ޗާގޯސްގެ މައްސަލައިގެތެރޭގައި މި ސަރުކާރުގެ ވެރިން ގައުމާމެދު އިހްމާލުވެއްޖެކަމަށް ބުނަނީ މިހެންވެ؟
2010 ވަނަ އަހަރުގެ ދުވަހެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ކުރީގެ ބަންޑާރަ ނާއިބް ޑޮކްޓަރ މުހައްމަދު މުނައްވަރަށް ފޯނު ކުރައްވާފައި ވިދާޅުވިއެވެ.
"މިގުޅާލީ ވަރަށް ބޮޑު ކަމެއްގައެވެ. ސިޔާސީ ކަންކަމުގައި އަހަރެމެން ދެމީހުންގެ ޚިޔާލުތަފާތުވުން ހުއްޓަސް ގައުމީ ކަންކަމުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތެވެ." ވެގެން އުޅެނީ ކިހިނެތްތޯ އެއްސެވީމާ ވިދާޅުވީ މިއުޅެނީ އިގްތިސާދީ ސަރަހައްދުން ބޭރަށް ކޮންޓިނެންޓަލް ޝެލްފު ކްލެއިމްކުރުމަށް އޮތް މުއްދަތު ހަމަވާތީ ކަމުގައެވެ. އެހެންވީމާ އޭގެ ކުރިން ކޮންޓިނެންޓަލް ޝެލްފުއަށް ދައުވާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ކޮންޓިނެންޓަލް ޝެލްފް ކްލެއިމްކުރުމަކީ ދިވެހިރާއްޖޭގެ 200 މޭލުގެ ސަރަހައްދީ ރޮނގުން ބޭރަށް ކްލެއިމް ކުރުމަށް އދގެ މުއާހަދާތަކުގެތެރެއިން ދެވޭ ފުރުސަތެކެވެ.
ޑޮކްޓަރ މުނައްވަރު އޮންބޯޑްވުމާއެކު ރައީސް މުހައްމަދު ނަޝީދު އެމަސައްކަތް ކުރިއަށް ގެންދެވުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވައިލެއްވިއެވެ. އެކޮމެޓީގައި ކަމާބެހޭ ދާއިރާތަކުގެ އިސްވެރިން ހިމެނުއްވިއެވެ. ކޮމެޓީ ޗެއަރއަކަށް ކަނޑައެޅުނީ މުނައްވަރެވެ. އޭނާ ނެތް ވަގުތެއްގައި ނަމަ ޗެއަރކުރައްވާނެ ބޭފުޅަކަށް ކަނޑައެޅުއްވީ ކޯސްޓްގާޑްގެ އިސްވެރިޔަކަށް ހުންނެވި މޭޖަރ ޒަކަރިއްޔާ މަންސޫރެވެ.
ވަރަށް ހަލުވިކަމާއެކު ކޮމެޓީގެ މަސައްކަތް ފެށި ކަނޑުގެ އަޑިއާބެހޭ އެމެރިކާގެ ޔުނިވަރސިޓީއެއްގެ އެކްސްޕާޓަކު ގެނެސް އޭނާގެވެސް ލަފާގެމަތިން ދިރާސާކޮށް ނިންމައި ދިވެހިރާއްޖޭގެ ސަރަހައްދުކަމުގައިވާ 200 މޭލުން ބޭރަށް ކޮންޓިނެންޓަލް ޝެލްފު ( ސީބެޑް ) ކްލައިމްކުރުމަށް ހުށަހަޅަންޖެހޭ ހުށަހެޅުން ތައްޔާރު ކުރިއެވެ.
އެހުށަހެޅުން އދއަށް ހުށަހެޅުމަށް މުހައްމަދު ނަޝީދު ފޮނުއްވީ އޭނާގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލާއި ބަންޑާރަ ނާއިބްގެ ފަރާތްޕުޅުން މުއިއްޒެވެ. އެދެބޭފުޅުން އެހުށަހެޅުން އދގެ ކޮމިޝަން އޮން ދަ ލިމިޓް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް ( ސީއެލްސީއެސް) އަށް ހުށަހެޅީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ދިވެހި ރާއްޖެއިން އެހުށަހެޅުން ހުށަހެޅުމާއެކު ޗޯގޯސްގެ މައްޗަށް ބާރު ހިންގަމުން ގެންދާ އިނގިރޭސިވިލާތުން އެކަމާ ދެކޮޅު ހަދައި އިނގިރޭސި ސަރުކާރުގެ ރެސްޕޮންސް ޖެހިގެން އައި އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އދގެ މިކޮމިޝަނަށް ހުށަހެޅިއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު
އދ ގެ ކޮމިޝަނުން ބަލަނީ ގައުމުތަކުން އެގައުމުތަކުގެ ކޯސްޓްލައިން ނުވަތަ އައްސޭރިފަށުން ފެށިގެން 350 މޭލާ ހަމައަށް ކަނޑުއަޑީގައި ހުންނަ ތެލާއި ގޭހާއި އެހެނިހެން މިނެރަލްސްތަކުގެ މިލްކުވެރިކަން ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކެވެ. ގައުމުތަކުގެ މެދުގައި ޚިލާފްތަކެއް ހުރިނަމަވެސް އދގެތެރެއިން ނިންމުން ނިންމަނީ މިކޮމިޝަނުންނެވެ. ދިވެހި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއާއި ޝީސެލްސްއާއި ސްރީލަންކާއިން މައްސަލަ ޖެއްސިއެވެ.
" އެމީހުން ބުނަނީ ފުށުއަރައޭ. އަޅުގަނޑުމެން ބުނާ އެއްޗަކީ ބަލަ، ފުށުއަރާ މައްސަލަ ހައްލުކުރަން ނޫންހޭ ޔޫއެންގެ ސަބްކޮމެޓީއަށް ހުށަހަޅައިގެން މިއުޅެނީ. އަޅުގަނޑުމެން ކޮންޓިނެންޓަލް ޝެލްފް ކްލައިމްކުރީމާ އެކޮމެޓީން ބަލާނައޭ އެކިގައުމުތަކުން ހުށަހަޅާ މައްސަލަތައް. ބަލާފައި ފުށުއެރުމެއް ހުރެއްޖިއްޔާ އެމައްސަލަ ނިންމައިދޭނެއޭ. އެހެންވެގެންނޭ ހުށަހެޅީ"
ރާއްޖޭގެ ހުށަހެޅުން ތައްޔާރުކުރި ކޮމެޓީގެ ޗެއަރ ޑޮކްޓަރ މުނައްވަރު ވޮއިސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ރާއްޖޭގެ ހުށަހެޅުމުގައި ދެކުނު 200 މޭލު ބޭރަށް ޗާގޯސްގެ ރަށްތަކާދިމާއަށް ދިއުމުން އިނގިރޭސި ސަރުކާރުންބުނީ 200 މޭލުގެ ފިޝަރިޒް އެންޑް އެންވަޔަރމަންޓަލް ޒޯން ދިވެހިރާއްޖެއަށް އަދި މުޅިން ނުލިބޭކަމަށާއި ރަސްމީކޮށް ސަރަހައްދި ރޮނގުވަކިކުރުމުގައި ދިވެހިރާއްޖެއާއެކު ދާދިއަވަހަށް އެއްބަސްވުމަކަށް ދާނެ ކަމަށެވެ.
ޑރ މުނައްވަރު
" ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގައި އަހަރެމެންގެ ވެސް ޕޮޒިޝަނެއް އޮތުމުން ސީއެލްސީއެސްއިން އެކަމަށް ކޮންސިޑަރކުރާނެތީ އަހަރެމެން ހިތްހަމަ ޖެހެއެވެ."
އިނގިރޭސި ޚާރިޖިއްޔާގެ ތަރުޖަމާން މިމައްސަލާގައި ވިދާޅުވެފައިވާކަމަށް އިނގިރސި ދަގާޑިއަން ނޫހުގައި ސެޕްޓެންބަރ 27 ވަނަ ދުވަހު ޝާއިއުކުރި ލިޔުމެއްގައި ލިޔެފައިވެއެވެ.
ދިވެހިރާއްޖޭގެ ސީބެޑަށް އިތުރުކުރުމަށް ރާއްޖެއިން އދގެ ކޮމެޓީއަށް ހުށަހެޅި މައްސަލަ އަދި ނުފެށެއެވެ. އެކިގައުމުތަކުން އެ ކޮމިޝނަށް ވަރަށް ގިނަ މައްސަލަތައް ހުށަހަޅާފައިހުރިނަމަވެސް އެކޮމިޝަނުން ބާއްވަނީ އަހަރަކު ދެތިން އަޑުއެހުމެކެވެ. އެހެންވީމާ ރާއްޖޭގެ މައްސަލައާ އަދި ނުޖެހެއެވެ.
