މަޖިލީހުގެ ރައީސްކަމަށް ނަޝީދު ނައިބް ކަމަށް އީވާ އިންތިޚާބުކޮށްފި

29 May 2019 | 01:26

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުކޮށްފިއެވެ. އަދި ނައިބް ރައީސް ކަމުގެ މަޤާމަށް ވަނީ ރައީސް ނަޝީދުގެ ތިބާގެ ކަނބަލެއްކަމުގައިވާ އީވާ އަބްދުﷲ އިންތިހާބުކޮށްފައެވެ.

މި މަޤާމްތަކަށް ބޭފުޅުން އިންތިހާބުކޮށްފައިވަނީ މިރޭ ކުރިއަށް ދިޔަ 10 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނެގުނު ސިއްރު ވޯޓަކުންނެވެ.

މަޖިލިސް ރައީސް ކަމުގެ މަޤާމަށް ކުރިމަތި ލެއްވި ދެބޭފުޅުންނެވެ. އެއީ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްޑީޕީގެ ރައީސް ނަޝީދުއެވެ.

މަޖިލީހުގެ ރައީސަކަމަށް ރައީސް ނަޝީދުގެ ނަންފުޅު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހަށް ހުށަހެޅުއްވިއިރު، އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއެވެ.

މަޖިލީހުގެ ރައީސަކަމަށް ޤާސިމް އިބްރާހީމްގެ ނަންފުޅު، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް މަޖިލީހަށް ހުށަހެޅުއްވިއިރު، ޠާރިޤްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފްއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ މައްޗަށް ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ މަޖިލީހުގެ 67 މެންބަރުންގެ ވޯޓާ އެކުގައެވެ. ޤާސިމް އިބްރާޙީމަށް ލިބިވަޑައިގެންނެވީ 17 ވޯޓެވެ. މި ވޯޓުގައި 1 ފަރާތަކުން ދިން ވޯޓު ބާޠިލުވެފައިވެއެވެ.


މަޖިލީހުގެ ނައިބު ރައީސަކަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲގެ ނަންފުޅު އެކަންޏެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސަކަމަށް ގެންނަން ފެންނަކަމަށް 76 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. މަޖިލީހުގެ ނައިބަކަށް އީވާ ގެންނަން ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓް ދެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސަކަމަށް އީވާގެ ނަންފުޅު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މަޖިލީހަށް ހުށަހެޅުއްވިއިރު، އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮވުމުގެ ކަންކަން ބެލެހެއްޓެވި 5 މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދުގެ އިތުރުން ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިންއެވެ.

Advertisement

ކޮމެންޓް