އިންތިޚާބުގައި ވާދަނުކުރަން ޒާހިދު ނިންމައިފި

18 Mar 2019 | 11:38

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަން ފޯމް ހުށައެޅުއްވި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރ ޒާހިދު ރަމީޒް، މަޖިލީހަށް ވާދަނުކުރުމަށް ނިންމައިފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަނުކުރާނެކަން ޒާހިދު ވަނީ އޭނާގެ އޮފިޝަލް ކެމްޕެއިން ޕޭޖް މެދުވެރިކޮށް އިއުލާންކޮށްފައެވެ.

ޒާހިދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަނުކުރި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލާ އެހެން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް މިހާތަނަށް ނިންމާފައި ނުވާކަމަށެވެ. އަދި ނަން އަނބުރާ ގެންދިއުމުގެ ކަންކަން އީސީއާއި ގުޅިގެން ކުރިއަށްގެންދާކަމަށް ޒާހިދު ފާހަގަކުުރިއެވެ.

މީގެ ކުރިން ޒާހިދު ރަމީޒް ވަނީ، ޕީއެންސީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްއާއި ޕީއެންސީ ހައިޖެކްކޮށްފައިވާކަމަށްބުނެ ޕީޕީއެމްއިން ވަކިވެފައެވެ.

ރައީސް ޔާމީން ޖަލަށް ގެންދިޔަ ދަނޑިވަޅު ބަލައި، ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އޭނާ ކޮންޓްރޯލްކުރާ މަދު ބަޔަކު ވަނީ އަމިއްލަ މަސްލަހަތު އިސްކޮށް ޕީޕީއެމްއާއި ޕީއެންސީ ހައިޖެކްކޮށް، އެކި ގޮތްގޮތުން ދެ ޕާޓީ ގަޑުބަޑުކޮށްފައި ކަމަށް ޒާހިދު ވަނީ ފާހަގަކޮށްފައެވެ.

އަދި އެތައް ބަޔެއްގެ ތާއިދު ހޯދާފައި ވަނިކޮށް އެ ދާއިރާގެ ޓިކެޓް، އެންމެ މަތިން ނީލަންކީ ފަރާތަކަށް ވިއްކާލާފައިވާކަމަށް ޒާހިދު ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް