Advertisement

ފޮނަދޫ ތަރައްގީގެ ހަބަކަށް! މީ އާބާދީ އެއްފަސްކުރުމަށް ޑރ މުއިއްޒު ގެންގުޅޭ ވިސްނުން!

02 Sep 2023 | 14:24
ލ އަތޮޅަށް ޑރ މުއިއްޒު ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ކިޔަނީ/ ފޮޓޯ: ޕީޕީއެމް

ލ ފޮނަދޫ އަކީ ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގެންގުޅޭ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތާއި އެއްގޮތަށް ތަރައްގީކުރާނެ ރަށެއްކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިޔާސަތުތައް ހާމަކުރައްވަމުން ގެންދަވާއިރު، ޑރ މުއިއްޒު ވަނީ މީގެ ކުރިން ވެސް އާބާދީ އެއްފަސްކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ. އެގޮތުން ރައްޔިތުން ރުހޭނަމަ އެކަން ކުރައްވާނެ ކަމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް އެ ސިޔާސަތަކުގެ ސަބަބުން ފަސޭހަތައް ލިބިގެންދާނެކަމަށް ޑރ މުއިއްޒު ވަނީ މީގެ ކުރިން ވެސް ހާމަކުރައްވާފަ އެވެ. 

ހައްދުންމައްޗަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ފޮނަދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އާބާދީ އެއްފަސްކުރުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިން ފޮނަދޫއަކީ އެފަދަ މަންޒިލަކަށް ހައްދަވާނެ ކަމަށެވެ. 

Advertisement

އެގޮތުން ފޮނަދޫއަށް ކޮށްދެއްވާނެ ގިނަ ކަންކަމާއި، އެ ރަށަކީ ތަރައްގީގެ ހަބަކަށް ހެއްދެވުމަށް ގެންގުޅުއްވާ ޕްލޭނު ޑރ މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ފޮނަދޫ ބިން ހިއްކުން 

ފޮނަދޫގައި ބިން ހިއްކުމުގެ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފޮނަދޫގައި ހިއްކާ ބިމަކީ އިންވެސްޓުކުރެވޭ، އަދި އެއިން މަންފާ ހޯދޭނެ ބިމަކަށް ހައްދަވާނެ ކަމަށެވެ.

އެގޮތުން އެ ބިން ހިއްކާނީ ދުރު ރާސްތާއަށް ވިސްނާ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުން ވެސް ތިބޭނެކަމަށް ބަލައި، މަންފާ ލިބޭނެ ގޮތަކަށް ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"ފޮނަދޫގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނަން. އެ މަޝްރޫއު ވެގެންދާނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ބޭނުމުގައި އެކަމަށް މަގުފަހި ކުރުމަށްޓަކައި އަދި އިޤްތިޞާދީ ނަފާ މި އަތޮޅާއި ރަށަށް ހޯދުމުގެ ބޭނުމުގއި ކުރިއަށް ގެންދާ މަޝްރޫއަކަށް"

ޑރ މުހައްމަދު މުއިއްޒު 

ބިޔަ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުން

ޑރ މުއިއްޒު ވިދާޅުވީ ފޮނަދޫގައި ހިއްކާ ބިމުގައި ގިނަ އަދަދެއްގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ހައުސިން މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ ހައުސިން ކެޓަގަރީއެއް ކަނޑައަޅުއްވާނެކަމަށް މީގެ ކުރިން އިއުލާނު ކޮށްފައިވާއިރު، އެއީ ހަމައެކަނި މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތަކުން ފްލެޓުދޭނެ ވާހަކަ ނޫން ކަމަށެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން މަޝްރޫއުތައް ހިންގާ، އެފަދަ މަޝްރޫއުތައް ހިންގާ ޒޯނުތަކުގައި ހަދާފައިވާ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފްލެޓު ބޭނުންވާ ފަރާތްތަކަށް އެ މަޝްރޫއުގެ ދަށުން ހައުސިން ހަމަޖެހިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެގޮތަށް ހައުސިން ހަމަޖެއްސުމުން، ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން އެތައް ލުއިފަސޭހައެއް ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ފޮނަދޫގައި ހިންގާ ހައުސިން މަޝްރޫއުގައި އެ އަތޮޅުގައި ހަދާފައިވާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި އެރަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވެފައި ތިބި ފަރާތްތަކަށް ވެސް އެ ހައުސިން މަޝްރޫއުން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. 

ފޮނަދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

"ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދާއިރު، އެކަށީގެންވާ މިންވަރަށް، އަތޮޅަށް އަދި ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ބޭނުންވާ ވަރަށް ހައުސިން ޔުނިޓު ގާއިމްކުރުން. ފޮނަދޫގައި ހިންގާ ހައުސިން މަޝްރުއިން އަތޮޅުގައި ހަދާފައި ހުރި ރިސޯޓުތަކުގެ މުވައްޒަފުންނަށް ފްލެޓުތައް ލިބިގެންދާނެ"

ޑރ މުހައްމަދު މުއިއްޒު 

ޔުނިވާސިޓީ ކެމްޕަސްތަކާއި ލޭންގުއޭޖު ސުކޫލު!

ފޮނަދޫއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ އެ ރަށުގައި ޤައުމީ ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސްތައް ހައްދަވާދެއްވާނެ ކަމަށެވެ.

އެއީ ރަށުގައި ތިބެގެން ތައުލީމު ހާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނާއި، އެ ރަށަށް ހިޖުރަކޮށް ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދީ ރަށުގައި ތައުލީމީ ނިޒާމު ރަނަގޅުކުރުމަށް ބާރު ލިބިގެންދާނެ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކޮށް ތަފާތު ބަސްތައް ދަސްކޮށްދިނުމަށް ރާއްޖޭގެ 3 ސަރަހައްދެއްގައި ލޭންގުއޭޖު ސުކޫލުތައް އެޅުއްވުމަށް ނިންމަވާފައިވާއިރު އޭގެ ތެރެއިން އެއް ސުކޫލު އަޅާނީ ފޮނަދޫގައި ކަމަށެވެ. 

"މި ރަށުގައި ޔުނިވާ ސިޓީގެ ކެމްޕަހެއް ޤާއިމްކުރާނަން. އަދި ޤާއިމްކުރާއިރު އޭގައި ލޭންގުއޭޖު ސުކޫލެއް ހިމެނޭގޮތަށް ގާއިމްކުރަން ރާވާފައިވާ ވާހަކަ ދަންނަވަން"

ޑރ މުހައްމަދު މުއިއްޒު 

ޒަމާނީ ބޮނޑު ބަނދަރެއް ތަރައްގީކުރުން

އާބާދީ އެއްފަސްކުުރުމުގެ ވިސްނުމުގައި ތަނެއް ތަރައްގީ ކުރާއިރު އެތަނަކަށް ބޭނުންވާނެ އަސާސީ ކަންކަން ފުރިހަމަވެފައި އޮތުމަކީ މުހިންމު ކަމެއްކަން ޑރ މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އެގޮތުން ފޮނަދޫއަކީ އެފަދަ މަންޒިލަކަށް ހެދުމަށް ރަށުގައި ޒަމާނީ ބޮޑު ބަނދަރެއް ތަރައްގީކުރުމަށް ޕްލޭން ކުރެވިފައިވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެފަދަ ބަނދަރެއްގެ ސަބަބުން ލަފާ ފުރުމުގެ އިތުރުން މުދާ އަރުވާ ބޭލުމަށް ފަސޭހަވެގެން ދިއުމާއި އިޤްތިޞާދީ ކަންކަން ބަނދަަރުމަތީގައި ހިނގައިގަންނާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒު ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"މި ރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްގީ ގެންނަން ބަލާއިރުގައި، މި ދެންނެވި ބީދައިން ތަރައްގީކުރާކަމަށް ވަންޏާ، މިތާގައި މި އޮތް ބަނދަރަކީ ބޮޑުކުރަން ޖެހޭ ޒަމާނީ ބަނދަރަކަށް ހަދަން ޖެހޭ ބަނދަރެއް. މި ބަނދަރު ބޮޑުކުރީމަ ގިނަ ބަޔަކު އައިސް އޭގެން އިޤްތިޞާދީ ފައިދާވާ ގޮތަށް ބަނދަރު ތަރައްގީކޮށްފިއްޔާ އޭގެން މުދާ އަރުވާ ބޭލޭނެ ފެސެލިޓީސްތަކާއި މި ހުރިހާކަމެއް ގާއިމްކުރެވިފައި ހުރި ރަނގަޅު ފެންވަރުގެ ބޮޑު ބަނދަރެއް މި ތަނުގައި ހެދުމަކީ ދެކޮޅު ޖެހޭ އިންވެސްޓުމަންޓަކަށް ވެގެންދާނެ. އެހެންވީމަ އެކަހަލަ ބަނދަރެއް ގާއިމްކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު"

