ފްރާންސް ފުޓްބޯލްއިން އެންމެ މޮޅު 50 ފުޓްބޯޅަ މެނޭޖަރުންގެ ލިސްޓް އާންމުކޮށްފި

20 Mar 2019 | 05:38

މަޝްހޫރު ފުޓްބޯޅަ މެގެޒިން ފްރާންސް ފުޓްބޯލްއިން ދުނިޔޭގެ އެންމެ މޮޅު 50 މެނޭޖަރުންގެ ލިސްޓް އާންމު ކޮށްފިއެވެ.

ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ލިސްޓުގެ އެއްވަނައިގަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަންގެ ނަން ނެތް އިރު ހޯސޭ މޮރީނިއޯ ގަދަ 10 މެނޭޖަރުންގެ ތެރޭގަވެސް ހިމެނިފައެއް ނުވެއެވެ.

މި ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ދުނިޔެއަށް ޓޯޓަލް ފުޓްބޯލް ތައާރަފް ކުރި ނެދެލެންޑްސްއަށް ނިސްބަތްވާ ރައިނަސް މައިކަލްސްއަށެވެ. އޭނާވަނީ އަޔެކްސްއާއެކު ނެދެލަންޑްސް ލީގް އަދި ބާސެލޯނާއާއެކު ސްޕެއިން ލީގް ކާމިޔާބު ކުރުމުގެ އިތުރުން ނެދެލަންޑްސްގެ ގައުމީ ޓީމާއެކު ޔުއޭފާ ޔޫރަޕިއަން ޗެންޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުގައި 13 ލީގް ތަށި، 5 އެފްއޭ ކަޕް، 5 ލީގް ކަޕް، އަދި 2 ޗެންޕިއަންސް ލީގް ކާމިޔާބުކުރި ސަރ އެލެކްސް ފާގަސަން އޮތީ މި ލިސްޓުގެ ދެވަނައިގައެވެ.

މި ލިސްޓުން އެންމެ ފާހަގަކުރެވިގެން ދިޔަ ކަމަކީ އާސެނަލްގެ ކުރީގެ މެނޭޖަރު އާސެން ވެންގާ ގަދަ 30 ގައި ނުހިމެނުންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އާސެނަލްއަށް 3 ލީގް ތަށި، 7 އެފްއޭ ކަޕް، އަދި 5 ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްދިން ވެންގާ މި ލިސްޓުގެ 32 ވަނައިގަ އޮތްއިރު ހޯސޭ މޮރީނިއޯގެ ނަން އޮތީ 13 ވަނައިގައެވެ.

އެންމެ މޮޅު 50 ފުޓްބޯޅަ މެނޭޖަރުން ތަރުތީބު ކުރުމުގައި އެ މެނޭޖަރަކު ކާމިޔާބުކޮށްފައިވާ މުބާރާތްތަކުގެ އަދަދުގެ އިތުރުން މެޗުތަކުގައި ނުފޫޒު ދައްކުވައިފާ މިންވަރައި 'ޕަރސަނާލިޓީ'އަށް ބަލާފަވަނެ ކަމަށް ފްރާންސް ފުޓްބޯލްއިން ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް