ރައީސް ޔާމީން އާއި ގުޅޭ ގޮތުން ގާސިމް ހެއްދެވީ ދޮގެއް: މުއާޒް

08 Sep 2018 | 15:18

ޖީއެމްއާރު އަތުން އެއާ ޕޯޓް ނެގުމާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވާ ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.

ރޭ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން "ބްރިޖް ސަޅި " ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން ހުޅުލެ އެއާޕޯޓް ނެގުމަށް ބޮޑު އަދަދެއް ދައްކަން ޖެހޭނަމަ އެކަން ކުރަން ނުފެންނަ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި ކަމަށެވެ.

ރައީސް ޔާމީން ގެ މި ވާހަކަތަށް ރައްދު ދެއްވައި ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ބޮޑު އަގެއް ދައްކަން ޖެހޭ ނަމަ ގާސިމް އަށް އަތުލަން ނުފެންނަ ކަމަށް ވިދާޅުވެ ރައީސް ޔާމީން ހެއްދެއްވީ އިތުރުފުޅެއް ކަމަށެވެ.

ގާސިމްގެ ވާހަކަތައް ދޮގުކުރައްވާ މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖީއެމްއާރުއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ނިކުމެވަޑައިގަތުމުން ރައީސް ޔާމީނަށް ތާއީދު ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޑރ. ހަސަން ސައީދު ކަމަށެވެ. އަދި މިކަމަށް ގާސިމް އިބްރާހިމް ތެދުވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމަށް މުއާޒު ވިދާޅުވި އެވެ. 

Advertisement

ކޮމެންޓް