އެޗްއާރްސީއެމްގެ މެންބަރުން
ހަބަރު
13 May 2025 | 14:34
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ފެށިތާ ދެމަސް ފަހުން އެޗްއާރްސީއެމް ހޭލައިފި؛ އެދުނީ ޙައްޤުތައް ކަށަވަރުކުރަން!

ސްޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށް އެ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ފެށިތާ ދެމަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ހޭލައި އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.  

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޤާނޫނީ އަދަދު މަދުކުރުމަށް ކަނޑައަޅައި، ގާނޫނަށް އިސްލާހުގެނައުމުގެ ބިލު 26 ފެބުރުވަރީ 2025ގައި ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަދި، ހަމަ އެދުވަހު ތާވަލުކޮށްފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ފެށުމަށް ކުޑަތަންވެފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑް ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މިއަދު އެޗްއާރްސީއެމުން މިއަދު ނެރުނު ނޫސްބަޔާނުގައިވަނީ، އެފަދައިން ކަން ކުރުމުން، އެއީ އެ ދުސްތޫރީ މައްސަލައިގައި ޝަރީޢަތްކުރައްވާ ފަނޑިޔާރުންނަށާއި އެމައްސަލާގެ އިޖުރާޢަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްކަމުގައި ބެލުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމަށެވެ. އަދި އެއީ، އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމުގައިވެސް ބުންޏެވެ.

މިއާއެކު އެޗްއާރުސީއެމުން ބުނީ، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމެވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ޢަމަލުކޮށްފައިވާފައިވާ ގޮތާއި އިޖުރާޢަތުތައް ތަރުތީބުކުރި ގޮތުގެ ސަބަބުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

އެއްވެސް ފަނޑިޔާރަކު އެފަނޑިޔާރުގެ މަޤާމުން ވަކިކުރަންވާނީ ނުވަތަ ސަސްޕެންޑް ކުރަންވާނީ، އެފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުން ނުވަތަ ފަނޑިޔާރުކަމާއި އެކަށީގެންނުވާ ޣައިރުސުލޫކީ ޢަމަލެއް ހިންގުމުގެ ސަބަބުން، އެފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނާޤާބިލުކަމަށް ފެނިއްޖެ ޙާލަތެއްގައި އެކަނި

އެޗްއާރްސީއެމް

އެހެންކަމުން، ފަނޑިޔާރެއް އެފަނޑިޔާރުގެ މަޤާމުން ވަކިކުރުމުގެ ބޭނުމަށް ކުރެވޭ ތަޙްޤީޤުގައި، އެފަނޑިޔާރެއް މަޤާމުން ވަކިކުރުމަށް ނިންމާ ނިންމުމުގެ އެންމެހައި އިޖުރާޢަތުތައް ތަރުތީބުކުރަންވާނީ، ތަބީޢީ އިންސާފުގެ ހަމަތަކާއި އުސޫލުތަކާއި، އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ތަތުބީޤުކުރުން ލާޒިމު ހަމަތަކުގެ މައްޗަށް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި އެޤައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އިޖުރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މައްޗަށް ކަމަށްވެސް ބުންޏެވެ.

ކަންމިހެން ހުރި ނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަޙްޤީޤުތަކަށް ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުޞަތު އެކަށީގެންވާ ގޮތުގައި ލިބިދީފައިނުވާކަމަށާއި، ތުހުމަތު ކުރެވޭ މައްސަލަ ބިނާކުރި ސަބަބުތައް ސާފުކޮށް އޮޅުންފިލުވައިދީފައި ނުވާއިރު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމަށް ހުރަސްއަޅާފައިވާކަމަށް ބުނެ ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަން އެޗްއާރްސީއެމުން ފާހަގަކުރިއެވެ.

އެފަހުން، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގައިވެސް ޖަވާބުދާރީވުމުގެ އެއްވެސް ފުރުޞަތެއް ދެއްވުމަކާ ނުލައި، ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުންތައްވެސް ސިއްރުކޮށް، ފަނޑިޔާރުން ވަކި ކުރުމަށް އެކޮމިޓީއިން ފާސްކުރައްވާފައިވާތީ   އެކަމާވެސް ނުހަނު ކަންބޮޑުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، މަޤާމުން ވަކިކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުމުގެ ކުރިން، ހާމަކަމާއެކު ކުރިއަށް ގެންދެވޭ އިޖުރާޢަތުގެ ތެރެއިން، ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުޞަތު އެފަނޑިޔާރުންނަށް ފަހިކޮށްދެއްވައި، ޢަދުލުވެރި އަދި ތަޢައްޞުބުން އެއްކިބާވެފައިވާ ނިންމެވުމަކަށް ވާސިލުވެވޭނެ ގޮތެއްގެ މަތީން، އެ ފަނޑިޔާރުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދެއްވުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ

އެޗްްއާރްސީއެމް

މިއާއެކު އެ ކޮމިޝަނުން ވަނީ، ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ދިމިޤްރާތީ އުސޫލުތަކާއި، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ދިވެހި ދައުލަތުގެ ތިން ބާރު ވަކިވެފައިވާ ނިޒާމަށް އިޙްތިރާމްކުރުމާއެކު، ބައިނަލްއަޤްވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް އެންމެހައި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

ކޮމެންޓް
ފަހަރި
ތީކީކުރަންއުފައްދާފައިވާ ތަނެއް ތަނަކުންބަޑިއެއްޖެހީމާ ހޭލާތަނެއް ތި ތަން އުވާލަންފެންނަނީ އޭރުން ބަޖެޓައް ލުއިވާނެ ކަލ
13 May 2025
ޢަލީ
އެހެންކަމަކާއުޅޭ. ފަނޑިޔާރުންގެ ކަންކަން ބަލަން ތަނެއްހުރޭ އެއީ ތިމީހުންނާ ބެހޭކަމެއްނޫން.
14 May 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.