މަޖިލިސް ޖަލްސާ
ރިޕޯޓް
06 Feb 2024 | 11:10
މަޖިލިސް ރައީސް އަސްލަމްގެ އިންޒާރުގެ ފަހަތުގައިވަނީ ކޮންކަމެއް؟

ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތުގައި މިއީ ވަރަށް އާ އަދި އާދަޔާއި ޚިލާފް ނިންމުމެކެވެ.

ރައްޔިތުން ވޯޓުދީގެން އެމީހުންގެ ރައީސަކު އިންތިޚާބު ކޮށް އެރައީސުލްޖުމްހޫރިއްޔާއަށް އަދި ރިޔާސީ ގަނޑުވަރަށް ވެދެވަޑައިނުގެންނެވިގެން އުޅުއްވަނިކޮށް ރައްޔިތުންގެ މަޖިލީހުގެތެރެއިން އެމަނިކުފާނު ވަކިކޮށް ރައްޔިތުންގެ ނިންމުމަށް ޗެލެންޖު ކުރުމެވެ.

އެމްޑީޕީގެ ސުޕަރމެޖޯރިޓީ އޮވެ، އުމުރު ހުސްވަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިންމައިގެން އެތިބީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ބަދަލުގައި ރައްޔިތުން ހޮވި އާ ރައީސް ކޮންމެ ވެރިކަމުން ވައްޓައިލުމަށެވެ.

އިއްޔެ ރައީސް ޑޮކްޓަރ މުއިއްޒު އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވިއިރު  އެމްޑީޕީގެ މެންބަރުން ތިއްބެވީ ދުރާލައި ރާވައިގެން މަޖިލިސްގެ ޖަލްސާ ބޮއިކޮޓްކޮށްގެންނެވެ.

ރިޔާސީ ބަޔާނަށް ހުރަސްއެޅުމަކީ އެމްޑީޕީން އަލަށް ކުރާ ކަމެއް ނޫނެވެ. ރައީސް މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި އެޕާޓީން ރައްޔިތުންގެ މަޖިލިސްތެރޭގައި ހިންގާފައިވާ ވަޔަލެންޓް ހަރަކާތްތަކަކީ ދިވެހިންނަށް ފެނިފަރިތަވެފައިވާ ކަމެކެވެ.

އިއްޔެ ދެއްކީ ކުޑަކޮށް ތަފާތު މަންޒަރެކެވެ. ރައީސް މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން ނިންމަވާލެއްވުމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ދެއްވެވީ އިންޒާރެކެވެ. ރައީސް މުއިއްޒު އެމަނިކުފާނު ރިޔާސީ ބަޔާން ނިންމަވާލައްވާފައި ވަޑައިގެން އަސްލަމާއި ދާދި ކައިރީގައި ހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމުން އަސްލަމް ވިދާޅުވީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ބާރު ހުރިވަރު ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެކަމަށެވެ. މާނައަކީ ދައުލަތް ހިންގުމުގެ ތިން ބާރުގެތެރެއިން ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އަދި ކުރާން އުޅޭ ކަންތައްތަކާއި ވެރިކަން ހިންގުމުގެ ބާރުން ނުކުޅުމަށެވެ.

އަސްލަމްގެ މިއިންޒާރު އައިސްފައިމިވަނީ އެމަނިކުފާނުގެ ޕާޓީން އިސް ނަގައިގެން ރައީސް މުއިއްޒު ވެރިކަމުން އަޒުލުކުރުމަށް މެންބަރުން ލައްވައި ސޮއި ހަމަކޮށްގެން ހުށަހަޅަން ތައްޔާރުވެފައިވާކަން ހާމަކޮށްފައިވަނިކޮށެވެ. ވަގުތުބަލާފައި މިމައްސަލަ މަޖިލީހުގެތެރޭގައި ހިންގައިލާނޭކަމަށް އެޕާޓީން އޮތީ އިއުލާންކޮށްފައެވެ.

ގާތްގަޑަކަށް ޔަގީން ކުރެވިފައިވާ ގޮތުން އެޕާޓީން މިކުރަން އުޅޭ ކަންތަކަށް އެޕާޓީގެ އައިޑިއޮލޮޖީގެތެރެއިން ނުކުތް ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއިން ތާއީދު ކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް މިވިދާޅުވަނީ ރައީސުލް ޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބާރު ގާނޫން އަސާސީގައި ދީފައި އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވުމާއެކު އެއީ މަޖިލީހަށް ލިބިގެންވާ ބާރަކަށްވާތީ އެބާރާއި ނުކުޅެވޭނެ ކަމަށެވެ. މަޖިލީހުން ނިންމަން އުޅޭ ނިންމުމާއި ރައީސް ދެކޮޅު ހައްދަވައިގެން ލިބިވަޑައިގަންނަވާނެ "ހެވެއް މޮޅެއް ނޯންނާނެ " ކަމަށެވެ.

ރައީސް ވެރިކަމުން އަޒުލުކުރުމުގެ ދުވަސްތޫރީ ހަމައަކީ ކޮބާ؟

ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ތާރީޚީ ކަމަކަށް މިކަންވަނީ ދުސްތޫރުގެ ހަމަތަކަށް ބެލުމެއްނެތި ހަމަ ތިބެފައި ސަރުކާރު ވަށްޓާލަނީއޭ ބުނެފައި ރައްޔިތުންގެ މަޖިލީހަށް ވަދެ ގޮނޑީގައި އިށީނދެވަޑައިގެންފައި ފިތަކަށް ފިތާލައިގެން ސަރުކާރު ވެއްޓުނީކަމަށް ނިންމުމެވެ.

ރައްޔިތުންނަށް މިކަންބޮޑުވެގެން އުޅެނީ އެއްވެސް ހަމައެއް ލަމައެއްނެތި ރައްޔިތުން ނިންމާފައިވާ ނިންމުމެއް ބޮލާލައި ޖަހާފައި އެރައްޔިތުންގެ ބޮޑު ހައްގަކަށް އަރައިގަންނަނީކަމަށް އިއުލާންކޮށްފައި ގޮސް އަރައިގަންނަން ރާވާފައިވާތީއެވެ. މިގޮތަށް ދިވެހިރާއްޖޭގައި ރައީސަކު އަޒުލުކުރަން މިހާތަނަށް އުޅެފައެއް ނެތެވެ.

އެމްޑީޕީ ޕީޖީ ގުރޫޕް

ގާނޫން އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި މީހެއްގެ ކިބައިގައި ހުންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތެއް އުނިވެގެން އުޅެނީއަކީ ނޫނެވެ. ގާނޫން އަސާސީގެ ހުރުމަތް ކަނޑައި އެގާނޫން އަސާސީއާއި ޚިލާފް ކަންތައްތަކެއް ހިގައިގެން އުޅެނީއަކީއެއްވެސް ނޫނެވެ. ފެންނަން އޮތް ހަމައެކަނި ސަބަބަކީ ވެރިކަން ގެއްލިގެން ދިޔުމުން ލިބިފައިވާ ހިތާމައާއި އައިސްފައިވާ ރުޅިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ވެރިކަމުން އަޒުލުކުރަން އުޅުމުގެ އެންމެ ހާމަކަން ބޮޑު ސަބަބަކަށް އޮތް ސަބަބަކީ އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ބަދަލުގައި ރައީސް ޑޮކްޓަރ މުއިއްޒު ގެންގުޅުއްވަން ފެއްޓެވި ޚާރިޖީސިޔާސަތެވެ. ދިވެހިރާއްޖޭގެ ދާޚިލީ މިނިވަންކަމަށް ބުރޫއަރާފަދަ ދަރަޖައަކަށް އަވަށްޓެރި އިންޑިއާއަށް ބަރޯސާކޮށްފައި އޮތް އޮތުން ދޫކޮށްލައި ދިވެހިރާއްޖެއަށް މަންފާ ލިބޭ ހުރިހާ ގައުމަކާއި ގުޅުން ބަދަހިކޮށް ގިނައިން އެހީދޭ ގައުމުތަކުން ގިނައިން ހޯދުމަށް ހުޅުވާލި ހުޅުވާލުމެވެ.

ދިވެހިސަރުކާރުގެ މިއާ ޚާރިޖީ ސިޔާސަތާއި އިންޑިއާ ހިތްހަމަނުޖެހޭތީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް އުފެދި ގުޅުންތަކަށް އެކަމުގެ އަސަރު ފޯރާފައިވާ މިދަނޑިވަޅުގައި އެމްޑީޕީއާއި އެޕާޓީގެ ފިލޯސަފީގައި އޮތް ޑިމޮކްރޭޓުން ބޭނުންވަނީ ރައީސް މުއިއްޒު ވެރިކަމުން އަޒުލުކޮށް އަލުން އެޕާޓީ ވެރިކަމަށް އައުމަށް އަވަސް އިންތިޚާބެއް ބާއްވަން މަގު ހުޅުވައިލުމަށެވެ.

ސްޓޭޓް އޮފް އިމަރކެންސީއެއް ހިންގައިގެން ޖައްސަންވީ ވަކި ކޮން މައްސަލައެއް؟

އެއްވެސް ސަބަބެއް ނެތަސް ރައްޔިތުންގެ މަޖިލީހުން ވޯޓްނަގައިގެން ރައީސް އަޒުލުކޮށްލީމާ ދައުލަތުގެ އެހެން ބާރުތަކުން އެނިންމުމަށް ކިޔަމަންވާންޖެހޭނެ ކަމަށް މަޖިލިސްގެ ރައީސް އަސްލަމް އިއްޔެ ދެއްވި އިންޒާރުން ދޭހަވެއެވެ.

ރައީސަކު އަޒުލުކުރެވިދާނެކަމަށް ގާނޫން އަސާސީގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިނުވަނީސް އަމިއްލަ ޒާތީ ސަބަބުތަކެއް ކުރިއަށް ނެރެގެން އަޒުލުކުރަން ރާވާ ރޭވުން މަޖިލިސްގެތެރެއިން ބަޣާވާތެއް ގެނައުން ނޫންކަމަކަށް ނުވާނެއެވެ. ގާނޫން އަސާސީގެ ބާރުތައް ކެނޑުނަނުދީ އެގާނޫން އަސާސީ ހިންގުމުގެ އެންމެ މަތީވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް، މަޖިލީހުން ބޭނުންވީމާ ރައީސް ވައްޓާލަންވީއެވެ.

ޖުޑިޝަރީން ބޭނުންވީމާ ރައީސް ވައްޓާލަންވީއެވެ. ސިފައިން ބޭނުންވީމާ ސަރުކާރު ވައްޓާލަންވީއެވެ. ހިތަށް އެރީމާ ސަރުކާރު ވައްޓާލަން މިއީ ޕާކިސްތާނު ހެއްޔެވެ.

އިހަށް ދުވަހު ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ވޯޓްދިނުމުގައި އެމްޑީޕީން އަމަލުކުރި ގޮތުންވެސް ވެރިކަން ވައްޓާލުމަށް އެޕާޓީން ފެންބޮވައިގެންފައިވާ ވަރު ދޭހަ ވެއެވެ.

ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭން އުޅޭ ޚިދުމަތްތަކަށް ހުރަސްއަޅައިގެން ސަރުކާރު ބަލިކަށިކޮށްލުމެވެ. އިސްލާމިކް މިނިސްޓަރަށް ވޯޓްނުދިނީ ހައްޖު ކޯޓާ ޖަމާއަތްތަކަށް ނުދީގެންނާއި ކޮންމެވެސް މައްސަލައެއްގެ ތުހުމަތެއް މެންބަރުންނަށް ކުރެވޭތީކަމަށް ބުންޏެވެ. ހައްޖު ކޯޓާ އަމިއްލަ ޖަމާއަތަކަށް ނުދިނުމަކީ ވަޒީރުކަން ނުދޭވަރުގެ ސަބަބެއްކަމަށްވާނަމަ ކެބިނެޓް ހިންގާނެ ގޮތް ބުނަން ޖެހޭ ފަރާތަކީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމަށް ހީފުޅުވަނީއެވެ.

ނަޒާހަތްތެރިކަމުގެ ދިދަހޫރުވާއިރު އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ ތުހުމަތު ޕްރޮސެކިއުޓަރޖެނެރަލް ކުރައްވާފައިވާ ފަރާތްތައް ކެބިނެޓްގައި ބައިތިއްބަން ހަމަ ތިމެންބަރުން ވޯޓްދެއްވިއެވެ. ހައުސިން މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރަށް ރުހުން ނުދިން މާކަބޮޑު ސަބަބެއް ނެތެވެ. އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް ގާނޫން އަސާސީން ދީފައިވާ ބާރެއް ނަހަމަގޮތުގައި ބޭނުން ކުރީއޭ ނުބުނެވޭނެތޯއެވެ.

ތިޔަހެންވެއްޖިއްޔާ ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް އޮފް އިމަރޖެންސީ ހިންގުމުން އެބާރު ބޭނުންކުރި ގޮތާއިމެދު ރައްޔިތުންގެ މަޖިލީހުންވެސް ސުވާލުކޮށްގެން ނުވާނެތާއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫން އަސާސީން ލިބިގެންވާ ބާރެކެވެ. ދުސްތޫރީ ވެރިކަމެއްގައި ދުސްތޫރީ ހާލަތެއް ކުރިމަތިނުވަނީސް ރައްޔިތުންގެ މަޖިލީހުން ވެރިކަން ވައްޓާލަން ކުރާ މަސައްކަތާއިމެދު ސުވާލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހީފުޅުވަންޏާ ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް އޮފް އިމަރޖެންސީ ހިންގެވީމާ ސުވާލު ކުރެވެންވީ ވަކި ކީއްވެގެންހެއްޔެވެ.

އެޖެންޑާ 19ގެތެރެއިން އެމްޑީޕީން ބާރު ހޯދި 19 ވަނަ ރައްޔިތުންގެ މަޖިލިސް ފަހުނޭވާއައަށް އެޅިފައިވާ މި ކުޑަދުވަސްކޮޅެއްގެތެރޭގައި ދިވެހި ގައުމު ލައްކަ ލޮޅުމެއް އަރުވާލައި ހަލުވާލުންތަކެއް އަންނާނެކަމަށް މިފެންނަ މަންޒަރުތަކާއި ދޭ އިންޒާރުތަކުން ދޭހަވެއެވެ.  

ކޮމެންޓް
ސަލާމްބެބެ
މަގުބޫލު އުޒުރެއް ނެތި ރޖ އަޒުލުކޮށްފިނަމަ، އެކަން ކުރި މީހުންގެ ބައި އަހަރެމެން ވަކި ފިކުރަކަށް ބެލުމެއްނެތި ނިންމާލަން އިންޝާﷲ..
06 Feb 2024
ޙާލަތު
7 ފެބުރުއަރީގައި ސަރުކާރު ވައްޓާލީމާވެސް ބަޣާވާތަކަށްނުވި އެހެންވީމާ ރާއްޖޭގައި ބަޣާވަތް ނުކުރާނެ! ކޮންމެވެސް ބޭރުބަޔަކު ގެނެސް މޮޅުރިޕޯޓެއް ހަދާފައި ހުދުކާފޫރު ކޮޅަކަށް ހަދާނެ.
06 Feb 2024
އަހުމަދު
އެމްޑީޕީއަކަށް ބޭނުންހާ އެއްޗެއް ނުހެދޭނެ. ހުރިހާ މެންބަރުން މަޖިލީހުގެ ފާރުމަތިން ބޭރަށް އުކާލާފައި، ޤައުމު މާ ހަލަބޮލި ވަނީއޭކިޔާފަ އިމަރޖެންސި އިއުލާނު ކުރީމަ ނިމުނީ. ރައްޔިތުން ތިބޭގޮތެއް އެނގޭނެތާ މަޖިލިސް ވޯޓުލީމަ.
06 Feb 2024
ޢައިޝް
އެއްލައްކަ އަށްވުރެ ގިނަ ރައްޔިތުންގެ ވޯޓާއިއެކު ހޮވާފައިހުރި ރައީސަކު އެންމެ54 މެމްބަރުންގެ ވޯޓުން އަޒުލުކުރުމަކީ ގަބޫލޫ ކުރެވޭނެކަމެއް ނޫން..
06 Feb 2024
އާދަނު123
ރައްޔިތުން މަޖިލީސް އުވާލުމުގެ ބާރުއޮންނަނީ ކޮންބަޔަކަށް އެބަޔަކު ވެއްޖެނު މިތަން އުވާލަން
06 Feb 2024
ނާނު
އެއްފަރާތް ދައްކަން ލިޔެފަވާ ލިއުމެއް...
06 Feb 2024
ޙަސަނާބެ
ރައީސް ރައްޔަތުން ހޮވިގޮތަށް މަޖިލިސްވެސް ހޮވާފައޮތީ ހަމަ ރައްޔިތުން. ދެފަރާތަށްވެސް ދައުރެއް އެބައޮތް. ރައީސަކު އަޒަލުކުރެވޭނެގޮތް ގާނޫނުގަ އެބައޮތް.
06 Feb 2024
ޢަބްދޫ
ބަގާވާތް ކުރުމާއި ބަގާވަތްވކުރަން ރޭވުމަކީ ކުށެއް.މަޖިލިސް މެމްބަރުން ކުރިޔަސް ބަގާވާތް ބަގާވާތަކަށްވާނެ.
06 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.