Advertisement

ރައީސް ޔާމީންގެ އިންތިޚާބީ ހައްގު ގެއްލިގެންދިޔައީ ފަނޑިޔާރުގެއިންތަ؟

12 Aug 2023 | 12:16
ރައީސް އަބްދުﷲ ޔާމީން

މިއޯގަސްޓް މަހުގެ 6 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ޕީޕީއެމާއި އެޕާޓީގެ ލީޑަރ ޖަލުގައި އޮންނެވި ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރި އެއްލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުންނަށް ވަރަށް ފުން އަސަރުތަކެއް ލިބިގެންދިޔަ ހުކުމަކަށް ވާނެއެވެ. އެ ހުކުމާއެކު ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވެގެންދިޔައީއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން ވަރަށް ގިނަ ކަންކަން ދިވެހިންނަށް ތަސައްވުރު ވެގެން ހިނގައްޖެއެވެ.

2008 ވަނަ އަހަރު ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް އަނބުރުވައިލި ގާނޫން އަސާސީ އެއީ އަޅުގަނޑުމެންގެ ޑިމޮކްރަސީގެ އަސާސްކަމުގައިވީނަމަވެސް އެއީ ހަމައެކަނި ދެލީގެ ކަރުދާސްގަނޑެއްކަމާއި، ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ހަރުލައި އޮތް ޚުދުމުޚްތާރު ނިޒާމުގެ މައިތަނބަށް ގުޑުމެއް ނާރާކަމެވެ.

އެއީ ރަސްކަމުގެ ތަޚްތަށް އިސްވުމަށްފަހު ދެން އެމަގާމަށް ވާދަކޮށްފާނެހެން ހީވާ މީހާގެ މުދާތައް ދައުލަތަށްނަގައި އޭނާގެ ފައިގައި ހިލިހިލާޖަހައިފައި ރާއްޖޭގެ ދުރު ރަށަކަށް އަރުވައިލުމާއި ނުވަތަ މިހާރުގެ މޮޑަންގޮތަށް ރައީސްކަމަށް އައުމަށްފަހު ދެން އެމަގާމަށް ވާދަކޮށްފާނެހެން ހީވާ މީހާ ކޮންމެވެސް ކަމަކާ ގުޅިވައިގެން ޝަރީއަތް ހިންގައި ފަނޑިޔާރުގެ މެދުވެރިކޮށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ޖަލަށްލައިގެން ވެރިކަން ހިންގުމެވެ.

އެމީހެއްގެ ގޯތި ގެދޮރާއި މުދާތައްވެސް ނެގިދާނެ ކަމެވެ. ރައީސް ޔާމީންގެ ރައީސްކަމުގައި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއިމެދު ފަނޑިޔާރުގެ މެދުވެރިކޮށް ކަންތައްކުރީ މިގޮތަށެވެ. އެބޭފުޅުންގެ އިންތިޚާބީ ހައްގު ސުޕްރީމް ކޯޓް މެދުވެރިކޮށް ނިގުޅައިގަނެވުނެވެ.

ސުޕްރީމް ކޯޓުގެ އޯގަސްޓް ހަވަނަ ދުވަހު ހިންގި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އޭނާއަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ގެއްލިގެންދަނީ ފަނޑިޔާރުގެއިން އަމަލު ކުރިގޮތުން ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން

ހައިކޯޓުގައި އެމަނިކުފާނުގެ އިސްތިއުނާފުގެ މައްސަލަ ހިނގަމުންގޮސް އިންތިޚާބާ ކައިރިވިއިރު ފަހު އަޑުއެހުމަށްވެފައި އޮއްވައި މައްސަލަ ބައްލަވާ ބެންޗުގެ ބައެއް ފަނޑިޔާރުން ޗުއްޓީ ނަންގަވައިގެން ވަޑައިގަތީއެވެ. ފަނޑިޔާރުންގެ ޗުއްޓީ ނިމުނީ ސުޕްރީމް ކޯޓުން މައްސަލަ ބަލައި އިންތިޚާބުގައި ވާދަކުމުރުގެ ދޮރު ބަންދުވިކަން ކަނޑައެޅި ހިސާބުންނެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ރިޔާސީ ކޮމިޝަނެއް ހައްދަވައި ރައްޔިތުންގެ މަޖިލީހުން އެކޮމިޝަނަށް ޚާއްސަ ބާރުތައްދޭ ގާނޫނެއް ހަދައިގެން ތަހްގީގު ހިންގުމަށްފަހު ތުހުމަތު ކުރެވޭ 200 އަށްވުރެ ގިނަ މީހުންގެ ނަން ހިމެނޭ ރިޕޯޓެއް ތައްޔާރު ކުރުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އަތްޕުޅަށް އަރުވާފައި އޮތަސް ޝަރީއަތް ހިންގަނީ އޭގެތެރެއިން މައިގަނޑުގޮތެއްގައި ރައީސް ޔާމީންގެ މައްޗަށެވެ.

އެމްއެމްޕީއާރސީ މައްސަލައާއި ކޮރަޕްޝަންގެ މައްސަލަ ބެލުމަށް ރައީސް ޞާލިހް ހެއްދެވި ކަމިޝަން މެންބަރުންނާއި ބައްދަލުކުރައްވަނީ

ރައީސް  ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތަކީ ސިޔާސީ ކުޅިގަނޑެއްކަން ތަސައްރަފްފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެނގެއެވެ. އެކަން ކޯޓްތަކުގެ ފަނޑިޔާރުންނަށްވެސް އެނގެއެވެ. އެކަން ކުރަނީ އެމްއެމްޕީއާރްސީގެ ވައްކަން ބެލުމުގެ ނަމުގައެވެ.

އޯގަސްޓް ހަވަނަ ދުވަހު ރައީސް ޔާމީން ސުޕްރީމް ކޯޓުންނުކުމެވަޑައިގެން ޖަލުގޮޅިއަށް ވެދެވަޑައިގެންނެވުމަށް ލޯންޗަށް އެރުއްވިއިރު އެމްއެމްޕީއާރްސީގެ ވައްކަމުގެ އެންމެ އިސްދައުރެއް އަދާކުރެއްވި އަހްމަދު އަދީބް އަނބިކަނބަލުންނާއެކު މިހާރުވެސް ގެންދަވަނީ ސިންގަޕޫރުގައި ދުވަސްތައް ހޭދަކުރައްވަމުންނެވެ.

އާދިބް އާއި އޭނާގެ އަނބިކަބަލުން ޖަލު ހުކުމުގެ ރާއްޖެއިން ބޭރައް ކުރެއްވި ދަތުރައްފަހު މާލެ ވަޑައިގަތުން

އަދީބުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ހުސައިން ޝަމީމް ޕްރޮސެކިއުޓަރ ޖެނެރަލްކަމަށް ރައީސް އިޚްތިޔާރުކުރެއްވުމުން ޔާމީން މައްސަލަތައް ފުލުފުލުގައި ފަނޑިޔާރުގެއަށް ވައްދަވަމުން ގެންދަވައެވެ. އެއްމައްސަލައެއް ނިމޭއިރު އަނެއް މައްސަލަ ހިނގައެވެ. ޔާމީންގެ މައްސަލާގައި ވަކާލާތު ކުރައްވަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރައްވާ ސީނިއަރ ޕްރޮސެކިއުޓަރުން އިދިކޮޅު ކަމަށް މައުލޫމާތު ލިބެއެވެ. އެހެންވީމާ ރާއްޖޭގެ ކޯޓެއްގައި ހިންގާ އެންމެ ހައިޕްރޮފައިލް މައްސަލާގައި ދައުލަތުގެ ފަރާތުން ކޯޓަށް ފޮނުއްވަނީ އެންމެ ޖޫނިއަރ ޕްރޮސެކިއުޓަރުންނެވެ.

އެމްއެމްޕީއާރސީގެ ހިޔާނާތުގެ މޭސްތިރިޔާ އަދީބުގެ ވަކީލު، އަދި މީހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމް

ދަށު ކޯޓްގައި ޔާމީންގެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ހުކުމެއް އިއްވަވައިފި ފަނޑިޔާރެއް ވެއްޖިއްޔާ މަތީ ކޯޓަކަށް ޕްރޮމޯޝަން ލިބޭތަން ފެނެއެވެ. ޔާމީނާ އެއްކޮޅަށް ނިންމައިފިނަމަ އެފަނޑިޔާރެއްގެ މައްސަލަ ކޮންމެވެސް ގޮތަކުން ބެލެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ ބަތްޕާރު ސަލްގެ މައްސަލައަކީ މީގެ މިސާލެކެވެ. އެމައްސަލަ ޖޭއެސްސީ ބަލަމުންދިޔުމަށްފަހު އެތައް ދުވަހެއްވަންދެން ބާއްވާފައި ފަނޑިޔާރު ކްލިއަރކޮށްދިނީ ޔާމީންގެ ކެންޑިޑޭސީއާގުޅޭ މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗުން ތައްޔާރުވުމުންނެވެ.

މިފަހަރު އެންމެ ބޮޑަށް އަޅައިގަތީ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަމަލުކުރި ގޮތުންނެވެ.

ރައީސް ޔާމީނަކީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރެވެ. ޔާމީނަށް ދިވެހި ރާއްޖޭގައި ވޯޓްލާއުމުރުގެ އެއްލައްކައަށްވުރެ ގިނަ މީހުންގެ ތާއީދު އޮންނަކަން އެންމެފަހުން ވާދަކުރެއްވި އިންތިޚާބުން އެނގެއެވެ.

އެ އެއްސަތޭކަ ހާސް ދިވެހި ރައްޔިތުން ޔާމީންގެ މައްސަލާގައި ހައިކޯޓުން ނިންމާ ނިންމުގެ އިންތިޒާރުގައި ކެތްމަދުވެފައި ތިއްބައި ފަނޑިޔާރު އާއިލާއާއެކު އެވަޑައިގަތީ ޗުއްޓީއަށެވެ. ފަނޑިޔާރުގެ އަމިއްލަ އުފަލުގެ ކުރިމަތީގައި އެރައްޔިތުންގެ އިހްސާސްތަކަކީ އަގެއް ހުރިއެއްޗަކަށް ނުވިއެވެ. މިއަށްވުރެ ޣައިރު ޒިންމާދާރު ނިންމުމެއް ފަނޑިޔާރަކު ނިންމަވާނެތޯއެވެ.

މިހުރިހާ މަންޒަރެއް ތަމްސީލުވަމުންދިޔައީ ޖުޑިޝަރީގެ އެންމެ މަތީ ކޯޓް ސުޕްރީމް ކޯޓުގެ ކުރިމަތީގައެވެ. ޔާމީނުގެ ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު ފަނޑިޔާރުގެ ޗުއްޓީ ފުރިހަމަކޮށް ނިންމަވައި ޝަރީއަތުގެ މަޖިލީހުގައި އެ އިށީނދެވަޑައިގަތީއެވެ.

ރައީސް ޔާމީންގެ މައްސަލާގައި ސަރުކާރުގެ ވެރިންނަށް އެތެރެއާއިބޭރުން އޮތް ޕްރެޝަރު ބޮޑުކަން ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް ފަހުމް ވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ރަޝިޔާއާއި ޗައިނާއާއި ގާތްވެވަޑައިގަތުމުން އޭނާ މަގާމުން ވަކިނުކޮށްފިނަމަ ޕާކިސްތާން އެކަހެރިކުރެވޭނެކަމަށް އެމެރިކާއިން ދިން އިންޒާރުތަކަކަށްފަހު ޕާކިސްތާން ސިފައިންގެ ބާރުން އޭނާ މަގާމުން ވަކިކޮށް ޖަލަށް ލައި އިންތިޚާބުގައި ވާދަކުރުމުގެ ހައްގުން އެވަނީ މަހްރޫމްކޮށްފައެވެ. ޕާކިސްތާނު ރައްޔިތުންނަށް އެކަން އެގެއެވެ. ޔާމީނަކީވެސް އެކަހަލަ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.

ކޮންމެއަކަސް ޑިމޮކްރަސީގައި އަޅުގަނޑުމެންނަށް އަދި މާކަބޮޑު އުއްމީދުތަކެއް ނެތެވެ. އާ މީހަކު ރައީސްކަމުގެ މަގާމަށްވަޑައިގެން މިޖެހެނީ ފަނޑިޔާރުގެ މުޅިން ބަދަލުކުރާށެވެ. ފުލުހުންގެ އިސްވެރިންތައް ވަކިކުރާށެވެ. ސިފައިންގެ ޖެނެރަލުން މަގާމުން ވަކިވާން މަޖްބޫރުކުރުވާށެވެ. ސިވިލް ސާވިސްއާއި މިނިވަން މުއައްސަސާތަކާ ކުޅެ، އެތަންތަނުގެ މިނިވަންކަން ނިގުޅައިގަންނާށެވެ. އޭސީސީއަކީ އޭގެ މިސާލެކެވެ. އެޗްއާރްސީއެމަކީވެސް މިސާލެކެވެ. ދެން ކުރަންޖެހޭ ކަމަކީ ވެރިކަމުން ވަކިވާ މީހާ ހައްޔަރުކޮށް ޖަލަށް ލާށެވެ.

މިކުޅިގަނޑު ހުއްޓޭނެ ދުވަހެއް ދިވެހި ގައުމުން ފެންނަން އެބައޮތް ހެއްޔެވެ.

Advertisement

ކޮމެންޓް