ދުބާއި އަދި ހޮންގް ކޮންގްއާއި ވާދަކުރެވޭ ފެންވަރުގެ ސިޓީއެއް ސްރިލަންކާގައި ބިނާކުރަން ފަށައިފި

02 Oct 2018 | 16:12

މީގެ 10 އަހަރު ކުރިން ސްރިލަންކާގައި ދުނިޔޭގެ އެންމެ ވަރުގަދަ ފައިނޭންޝިއަލް ހަބްތަކާއި ވާދަކޮށްލާނެ ފެންވަރުގެ ސިޓީއެއް އޮންނާނެ ކަމީ ގަބޫލުކުރަން ދަތި ވާހަކައެވެ. 1983 ކުން 2009 އަކަށް ސްރިލަންކާ އޮތީ އެގައުމުގެ ލަޝްކަރާއި ތަމަޅަ ޓައިގަރުންގެ މެދުގައި ކުރެވުނު ދާހިލީ ހަނގުރާމައިގެ ތެރޭގައެވެ. އެތައް ލައްކަ ބައެއް މަރުވެ 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް ހަނގުރާމައަށް ވަނީ ކުރެވިފައެވެ.

ދާހިލީ ހަނގުރާމަ ނިމުމާއެކު އެ ގައުމުގެ ސަރުކާރުން ވަނީ ވެރިރަށް ކޮލޮންބޯގައި އިތުރު ވަޒީފާތައް އުފައްދާ ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ޕްލޭންތަކެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައެވެ.

މިގޮތުން ދުބާއި އަދި ހޮންގް ކޮންގްއާއި ވާދަކޮށްލެވޭ ފެންވަރުގެ ސިޓީއެއް ސްރިލަންކާގައި ވަނީ ބިނާކުރަން ފަށާފައެވެ. ޗައިނާއިން ދޭ 1.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއި އެކު ފައްޓާފައިވާ ސްރިލަންކާގެ ޕޯޓް ސިޓީ ތަރައްގީ ކުރުމުގެ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2041 ވަނަ އަހަރަށެވެ. މުޅި މަޝްރޫއު ނިމޭއިރު ޖުމްލަ 15 ބިލިއަން ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެއެވެ.

މި ސިޓީ ބިނާ ކުރުމުގެ ފުރަތަމަ މަރުހަލާ 2020 ވަނަ އަހަރަށް ނިމިގެން ދާނެކަމަށް މި މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮންމްޕެނީ އިން މައުލޫމާތު ދެއެވެ. 

Advertisement

ކޮމެންޓް