200 މޭލުގެ ބޭރުން ސީބެޑް ކްލައިމްކޮށް ރާއްޖެއިން މައްސަލަ ހުށަހެޅިއިރު 1996 ވަނަ އަހަރު ދިވެހި ރާއްޖެއިންވަނީ އދގެ ކަނޑުތަކާބެހޭ މުއާހަދާގެ ދަށުން ރާއްޖޭގެ ކަނޑުތަކާބެހޭ ގާނޫނު ހަދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައަޅައި އދ އަށް ހުށަހަޅާފައެވެ.
ޑޮކްޓަރ މުނައްވަރު ވިދާޅުވީ ދެކުނުން 200 މޭލަށް ސަރައްހައްދީ ރޮނގު ދަމައި ސަރަހައްދީ އިންކަނޑައަޅައި އދއަށް ހުށަހެޅުމުން އެކަމާ ދެކޮޅަށް އިނގިރޭސިވިލާތުން ވަކިއެއްޗެއް ނުބުނާކަމަށެވެ. އެހެންވީމާ އެހިސާބުންފެށިގެން ދިވެހި ރާއްޖޭގެ ކޯސްޓްގާޑުން އެއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުކަމަށް ބަލައި ސަރަހައްދު ބަލަހައްޓަމުން ގެންދެއެވެ. ކޯސްޓްގާޑުން އެސަރައްހަދު ބަލާހަދަމުންގެންދާ އެތައް ލޮގުކުރުމެއް ރާއްޖޭގެ ޑިފެންސް މިނިސްޓްރީގައި އެބަހުއްޓެވެ.
ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައަޅަންޖެހުނީވެސް ހާލަތެއް ކުރިމަތިވެގެންނެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ދެކުނުގެ ކަނޑުގެ ސަރަހައްދު އިނގިރޭސިވިލާތާއި ދިވެހިރާއްޖެއަށް ބަހާލުމާބެހޭ މަޝްވަރާތަކެއް ފެށުނެވެ.
ޑޮކްޓަރ މުނައްވަރުގެ ސަމާލުކަމަށް އެކަން ގެންނެވީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ހެލްތު މިނިސްޓަރކަމުގައި ހުންނެވި ކެރަފާ އަހްމަދު ނަސީމެވެ. ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ދުނިޔޭގެ ކަނޑުގެ ގާނޫނާއިބެހޭ މުއާހަދާގެ މަޝްވަރާތައް ހިނގައިދިޔައިރު ދިވެހިރާއްޖޭގެ ރެޕްރެޒެންޓެޓިވްއަކަށް ނިއުޔޯކްގައި ހުންނެވީ ނަސީމްކަމަށްވުމުން އެމުއާހަދާގެ ކަންކަން ހިގާފައިވާ ގޮތް އޭނާއަށް އެނގިވަޑައިގަނެއެވެ.
'' އަޅުގަނޑާ ކޮންމެވެސް ތަނަކުން ބައްދަލުވެގެން ނަސީމު އަޅުގަނޑުކައިރީގައި ވިދާޅުވަނީ، އޭ މުނައްވަރޭ ވަރަށް ބޮޑު ގޯހެއް އެބަހިނގައޭ. ދެން އަޅުގަނޑު ބުނެފިން ކިހިނެތްތޯއޭ ވީ. ދެން ނަސީމު މި ވިދާޅުވަނީ މިހާރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ދެކުނުން، މިހާރު އައްޑުއަތޮޅުގެ ދެކުނުން ޗާގޯސް އާކްޕިލެގޯގެ ސަރަހައްދާ ފުށުއަރާކަމަށް ބުނެ އެމައްސަލާގައި އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ވާހަކަ ދެކެވެމުން އެބަދެއޭ. ތިމަންނައަށް ހީވަނީ ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކާ ހަމައަށް ގޮސްފިހެންނޭ. ދެން އަޅުގަނޑު ބުނެފިން ކިހިނެތްހޭ އެއްބަސްވީ. ދެން ވިދާޅުވީ ތިމަންނައަށް ހީވަނީ ފުށުއަރާ ސަރަހައްދު ބައިކުރާ ގޮތަށޭ...ދެން އަޅުގަނޑު ދަންނަވައިފިން އެކަމަކު އެކަން ކުރާކަށް ނުޖެހޭ ނޫންތޯއޭ. ދެން ވިދާޅުވި އާއެކޭ އެހެންވެގެންތާއޭ މުނައްވަރާ މިވާހަކަދެއްކީ"
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކުރަހަންޖެހުނުގޮތް މުނައްވަރު ސާފުކޮށްދެއްވިއެވެ.
މުނައްވަރު ވިދާޅުވީ އޭރު ސަރުކާރުން ކުރަމުންދިޔަ ނެގޯސިއޭޝަން އެހާހިސާބަށް ދިޔައިރު އޮތީ މަޝްވަރާތައް ކުރެވުނު ޔައުމިއްޔާގެ ފުރަތަމަ އެއްބަސްވުމަކާ ހަމައިގައި ކަމަށެވެ. އެގްރިމެންޓެއްގެ ސިފައަށް ގެނެސްފައި ނެތްކަމަށެވެ. އެމައްސަލާގައި އޭރުގެ ޚާރިޖީ ވަޒީރު ޖަމީލާއި މުނައްވަރު ބައްދަލުކުރައްވައި ކަނޑުގެ ސަރަހައްދު ދެބައިކުރަން ނުޖެހޭކަމަށާއި ދިވެހިރާއްޖެއަށް ފުލް 200 މޭލުގެ ސަރަހައްދެއް ލިބެން އޮތްކަމަށް ވިދާޅުވުމަށްފަހު ދިވެހިސަރުކާރުގެ ފަރާތުން އެކަމުގައި މަސައްކަތްކުރައްވާ އެންމެ އިސްބޭފުޅަކަށް މުނައްވަރު ހަމަޖެހުނެވެ.
ދިވެހިރާއްޖެއިން އދގެ ކަނޑާއިބެހޭ މުއާހަދާ ތަސްދީގު ކުރުމަށްފަހު އެމުއާހަދާގެ ދަށުން ރާއްޖެއިން ހަދަންޖެހުނު ދިވެހިރާއްޖޭގެ ކަނޑުތަކާބެހޭ ގާނޫން އަމިއްލަފުޅަށް ލިޔުއްވައި ތައްޔާރު ކުރެއްވީ އޭނާއެވެ.
މުނައްވަރު ވިދާޅުވީ އައްޑުއަތޮޅާ ދިމާއިން ދެކުނަށް ދުއިސައްތަމޭލަށް ދަމަން ރާއްޖެއަށް ފުރުސަތު ލިބުނީ އެދިމާއިން އެހެން ދައުލަތެއް ނެތުމުން ކަމަށެވެ. ފުށުއެރުމެއް އައީ ހަމައެކަނި ސްރީލަންކާއާއި އިންޑިއާގެ ސަރަހައްދާ ގުޅޭތަނުގައެވެ. އެހެންވީމާ ތިންގައުމުން އެއްބަސްވެވޭގޮތަށް އެދިމާއިން ސަރަހައްދުގެ އިން ވަކިކުރެވުނެވެ.
ދެކުނުން ޗާގޯސްގެ ރަށްތައް ހިފައިގެން ތިބި އިނގިރޭސިވިލާތުން މައްސަލަ ޖައްސާފައިނެތުމުން އދގެ ހަމަތަކުގެމަތިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން އޮތީ ކަނޑައަޅައި ނިމިފައެވެ. އެއިމުގެތެރޭގައި ތިބެގެން ދިވެހިން ދިޔައީ ކައިބޮއި ހަދަމުންނެވެ.
މިހުރިހާ ކަމެއް މިހެން އޮއްވައި 200 މޭލުން ބޭރަށް 350 މޭލާއިހަމައަށް ދިވެހި ސަރުކާރުން ރާއްޖޭގެ ސީބެޑް ކަނޑައަޅައި އދގެ ކަމާއިބެހޭ ކޮމިޝަނަށް ހުށަހަޅާފައި އޮތްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ކޮށްގެން އުޅޭ ކަމަކީ ދިވެހި ގައުމުގެ މިނިވަންކަމާ މުސްތަގިއްލުކަމަށް ގެއްލުންވާގޮތަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގަމުންދިޔަ އަދި އެކަނޑަކުން ދިވެހި މަސްވެރިން ކާންބޯން މަސްވެރިކަންކުރަމުންދިޔަ ދިވެހި ގައުމުގެ ކަނޑު ބައިކޮށް މޮރިޝަސްއަށް ދޫކޮށްލުންކަމަށް ޑޮކްޓަރ މުނައްވަރު ސިފަކުރެއްވިއެވެ.
ސަރުކާރުން މިކަމުގައި އަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫންއަސާސީއާ ޚިލާފަށްކަމަށް ގާނޫނީ ދާއިރާގެ އިލްމުވެރިން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުން ބައެއް ދިވެހި ގައުމުން ވަކިކޮށް މޮރިޝަސްއަށް ދޭން އެއްބަސްވެގެން އެޓްލޮސްއިން ނިންމާފައި އޮތް ގޮތަކީ ދިވެހިރާއްޖެއަށް ދިވެހި ރައްޔިތުންނަށް ހައްގު މިންވަރުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުން ދެކެއެވެ.