.
ހަބަރު
10 Jan 2024 | 16:40
އިންޑިއާގެ ބޮއިކޮޓް ޑިޕްލޮމަސީ ކޫލްކުރައްވަން އުޅުއްވުމަކީ ބުއްދިވެރި ކަމެކެވެ!

ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދި ވަރުގަދަވެ އެތައް ޒަމާނަކަށް ގޮސްފައިވާ ގާތް ރަހްމަތްތެރި ގުޅުމަށް ވޭތުވެދިޔަ ތިން ހަތަރު ދުވަހެއްގެތެރޭގައި  ހިރަފުސްތަކެއް ބުރައި ދެގައުމުގެ އެމްބެސެޑަރުން އެއްގައުމު އަނެއް ގައުމެއްގެ ޚާރިޖިއްޔާއަށް ހާޒިރުކޮށް އުއްމީދުކުރެވިފައިނުވާ ކަހަލަ ކަންތައްތަކެއް މިވަނީ ހިނގާފައެވެ.

މިވަގުތު ގަލަން ނަގައިގެން އިށީދެގެން މިއިން ހިނދުގައިވެސް އިންޑިއާގެ ކޯޕަރޭޓް މީޑިއާތަކުންނާއި ދިވެހިރާއްޖެ ބޮއިކޮޓް ކެމްޕެއިންގެ އަޑީގައި ތިބި ބަޔަކާއި ދިވެހިންގެ ތެރޭގައި ތިބި ތަސައްރަފް ނުފުރޭޒާތުގެ ބަޔަކު ގެންދަނީ ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެތެރެއަށް ފިތުނައިގެ ބޮންތަކެއް އޮއްސަމުންނެވެ.

ކަންކަން މިހާރު ގެންގޮސްފައިވާ ހިސާބުން ދެގައުމުގެ ސަރުކާރުގައި ކަންކަމަށް ނުފޫޒުފޯރުވޭ ފަށުގައިތިބި ފަރާތްތަކުން ވިސްނައިލާން ނުޖެހޭ ބާވައޭ ހިތަށް އަރާހާވެއެވެ. މިކުރަނީ އަދި ކުރެވެނީ ކޮންކަމެއް ހެއްޔެވެ.

ސޯޝަލް މީޑިއާގައި ދެގައުމުގެ އެކްޓިވިސްޓުންތަކެއް ފަށައިގެން މިއުޅޭ ކަންތައްގަނޑުގެތެރެއިން އަޅުގަނޑު އަޅައިގަތީ އިންޑިއާގެ ސްޓްރެޓެޖިކް ތިންކްޓޭންކުންގެ ގޮތުގައި ތިއްބެވި ބަޔަކު ފާޅުކޮށްފައިވާ ޝުއޫރުތަކަކަށެވެ.

އެބޭފުޅުންގެ ނަޒަރުގައި ދެގައުމަކީވެސް އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ބަރޯސާވާ ދެގައުމަށްވާއިރު މިފަދަ ނޭއްގާނީ ގޮތަކަށް ދިމާކޮށްގެން އުޅުމުގެ ފައިދާއެއް އެއްވެސް ބަޔަކަށް ނެތެވެ. ދިވެހިރާއްޖެ ކިތަންމެ ކުޑަނަމަވެސް ދިވެހިރާއްޖެއާއި ގުޅިފައިވާ އިންޑިއާގެ މަސްލަހަތުތަކަކީ ކާބޯތަކެއްޗާއި މުދަލަށްވުރެ އަދި ފައިސާއިން އަގުކުރެވޭވަރަށްވުރެ އަގު ބޮޑު މަސްލަހަތު ތަކެކެވެ.

ހަމައެހެން ދިވެހިރާއްޖެވެސް އިންޑިއާއަށް ބަރޯސާވާ ކަންކަން އެހާމެ ގިނައެވެ. މިތަޖުރިބާކާރުން ދެކެވަޑައިގަންނަވާގޮތުގައި ދެގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ބިނާކުރަންޖެހޭނީއަކީ ސޯޝަލްމީޑިއާގައި ފަތުރާ ޚިޔާލުތަކަކަށް ނުވަތަ ހިންގާ ހަރަކާތްތަކަކުން ނޫނެއެވެ. އެއަށްވުރެ ދެގައުމުގެ ޑިޕްލޮމެޓިކް މުއައްސަސާތައް ވަރުގަދަވާން ޖެހެއެވެ. އެ މުއައްސާގައި ތިއްބެވީ ޚިޔާލުތަފާތުވުން އުފެދޭ ހިނދުގައި އެކަން އޮމާންކަމާއެކު ޙައްލުކުރުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންތަކެކެވެ.

ދިވެހިރާއްޖެ ބޮއިކޮޓް ކެމްޕެއިން

އިންޑިއާގެ ޓީވީތަކާއި ނޫސްޕޭޕަރުތަކުގެ ފަލަސުރުޚީތަކަށްބަލާއިރު ހިތަށްވަންނަނީ ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ހަނގުރާމައެއް ފެށިގެން ހިނގަމުންދާހެންނެއެވެ. މައިގަނޑު ހަތިޔާރަކަށް ބޭނުންކުރާތަން ފެންނަނީ ރައީސް ޔާމީން އިސްވެ ހުންނަވައި ފެށްޓެވި އިންޑިއާ މިލިޓަރީ އައުޓް ކެމްޕެއިން ކަހަލަ އިންޑިއާގެތެރެއިން ފަށައިގެންއުޅޭ ދިވެހިރާއްޖެ ބޮއިކޮޓް ކެމްޕޭނެވެ.

ޓޫރިޒަމް ދާއިރާ އެކަންޏެއްނޫނެވެ. ވިޔަފާރި ބޮއިކޮޓްކުރުމުގެ އަޑުތައްވެސް ދަނީ ގަދަކުރަމުންނެވެ. މިކަން ކުރުމަށް އިންޑިއާގެ ކޯޕަރޭޓް މީޑިއާ އެއްގަލަކަށް އަރައިގެން ގައުމީ ކަމެއްގެ ގޮތުގައި ދިވެހިރާއްޖެއާ ދިމާކޮށްގެން އުޅޭހެންވެސް ހީވެއެވެ. ދިވެހިރާއްޖެއަކީ ޓެރަރިޒަމްގެ ހާއްޔެއްކަމަށް ސިފަކޮށް ހިންގާ ޕެނަލް ޑިސްކަޝަންތަކުގެ ބޭނުމަކީ އިންޑިއާ ފަތުރުވެރިން ދިވެހިރާއްޖެއަށް ދަތުރުކުރުން ހުއްޓުވުން ކަމަށް ވެދާނެއެވެ. ނުވަތަ އިންޑިއާއަކީ ކިހާބާރުގަދަ ބައެއްކަން ދައްކައި ދިވެހިޜާއްޖެއަށް ފިލާވަޅެއް ދިނުމުގެ ގޮތުން ކުރާ ކަމަކަށްވެސް ވެދާނެއެވެ.

އިންޑިއާއިން މިގޮތަށް ހިންގާ ބޮއިކޮޓް ކެމްޕެއިންތަކަކީ ގައުމުތަކަށް އާކަމެއް ނޫނެވެ. ދާދިފަހުން ގަލްފުގެ މުއްސަނދިގައުމެއް ކަމުގައިވާ ގަތަރާއި ދެކޮޅަށްވެސް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ހިންގައިފިއެވެ. މެލޭޝިޔާއާއި ދެކޮޅަށްވެސް ހިންގައިފިއެވެ. އަދި ޚުދު އެމީހުންގެތެރޭގައި ބޮލީވުޑްގެ ތަރިން އުފައްދާ ފިލްމުތަކާ ދެކޮޅަށްވެސް ވަރުގަދަ ބޮއިކޮޓް ކެމްޕޭން ހިންގައެވެ. މިކެމްޕެއިންތަކުގެ މައިގަނޑު އަސާސަކަށް ހަދާފައި އޮންނަނީ އިންޑިއާވަންތަކަން ކުރިއެރުވުމެވެ. ދިވެހިރާއްޖެއާ ދެކޮޅަށް ފަށައިގެން އުޅޭ ބޮއިކޮޓް ކެމްޕޭނަކީވެސް ގައުމަށްޓަކައި އިންޑިއާގެ މަސްލަހަތަށްޓަކައި ކުރާކަމެއްކަމަށް ބުނެއެވެ.

މީގައި ދެރަކަމަކީ ދެގައުމުގެ ތެރެއިން މިހިންގާ މޮޔަ އަދި ތާކުންތާކު ނުޖެހޭ ދިމާކުރުންތައް ހުއްޓުވުމުގެ ބާރު ދެގައުމުގެ ސަރުކާރަށްވެސް އޮވެމެ އަޅައިނުލައި ވާނެއެއްޗެއްވާން ދޫކޮށްލައިގެން ތިބުމެވެ. ނަތީޖާއަކަށްވާނީ ކޮންކަމެއްތޯއެވެ. އިންޑިއާގެ ބޮޑުވަޒީރަށް ނިސްބަތްކޮށް އެކަށީގެންނުވާ ބަސްތަކެއް ރައްދުކުރި ދިވެހި ސަރުކާރުގެ ޖޫނިއަރ ލެވެލްގެ ބޭފުޅުންނާމެދު ދިވެހި ސަރުކާރުން ފިޔަވަޅުއަޅައިފިއެވެ. ސޯޝަލް މީޑީއާގައި ބޮޑުވަޒީރު މޯދީއަށް މަލާމާތްކޮށް ކޮމެންޓްކުރީ ރާއްޖޭގެ ކެބިނެޓް މިނިސްޓަރުންކަމާއި އެއީ ދިވެހިރާއްޖޭގެ ލީޑަރުންކަމަށް ހަދައިގެން ޒުވާން ފުރައިގެ ދެތިން ކުއްޖެއްގެ ފޮޓޯ އިންޑިއާގެ ބޮޑެތި ޓީވީ ޗެނަލްތަކުން ހުއްޓާނުލައި ފަތުރަމުންދިއުމަކީ ދޮގުފެތުރުމެވެ. ދެން މިހާރު ފާޅުގައި ދިވެހިރާއްޖޭގެ ރައީސަށް މަލާމާތްކޮށް އަގުވައްޓާލަމުން ގެންދަނީއެވެ. އެންޓި އިންޑިއާ ޗައިނާ ޕަޕެޓެކޭ ކިޔައިގެންނެވެ.

ކޮންމެ ގޮތަކަށް ސިފަކުރިޔަސް ދުނިޔެ ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އެމެރިކާއަށް ބަރޯސާވެގެންތިބި ގަލްފުގެ ގައުމުތަކުން އެމެރިކާގެ ނުރުހުމަށް ބެލުމެއްނެތި ޗައިނާއާއި ވިޔަފާރިކޮށް ގާތްކަން އެބަބާއްވައެވެ. އިންޑިއާއަކީ ދިވެހިރާއްޖޭގެ ގާތް އަދި އެންމެ ގާތް ބައިވެރިޔާއެވެ. އެކަމަކު އިންޑިއާ އެގައުމުގެ މަސްލަހަތު އިސްކޮށްގެން ކުރިއަށް ނެރެފައިވާ މިނިވަން ޑިޕްލޮމަސީގައި ބޭނުންގައުމަކާއި ވިޔަފާރި ކުރާގޮތަށް ދިވެހިރާއްޖެއަށްވެސް ވިޔަފާރިއާއި އެހެނިހެން ރޮގުތަކުން ކުރިއަށް ދިއުމަށް ގައުމުތަކާއި ވާހަކަ ދައްކައި އިސްނެގުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ދެކެންޖެހެއެވެ.

ދިވެހިރާއްޖެ ބޮއިކޮޓް ކެމްޕޭނުން ނުކުންނާނެ މައިގަނޑު ނަތީޖާއެއްކަމަށް ފެންނަނީ ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ޒުވާން ބޭފުޅުންގެ ހިތްޕުޅު ހަރުވާން ފެށުމެވެ. އިންޑިއާއާމެދު ނުރުހުމާއި ހިތްހަމަނުޖެހުން ބޮޑުވެ ދެގައުމުގެ ދޭތެރޭގައި އޮތް ޒަމާންވީ ގުޅުން ނުބައިވެ ހީނަރުވެ އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް އިތުބާރު ގެއްލުމެވެ. ދިވެހިރާއްޖެއަށް މަލާމާތްކޮށް ފުރައްސާރަކޮށް ބިރު ދައްކައި އިންޒާރުދީ ދަތިކުރަންއުޅުމަކީ ދިވެހިރައްޔިތުންވެސް ގަބޫލުކުރާނޭ ކަމެއް ނޫންކަން ގަބޫލު ކުރައްވާށެވެ. އެކަމުގެ ސަބަބުން ރާއްޖެއާ ގުޅިފައިވާ އިންޑިއާގެ މަސްލަހަތުތަކަށް ނޭދެވޭ އަސަރު ފޯރާފާނެއެވެ. މިހާރު އުފައްދާފައިވާ ދެކޮޅުވެރިކަމުގެ މާހައުލުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އިންޑިއާއަށް ދަތުރުފުޅު ކުރައްވައި ދައްކަވާނީ ކޮން މޫނެއްތޯއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ މިހައި ކުރީކޮޅު ތިހައިބޮޑު ދެކޮޅުވެރިކަމަކާއި ދިމާކުރުންތަކެއް ގެންގުޅުމުގެ ބޭނުމެއް ހަގީގަތުގައި އަދި ނެތެވެ. ބޮއިކޮޓް ޑިޕްލޮމެސީ ކޫލްކުރެއްވޭތޯ ބެއްލެވުމަކީ ބުއްދިވެރި ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.