގޮތުން ރީ އިންޓެގްރޭޝަން ހަބްއެއް ހުޅުމާލޭގައި ހުޅުވާލައިފާވާއިރު މި ފިޔަވަޅުގެ މަގްސަދަކީ ފަރުވާ ޕްރޮގަރާމުން ނިކުންނަ ފަރާތްތަކަށް 'އެގްޒިޓް ޕްލޭން' އެއް ރާވާލުމެވެ. މީގެ ތެރޭގައި ތަމްރީނު ދިނުމާއި، އެކި ކަހަލަ ހުނަރުތައް ތަރައްގީ ކުރުމާއި ވަޒީފާގެ ފުރުސަތުތައް ހަމަ ޖައްސައިދިނުން ހިމެނެއެވެ. މި ޕްލޭންގެ ދަށުން ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިނުމަށް އެސްއޯއީތަކާއިއެކު އެމްއޯޔޫގައި އެންޑިއެއިން ވަނީ ސޮއިކޮށްފައެވެ.
-ޔުނިސެފްގެ އެހީއާއިއެކު ކުޑަ ކުދިންގެ ރިހެބިލިޓޭޝަން ޕްރޮގްރާމް
-ޔޫއެންއޯޑީސީގެ އެހީއާއިއެކު އަންހެނުންނަށް ހާއްސަ ޕްރޮގްރާމް
-މިހާރު ހުރި ރިހެބް ޕްރޮގްރާމްތައް ޑަބްލިއުއެޗްއޯގެ އެހީއާއިއެކު ރިވިއު ކުރުން
-މިހާރު ހުރި ފަރުވާ ޕްރޮގްރާމްތައް ހެކި ލިބިފައިވާ ބައިނަލްއަގްވާމީ ޕްރޮގްރާމްތަކުގެ އެހީގައި އިތުރަށް ރަނގަޅުކުރުން
-ސ. ހުޅުމީދޫގައި 'ވިލުނު' ފަރުވާދޭ މަރުކަޒު ހުޅުވުން
-ހުޅުމާޅޭގައި އަންހެނުންގެ ރިހެބް އެއް ގާއިމުކުރުން
-ހުޅުމާޅޭގައި އަލުން ހާފްވޭހައުސް ހުޅުވުން
-ޖަލުގައި ތިބި ގައިދީންނަށް ހާއްސަކޮށް ރިހެބް ޕްރޮގްރާމް ފެށުން
-ކުޅުދުއްފުށީގައި އެމްއެމްޓީ ޕްރޮގްރާމް ފެށުން
-ވެލްނަސް ސެންޓަރެއް ގާއިމު ކުރުމަށް ހުޅުމާލެއިން ބިން ހޯދުން
އެންޑީއޭއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީވުމަށް ކުރަމުންދާ މަސައްކަތަށް ހުރި އެންމެ ބޮޑު އެއް ހުރަހުގެ ގޮތުގައި ފާހަގަވެފައިވަނީ ފަރުވާ ދިނުމަށް ބޭނުންވާ ހާއްސަ ޑޮކްޓަރުން ރާއްޖޭގައި މަދުވުމެވެ. ރާއްޖޭގައި މިކަން ކިޔަވާފައިވާ މީހުން ގިނަ ނަމަވެސް ވަޒީފާއަށް ނިކުމެ އެކަން ޕްރެކްޓިސް ކުރާ މީހުން މަދެވެ. މިކަން ހައްލު ކުރުމަށް އެންޑިއޭއާއި ހަޔަރ އެޑިޔުކޭޝަން މިިނިސްޓްރީ ގުޅިގެން 'އެޑިކްޝަން ސްޓަޑީޒް' އަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލެވުނެވެ. ނަމަވެސް 30 މީހުންނަށް ހުޅުވާލެވުނު މި ފުރުސަތަށް ކުރިމަތިލުމަށްފަހު ތައުލީމު ހާސިލް ކުރަމުން ދަނީ އެންމެ ދެ މީހުންނެވެ.
މަސްތުވާތަކެތިން ދުރުހެލިވުމަށް އެ ބޭނުންކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ވަރަށް ބުރަ މަސައްކަތެކެވެ. މި މަސައްކަތުގައި ދެމި ހުރުމަށް އަމިއްލަ އާއިލާއާއި މުޖްތަމައުގެ އެއްބާރުލުން ބޭނުންވެފައިވާއިރު ގިނަ ފަހަރު އެހީގެ ބަދަލުގައި ލިބިގެން ދަނީ އެކަހެރި ކުރުވުމާއި، ހަޑިހުތުރު ބަސްތަކާއި، ސޯސަލް މިޑިއާގައި ލަދުވެތި ކުރުން ފަދަ އަމަލުތަކެވެ. މިކަމުގެ ސަބަބުން މި ފަރާތްތައް ކުރިއަށް ދިޔުމަށް އަޅާ ފިޔަވަޅު މުޅިންހެން ބޭކާރު ވެގެން ދެއެވެ. އެހެންކަމުން ތަފާތު ކުރުމުގެ ބަދަލުގައި މި ފަރާތްތަކަކީވެސް ދެވަނަ ފުރުސަތެއް ލިބުމުގެ އަގުހުރި ބައެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަކީ މުޖްތަމައެއްގެ ގޮތުގައި އަހަރެމެން ކުރަން ޖެހިފައިވާ ކަމެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists