ރައީސް ނަޝީދު ހައްޔަރުކުރަން ގޮވާލައިފި

14 Mar 2019 | 17:51

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަލާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅު ތަހުގީގް ކުރުމަށް އެމަނިިކުފާނު ހައްޔަރު ކުރުމަށް ޕީޕީއެމްގެ ކައުންސިލް މެންބަރ އަލްއުސްތާޛް އަހްމަދް ސިއްދީޤް ގޮވާލައްވައިފިއެވެ.

އއ. ތޮއްޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ރަލުގެ ވިޔަފާރި ކުރުމުން އިންތިހާއަށް ފައިދާވެ މުއްސަނދިވާނެކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކުގައި ރާ ވިއްކުމަށް ބާރު އަޅުއްވާ ފަދަ މޭރުކަމުން ވާހަކަ ދައްކަވާފައެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ދީނީ ޢިލްމުވެރިންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވެފައެވެ.

ސިއްދީޤްގެ ޓްވީޓްގައި ފުލުހުންނަށް ގޮވާލައްވާފައި ވަނީ ރައީސް ނަޝީދު ހައްޔަރުކޮށް އޭމަނިކުފާނު ރަލާއި ބެހޭގޮތުން ދެއްކި ވާހަކަތައް ތަހުގީގް ކުރުމަށެވެ.

ސިއްދީޤް މިފަދައިން ގޮވާލެއްވި އިރު އިސްލާމްދީނާއި ޚިލާފް ވާހަކަތައް ދެއްކި ބައެއް ފަރާތްތައް މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް