ޔުއޭފާ ނޭޝަންސް ލީގަކީ ކޮބާކަން އެނގޭތަ؟

19 Nov 2018 | 08:40

މި ފަހަކަށް އައިސް ފުޓްބޯޅަ އަށް ލޯބި ކުރާ ފަރާތްތަކަށް އެންމެ ގިނައިން އަޑު އިވޭ އެއް ވާހަކައަކީ ޔުއޭފާ ނޭޝަންސް ލީގެއް ކުޅޭ ވާހަކައެވެ. އެކަމަކު ޔުއޭފާ ނޭޝަންސް ލީގަކީ ކޮބާ ކަމާއި ކިހިނެއް ވާ މުބާރާތެއްކަން އެނގޭ ހެއްޔެވެ؟

ޔުއޭފާ ނޭޝަންސް ލީގަކީ ގައުމީ ޓީމުތައް ކުޅެމުން އަންނަ ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ މެޗުތަކަށް އޮންނަ ފޯރި ދައްވުމުގެ ސަބަބުން ޔުއޭފާއިން ތާއަރަފް ކުރި މުބާރާތެކެވެ.

ކޮންމެ ދެ އަހަރަކުން ބޭއްވުމަށް ހަމަޖެހިފައިވާ ޔުއޭފާ ނޭޝަންސް ލީގު ފަށައިފާވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގައެވެ. ޔުއޭފާ ނޭޝަންސް ލީގުގެ މެޗުތައް މިއަހަރު ކުޅުމަށް ހަމަޖެހިފަ އޮތީ ސެޕްޓެންބަރު، އޮކްޓޫބަރު، އަދި ނޮވެންބަރު މަހުގައެވެ.

އެގޮތުން ޔުއޭފާއަށް ނިސްބަތްވާ 55 ޓީމެއް އެ ޓީމެއްގެ 'ކޮއެފިޝަންޓް' ގިންތިއަށް ބެލުމަށްފަހު ވަނީ 4 ލީގަކަށް ބަހާލެވިފައެވެ. ގުރޫޕް އޭ ގައި ހިމެނެނީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމްތަކެވެ. އަދި ގުރޫޕް ޑީ ގައި ހިމެނެނީ އެންމެ ދަށުން ގިންތި ކުރެވިފައިވާ ޓީމުތަކެވެ.

ލީގް ބީ، ސީ، އަދި ޑީ ގެ ގުރޫޕްތަކުން އެއްވަނައަށް ދާ ޓީމްތަކަށް ޕްރޮމޯޝަން ލިބޭއިރު ލީގް އޭ، ބީ، އަދި ސީ ގެ ގުރޫޕްތަކުގެ އެންމެ ފުލުގައި އޮންނަ ޓީމްތައް ރެލިގޭޓް ވާނެއެވެ. 2019 ވަނަ އަހަރުގެ ޖޫން މަހު ލީގް އޭ ގެ ހަތަރު ގުރޫޕުން އެއްވަނަ ހޯދާޓީމްތައް ޔުއޭފާ ނޭޝަންސް ލީގުގެ ފައިނަލް ތަކުގައި ވާދަކުރާނެއެވެ. މިގޮތުން ދެ ސެމީފައިނަލަކާއި ތިންވަނަ ހޮވާ މެޗެއްގެ އިތުރުން ފައިނަލް މެޗެއް ކުޅެވިގެން ދާނެއެވެ.

ޔުއޭފާ ނޭޝަންސް ލީގުގެ ސަބަބުން މީގެ ކުރިން ގައުމީ ޓީމުތައް ކުޅެމުން އައި ފޯރިއެއް ނެތް ރަހުމަތްތެރި މެޗު ތަކުގެ ބަދަލުގައި ވާދަވެރި ފުޓުބޯޅަ މެޗުތަކެއް ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

Advertisement

ކޮމެންޓް