ލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފި

29 Apr 2019 | 12:14

ސްރީލަންކާގައި އުޅޭ މުސްލިމް އަންހެނުންނަށް، އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.

މިގޮތަށް ނިންމާފައިވަނީ އެގައުމުގެ ރައީސް މައިތިރިޕާލާ ސިިރިސޭނާއަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ލިބިދޭ ބާރުގެ ދަށުންނެވެ.

މި ފިޔަވަޅު އަޅާފައިވަނީ މިގޮތަށް އަމަލުކުރުމާއި މެދު ގާނޫނެއް ހުށައަޅަން ވިސްނަމުންދާކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައިގެ އޮފީހުން އިއްޔެ ބުނެފައި ވަނިކޮށެވެ. މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ ލަންކާގެ އާންމު މަސްލަހަތަށްޓަކައި ކަމަށް ލަންކާގެ ރައީސްގެ އޮފީހުން ވަނީ ބުނެފައެވެ.

ފާއިތުވި ހަފްތާގައި ގިނަ އަދަދެއްގެ ފިރިހެނުން ވަނީ ލަންކާގެ މަގުތަކުގައި މޫނު ބުރުގާ އަޅައިގެން އުޅެފައެވެ. އަދި ބައެއް ތަންތަނަށް މޫނު ބުރުގާ އަަޅައިގެން ވަނުންވެސް ވަނީ މަނާކޮށްފައެވެ.

ލަންކާގައި އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކުރުމާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް އެގައުމުގެ އެންމެ ބޮޑު އިސްލާމީ ޖަމްއިއްޔާ، އޯލް ސިލޯން ޖަމިއްޔަތުލް އުލަމާއިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލަންކާގައި ގިނަ ދިވެހިންވެސް މޫނު ބުރުގާ އަޅައިގެން އުޅެއެވެ.

Advertisement

ކޮމެންޓް