ސަލާހް ބާސެލޯނާއާއި ދެކޮޅަށް ނުކުޅެނޭކަން ކަށަވަރުވެއްޖެ!

06 May 2019 | 17:42

ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހްއަށް ޗެންޕިއަންސް ލީގުގައި ބާސެލޯނާއައި ދެކޮޅަށް ލިވަޕޫލް ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗުގައި ނުކުޅެވޭނެކަމަށް އެ ކްލަބުގެ ކޯޗް ކްލޮޕް ބުނެފިއެވެ.

ސަލާހްގެ އިތުރުން ފިރްމީނޯވެސް އެ މެޗުން ފެނުމުގެ ފުރުސަތެއް ނެތް ކަމުގައިވެސް އޭނާވަނީ ކަށަވަރު ކޮށްދީފައެވެ.

ސަލާހްއަށް އަނިޔާވީ ލީގުގައި އެންމެ ފަހުން ލިވަޕޫލް ނިއުކާސަލްއައި ދެކޮޅަށް ކުޅުނު މެޗުގައެވެ. ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ނިއުކާސަލްގެ ކީޕަރުގެ ފައިން ސަލާހްގެ ބޮލުގައި ޖެހި އަނިޔާވުމުގެ ސަބަބުން އޭނާ ދަނޑުން ބާލުވާފައިވަނީވެސް ސްޓްރެޗަރުގައެވެ.

ފިރްމީނޯއަށް އަނިޔާ އަދި ފިޓްނަސްގެ މައްސަލަތަކެއް ދިމާވެފައިވާއިރު ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އަންނަ ނަބީ ކެއިޓާއަށްވެސް ވަނީ އަނިޔާގެ ސަބަބުން ކުޅުމައި ދުރުގައި ހުންނަން ޖެހިފައެވެ.

''ދުނިޔޭގެ އެންމެ މޮޅު ދެ ސްޓްރައިކަރުންނަށް ކުރިއަށް އޮތް މެޗުގައި ނުކުޅެވޭނެ. ލިވަޕޫލް އެބަޖެހޭ ހަތަރު ގޯލުވެސް ކާމިޔާބުކުރަން. އެއީ ކުރަން ފަސޭހަކަމެއް ނޫން، ނަމަވެސް 90 މިނެޓް ތެރޭގައި ކްލަބުގެ ޗެންޕިއަންސް ލީގް ކެމްޕެއިން ރަނގަޅު ގޮތަކަށް ނިންމާލަން މަސައްކަތް ކުރާނަން. މޮޅު ވެއްޖެ ނަމައެއީ ވަރަށް ފުރިހަމަ ނަތީޖާއެއް، އެކަން ހާސިލް ނުކުރެވިއްޖެ ނަމަ ރީތި ގޮތުގައި މުބާރާތުން ވަކިވާން ބޭނުމީ'' ކްލޮޕް ބުންޏެވެ.

ބާސެލޯނާގެ ދަނޑުގައި ލިވަޕޫލް ކުޅުނު ޗެންޕިއަންސް ލީގުގެ ފުރަތަމަ ލެގް 3-0 ކުން ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއެވެ. ދެވަނަ ލެގުގައި މި ދެޓީމް ބައްދަލު ކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ 00:00 ގައެވެ.

Advertisement

ކޮމެންޓް