މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުން، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފި
މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ މިއަދު 12:30 އެހާއިރު އެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ، ”ޓޯޓަލް ބްލެކްއައުޓް“ އަކަށްވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި އެ ޗެކްއަޕްތައް ނިމުނުހާ އަވަހަށް މާލެއާއި ހުޅުމާލެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
އެގޮތުން، މިހާރު މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މާލެއާއި ހުޅުމާލެއިގެ އިތުރުން ހުޅުލެއިންވެސް ކަރަންޓް ކެނޑި އެއާޕޯޓުގައިވެސް ކަރަންޓް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް، އެއާޕޯޓްގައި މިހާރު ބެކަޕް ޖެނެރޭޓަރުތައް ހިނގަންފަށާފައިވާތީ، އެއާޕޯޓް އޮޕަރޭޝަންސްތައް އާއްމު ޙާލަތުގައި ކުރިއަށްދާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists