ހައްޖު ވެރިންނަށް ގިނަ ލުއިތަކެއް ލިބިދޭ މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާޙުކޮށްފި

ހައްޖު ވެރިންނަށް ގިނަ ލުއިތަކެއް ލިބިދޭ މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާޙުކުރުން: ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖާޖީންނަށް ގިނަ ގުނަ ލުއިތަކެއް ލިބިދޭ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފްދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ފުރަތަމަ ގްރޫޕުގައި ހިމެނި ވަޑައިގަންނަވާ 234 ޙަައްޖުވެރިންނާ ބައްދަލުކުރައްވާ އަލްވަދާޢު ވިދާޅުވެފައެވެ. 

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އޭގެ ދަށުން ހައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖެހުމަށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ އެވެ. މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ އެވެ. ލަގެޖް ވެސް ލިބޭނީ ހޮޓަލަށެވެ.

އަދި ހައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާޕޯޓްގައި އިސްތިގުބާލުކުރާނެ އެވެ. މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ފަސޭހަކަމެކެވެ.

ކޮމެންޓް