ކަރަންޓު ކެނޑުމުން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް ދަރިވަރުން ގެއަށް

ސްކޫލް ބަންދު ކުރުމުން ދަރިވަރުން ގެއަށްދަނީ: ފޮޓޯ/ ވޮއިސް

މުޅި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން އެ ސަރަހައްދުގެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި، ދަރިވަރުން ގެއަށް ފޮނުވައިލައިފި އެވެ.

މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މުޅި ސަރަހައްދުން މިއަދު މެންދުރު ވަނީ ކަރަންޓުކެނޑިފަ އެވެ. 

އަދި، ސްކޫލްތަކުގެ ދެވަނަ ދަންފަޅީގެ ކިޔެވުން ފެށިގަޑިއަށް ވެސް ކަރަންޓު ނުލިބޭތީ މިއަދު މެންދުރު ދަންފަޅީގެ ކުދިންނަށް ސްކޫލުތައް ވަނީ ބަންދު ކޮށްފައެވެ. 

ސްޓެލްކޯއިން ބުނީ، މާލެ ސަރަހައްދުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، ”ޓޯޓަލް ބްލެކްއައުޓް“ އަކަށްވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. 

އަދި އެ ޗެކްއަޕްތައް ނިމުނުހާ އަވަހަށް މާލެއާއި ހުޅުމާލެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. 

އެގޮތުން، މިހާރު މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، ބައެއް ސަރަހައްދު ތަކަށް ކަރަންޓް ދެވިފައިވާ ކަމަށް ދާދި ދެންމެ އަކު ސްޓެލްކޯއިން ވަނީ ބުނެފައެވެ. 

ކޮމެންޓް