ޑރ މުހައްމަދު މުއިއްޒު

ފޮނަދޫގައި ތަރައްގީ ކުރާ ޒަމާނީ ބޮޑު ބަނދަރަކީ އިންވެސްޓުމަންޓަކަށް ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ސަރުކާރުގެ އޮފީސްތައް ޚާއްސަ އިމާރާތެއް އެޅުން

ފޮނަދޫއަކީ ސަރުކާރުގެ އޮފީސްތައް ގިނަ ރަށަކަށް ވީ ނަމަވެސް އެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުން އެކި ތަންތަނަށް ދާން ޖެހުމަކީ ތަކުލީފަކަށް ވެފައިވާކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. 

ސަރުކާރުގެ އޮފީސްތަކުން ދޭ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަކީ ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށާއި، އެކަން ކުރެއްވުމަށް އެމަނިކުފާނުގެ ޒައާމަތުގައި މާލެ ސަރަހައްދުގައި އިމާރާތެއް ބިނާކުރުމުގެ މަސައްކަތްޕުޅު ވެސް ފެއްޓެވިކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެެހެން ކަމުން އެ ވިސްނުންފުޅާއި އެއްގޮތަށް ފޮނަދޫގައި ހުރި ސަރުކާރުގެ އޮފީސްތަކުން ދޭ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް އޮފީސް އިމާރާތެއް ހަދާދޭނެކަމަށް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދައިން އިމާރާތެއް ހެދުމަކީ ޚިދުމަތެ ފޯރުކޮށްދޭ ފަރާތްތަކާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވެސް އެތައް ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. 

ފޮނަދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

"މި ތަނުގައި އަޅުގަނޑުމެން ގަސްދުކުރަނީ ބޮޑު އޮފީސް ކޮމްޕްލެކްސް އެއް އަޅާ ހުރިހާ އިދާރާތަކެއް އެއްފުރާޅެއްގެ ދަށަށް ގެންނަން"

ޑރ މުހައްމަދު މުއިއްޒު 

ފޮނަދޫގައި ކޮންވެންޝަން ސެންޓަރެއް އެޅުން

ފޮނަދޫ ތަރައްގީ ވެގެން އަންނައިރު އެއީ ފަތުރުވެރިން އެކި ބޭނުންތަކަށް އަންނަ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ގެންގުޅުއްވާ ވިސްނުންފުޅެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ފޮނަދޫއަކީ ބިން ބޮޑު ރަށަކަށްވުމުން، އެ ރަށަކީ ބޭރުގެ އެކި ފަރާތްތަކުން އައިސް ކޮންވެންޝަންތަކާއި ކޮންފަރެންސްތައް ބޭއްވޭނެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް ވަރަށް އެކަށީގެންވާ ރަށެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ފޮނަދޫ ތަރައްގީކުރާއިރު އެފަދަ ސެންޓަރެއް އަޅުއްވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެ ފަދަ ސެންޓަރެއްގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށާއި، އަދި އިތުރު ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ފޮނަދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

"ކޮންވެންޝަން ފެސިލިޓީސް، ކޮންވެންޝަން ނޫނީ ކޮންފަރެންސް ތަކާއި މީޓިންސްތަކާއި ސެމިނާތައް ބާއްވަން ރާއްޖެއިން ބޭރުން ރާއްޖެއަށް މީހުން ގެނައުމުގެ ވިސްނުން "މައިސް ޓުއަރިޒަމް" ގެނައުމުން.. އެކަން ކުރަން ބަލާއިރުގއި މިކަހަލަ ޖާގަ އޮތް ތަނެއްގައި، އެ ފުރުސަތު އޮތް ތަނެއްގައި އެކަން ކުރުަމަކީ ވާނެ ވަރަށް ރަނގަޅު ކާމިޔާބީއަކަށް. އެހެންކަމުން މި ރަށުގައި ކޮންވެންޝަން ސެންޓަރެއް އެޅުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް" 

ޑރ މުހައްމަދު މުއިއްޒު 

ގަން-ފޮނަދޫ އައްސޭރި ޓުއަރިޒަމް މަޝްރޫއާއި ބަރެސްދޫ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއު!

ލ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމުގައި ކުރައްވާނެ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވަނީ ގަމާއި ފޮނަދޫ ހިމެނޭހެން އައްސޭރި ޓުއަރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާނެކަން އިއުލާނު ކުރައްވާފަ އެވެ. 

ޑރ މުއިއްޒު ލ އަތޮޅަށް ވަޑައިގެން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި ސަޕޯޓަރުންނާއި ސަލާންކުރައްވަނީ

"ޓުއަރިޒަމަށް ބަލާއިރު ގަން ފޮނަދޫ ދެ ރަށް ހިމެނޭ ގޮތަށް، އައްސޭރި ޓުއަރިޒަމްގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން"

ޑރ މުހައްމަދު މުއިއްޒު 

އޭގެ އިތުރުން ފޮނަދޫ ކައިރީގައި އޮތް ބަރެސްދޫއަކީ އިންޓަގްރޭޓެޑް ޓުއަރިޒަމްގެ މަންޒިލަކަށް ހަދައި، އެތަނުގައި މިހާރު ފަށާފައިވާ މަޝްރޫއު ނިންމަވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ބަރެސްދޫއަކީ ރައީސް ޔާމިނުގެ ޒައާމަތުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރަން ފެއްޓެވި ތަނެކެވެ. މިހާތަނަށް އެ މަޝްރޫއު ނިންމާލެވިފައި ނުވާއިރު، ޑރ މުއިއްޒު ވަނީ އެ މަޝްރޫއު ނިންމަވާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ޓުއަރިޒަމް ތަރައްގީކުރުމަށްޓަކައި ލ އަތޮޅުގައި ބިޔަ ދެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޑރ މުއިއްޒު އިއުލާނުކޮށްފައި ވާއިރު އެ މަޝްރުއުތަކުގެ ސަބަބުން އިޤްތިޞާދު ރަނގަޅުވެ އެތައް ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ބަރަސްދޫ މަޝްރޫއު ނިމުމުން އެތަނުން އެކަނި ވެސް އެތައް 100 ވަޒީފާއެއް އުފެދިގެންދާނެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޚުވީ އައްސޭރި ޓުއަރިޒަމްގެ މަޝްރޫއުއިން ވެސް އެތައް ވަޒީފާއެއް އުފެދިގެންދާނެ ކަމަށެވެ. 

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލްކޮށް އިތުރު އެއާޕޯޓެއް!

ޑރ މުއިއްޒު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމުގެ ވާހަކަ ދައްކާއިރު، ލ އަތޮޅަށް ބޭރު ގައުމުތަކުން ސީދާ އާދެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ މުހިންމުކަމެއް ކަަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެގޮތުން މިހާރު ލ ކައްދޫގައި ހަދާފައިވާ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައި އެތަނުން ދެވޭ ޚިދުމަތްތައް އަޕްގްރޭޑްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭރުން ފަތުރުވެރިން އައުމަށް ފަސޭހަވެ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ލ އަތޮޅަކީ ހަގީގީ މާނައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް ކައްދޫގައި ސަޕޯޓަރުން ހަރަކާތްތެރި ވަނީ

"ޓުއަރިޒަމް ގެންނަން ބަލާއިރުގައި މި ރަށަށް ސީދާ އާދެވެން އެބަ ޖެހޭ ބޭރު ގައުމުތަކުން. އެހެންވީމަ ކައްދޫ އެއާޕޯޓަކީ ތަރައްގީ ކުރެވިފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން ގަސްދުކުރާ ވާހަކަ އިއުލާނުކުރަން"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ފަހު ނިންމާ ނުލާ އިތުރު އެއާޕޯޓެއް ވެސް އަތޮޅުގައި އަޅުއްވާދެއްވާނެ ކަމަށެވެ. ލ އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅޭނެ ގޮތްތައް ހޯދަމުންދާ ކަމަށާއި، އެކަން ރަނގަޅަށް ބެލުމަށްފަހު އިތުރު އެއާޕޯޓެއް އަޅުއްވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ

އަދި އެ އެއާޕޯޓު އަޅާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ސަަރަހައްދެއް ބާލާ އެ ސަރަހައްދެއްގައިކަން ޑރ މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ގަން ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުން 

ލ އަތޮޅުގައި ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޑރ މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅު ވަނީ ފޮނަދޫގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ހާމަކުރައްވާފަ އެވެ. 

އެގޮތުން ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މިހާރު ދޭ ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ގަން ހޮސްޕިޓަލު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރައްވާނެ ކަމަށް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އަދި ރަށުގައި ތިބެގެން ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެ ހުރިހާ އިންތިޒާމުތަކެއް އެ ހޮސްޕިޓަލުގައި ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ. 

ޑރ މުއިއްޒު ފޮނަދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"ގަމުގައި ހުރި ހޮސްޕިޓަލް ތަރައްގީކޮށް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރާނަން"

ޑރ މުހައްމަދު މުއިއްޒު 

ޒަމާނީ ފެންވަރަށް މަގުހެދުމުގެ ބިޔަ މަޝްރޫއެއް!

ރަށްތައް ތަރައްގީ ކުރާއިރު މަގު ހެދުމަކީ ކުރަންޖެހޭ މުހިންމު ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅިވި އެވެ.

އެގޮތުން ލ އަތޮޅުގައި ރައީސް ޔާމިނުގެ ޒައާމަތުގައި ތަރައްގީކުރި ގިދު މަގަކީ ވެސް އޭގެ ސަބަބުން ރައްޔިތުންނަށް ތަރައްގީގެ މަންފާ އެތައް ގޮތަކުން ކުރަމުން އަންނަ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެހެން ކަމުން އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެން، ފޮނަދޫ ތަރައްގީކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ފޮނަދޫއާއި ގަމުގެ ހުރިހާ މަގުތަކެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ފޮނަދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން

"މި ރަށާއި ގަމުގައި ހުރި ހުރިހާ މަގެއް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަކީ ކުރަން ޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން"

ޑރ މުހައްމަދު މުއިއްޒު 

ގަމާއި ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް!

ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ޒުވާނުންނަކީ ރައީސް ޔާމިނުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް، އަދި އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވެސް އެންމެ އިސްކަމެއް ދީފައިވާ ކެޓަރަގީ ކަމަށެވެ. 

ޒުވާނުންނަށް ބޭނުންވާ ވަޒީފާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ޒުވާނުން ބޭނުންވާ ކުޅިވަރު ފެސިލިޓީތައް ތަރައްގީކުރުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެނިފެސްޓޯގައި ހިމަނައިގެން ކާއްސަ އިސްކަމެއް ދީގެން ތަންފީޒު ކުރައްވާނެ ކަންކަން ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެގޮތުން ޒުވާނުން ހިމެނޭހެން އެކި އުމުރުފުރާގެ މީހުންނަށް ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮންޕްލެކްސްއެއް ގަން އަދި ފޮނަދޫގައި ތަރައްގީކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"ގަމަށް، ފޮނަދޫއަށް މި ދެ ރަށުގައި ރަނގަޅު ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމްކޮށްދޭނަން"

ޑރ މުހައްމަދު މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ ފޮނަދޫގައި ގާއިމްކުރާ ވަސީލަތްތަކާއެކު އެ ރަށް ވެގެންދާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ކަމަށެވެ. ފަސޭހަކަމާއެކު ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް އެ ރަށުގައި ފުރިހަމަވެެގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

ލ އަތޮޅުން ޑރ މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔުން 

ޑރ މުއިއްޒު ގެންގުޅުއްވާ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގައި އެންމެ ފުރަތަމަ ކުރައްވާ ކަމަކީ އެއްފަސްކުރުމުގެ ވިސްނުންފުޅުގައި ތަރައްގީކުރާ ތަންތަނުގައި ރައްޔިތުންނަށް ބޭނުންވާނެ ވަސީލަތްތައް ގާއިމްކޮށް، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި އެއްފަސްކުރުމަށް އެމަނިކުފާނު ގެންގުޅޭ ސިޔާސަތަކީ ރައްޔިތުންގެ ރުހުމާއެކު ރައްޔިތުން ބޭނުންވެގެން ތަންފީޒު ކުރައްވާނެ ސިޔާސަތެވެ. 

ފޮނަދޫއަކީ އެފަދަ މަންޒިލަކަށް ހެއްދުމަށް ޑރ މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާފައިވާއިރު، އެތަނުގައި ރައްޔިތަކަށް ދިރިއުޅެން ބޭނުންވާނެ، ފަހި ހުރިހާ ފުރުސަތުތަކެއް ތަރައްގީކޮށްދެއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އެއީ އެމަނިކުފާނު އިންތިޚާބާއި ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައި ދައްކަވާ ވާހަކައެއް ނޫންކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ޑރ މުއިއްޒު ވިދާޅުވީ ފޮނަދޫގެ ތަރައްގީގެ ޕްލޭނާއި އެއްގޮތަށް ވަސީލަތްތައް ޤާއިމްވެގެން ދިއުމުން އެ ޚިދުމަތް ހޯދުމަށް ކައިރި ހިސާބުތަކުން މީހުން ފޮނަދުއަށް ހިޖުރަކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އެފަދއިން ހިޖުރަކުރާ މީހުންނަށް ހުރިހާ ޚިދުމަތްތަކެއް ތަފާތުކުރުމެއް ނެތި ލިބިގެންދާނެ ކަމަށެވެ. އަދި އެފަދައިން ހިޖުރަކުރުމަކީ އެމަނިކުފާނު މަރުހަބާ ކިޔައި އުފަލާއެކި ބަލައިގަންނާނެ ކަމެއް ކަމަށެވެ. 

އެމަނިކުފާނު އެދިވަޑައިގަންނަވަނީ އިތުބާރު ކުރައްވާ ރައްޔިތުން ފުރުސަތު ދެއްވުމަށެވެ. ބަދަލުގައި ޑރ މުއިއްޒު ދެއްވާ ޔަގީން ކަމަކީ ރައްޔިތުން ދެއްވާ ފުރުސަތުގެ ބޭނުން ހިއްޕަވާ ނަތީޖާ ނެރެދީ ރައްޔިތުންގެ އެ އިތުބާރު ދަމަހައްޓަވާނެކަމުގެ ޔަގީންކަމެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement