މޫސުމީ ބަަަދަލުތަކަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައި އެއް ތަނބު: ޝާހިދު

17 Feb 2019 | 23:41

މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވަރސިޓީތައް ގުޅިގެން މިއަދު ބ އަތޮޅު ދިގުފަރު ރިޒޯޓްގައި "ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ފެށުނު ދެ ދުވަހުގެ ވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ކަނޑައަޅުއްވާފައިވާކަމަށެވެ. މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެކަމަށެވެ. އަދި ފަރަންސޭސީވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ބައިނަލްއަޤްވާމީ މުޖްތަމައުގައި ރާއްޖެއިން މީގެ ކުރިން އިސްނަގާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކާއި ބެހޭ މަޝްވަރާތަކުގައި ކާމިޔާބު ލިބިފައިނުވަނީ، ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ޒަމާންވީ ޑިޕްލޮމަޓިކް އުޞޫލުތަކުގައި އާންމުކޮށް އޮންނަނީ އެ ޤައުމަކަށް ލިބެންއޮތް ފައިދާއަކަށް ބަލައި އަނެއް ޤައުމަށް ދޫދިނުމުގެ އުޞޫލުކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރަނީ ވަކި ޤައުމެއްގެ ސަރަހައްދީ އިމުގެ ތެރޭގައި، ވަކި ބަޔަކަށް، ވަކި މިންވަރަކަށް ނޫން ކަމުން، މި އުޞޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެމަޝްވަރާތަކުގައި ބައިވެރިވާ ތަޖުރިބާކާރުންނަށް ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް