ހަނިފަރު ކައިރީގައި އޮންނަ ބ. ދޮންފަނު -- ފޮޓޯ: މޯލްޑިވްސް ވާޗުއަލް
ރިޕޯޓް
10 Sep 2025 | 09:31
މި ފަހަރު ތިމާވެށި މޮޅުވިޔަސް، ދޮންފަނު ރައްޔިތުން ދައްކަނީ ޙައްޤުގެ ވާހަކަ

އެތަން ކިތަންމެހާ ވެސް ޖާދޫވީ ވެފައި ރީއްޗެވެ. މުޅި ދުނިޔޭގައި ވެސް އެފަދަ ދެވަނަ ތަނެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާހާ ރީއްޗެވެ. ރާއްޖޭގެ އެންމެ ތަފާތު، އެންމެ ގިނަ މީހުން ދުވާލެއްގެ މައްޗަށް އެތަނަށް ޒިޔާރަތްކުރަނީ ހަމަ އެ ސަބަބަށްޓަކައެވެ. "ވަން އިން އަ މިލިއަން" ކަހަލަ ތަނަކަށް ވީމައެވެ.

އެތަނުން ކުރާ ޖާދޫވީ އިޙްސާސާއި ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން، އެތަނުން ދުރަށް ޖެހޭ ވަރަކަށް ފަނޑުވެއެވެ. ގާތްގަޑަކަށް ކިލޯމީޓަރަކަށް ދުރަށް ނުދެވެނީސް، އެ ހިތްހަމަ ޖެހުން އެއްކޮށް ގެއްލި ހިނގައްޖެއެވެ. ޙައްޤެއް ނެތީމައެވެ.

"ދިރިއުޅެން ބޭނުންވޭ، އެކަމަކު ކޮންތާކު އުޅޭނީ؟ ރަށަކު ޖާގައެއް ނެތް، އާއިލާ ދޫކޮށް ދާނެ ގޮތެއް ނެތް. މި ޙައްޤު ލިބެންދެން މި ނޫން ގޮތެއް ނެތް ހަމަ،" 

މިއީ ޖާދޫވީ "ހަނިފަރު ބޭ"ގެ ހުޅަނގު އުތުރުން ގާތްގަޑަކަށް އެންމެ ކިލޯމީޓަރެއް ދުރަށް ޖެހުމުން އެންމެ ކައިރިން ފެންނަން އޮތް ދޮންފަނު ރައްޔިތެއްގެ ޝުޢޫރެވެ. އެ ރައްޔިތުންގެ އޮތީ އެންމެ އެދުމަކާއި ހުވަފެނެކެވެ. އެއީ ރަށުން ދިރިއުޅޭނެ ތަންކޮޅެއް ލިބުމެވެ. އެ ހުވަފެން ހަޤީގަތަކަށް ވުމުގެ ކޮޅުމަތި ފެނިފައި، މިއަދު އެ ހުވަފެން ބިލާހަކަށް ވުމުން އެ ރަށުގެ ރައްޔިތުންނަށް އެކަމެއް ޤަބޫލެއް ނުކުރެވެއެވެ. މިއީ އެ ރަށުގެ ކައުންސިލަރުންގެ ޝުއޫރުވެސް މެއެވެ.

ހަނިފަރުގައި މަޑިތަކާއި މަސްތައް -- ފޮޓޯ: ހުރާ މޯލްޑިވްސް

"އަޅުގަނޑުމެންނާ އެއްވެސް ވަރަކަށް މަޝްވަރާނުކުރައްވާ ރައީސެއް. އެއީ ސަރުކާރުގެ ނިންމެވުމެއް. އަޅުގަނޑުމެން އަދިވެސް މިތިބީ ކުރިން އަޅުގަނޑުމެން ބޭނުންވި ގޮތަށް، އެ ޢަޒުމުގައި. ބިން ހިއްކަން. ރައްޔިތުން ވެސް ބޭނުންވަނީ ހަމަ އެގޮތަށް،" ދޮންފަނު ކައުންސިލުގެ މެންބަރު އަބްދުﷲ އަޙްސަން ވިދާޅުވިއެވެ.

އެހެން ވިދާޅުވުމަށް ފަހު އަޙްސަން ނެންގެވީ މިސާލެކެވެ. ހަމަ ހަނިފަރާ އެހާ ދުރުނޫން، ދަރަވަންދޫގެ އެއާޕޯޓު ތަރައްޤީކުރުމަށް އެރަށުގެ ފަޅުން ބައެއް ހިއްކުމުން ކަންވީ ގޮތެވެ. 

"2012 ހިސާބުގައި ހެން އަޅުގަނޑު ހަނދާން ވަނީ ދަރަވަންދޫ އެއާޕޯޓު އަޅަންވެގެން ދަރަވަންދޫގެ ވަރަށް ބޮޑު ބައެއް ހިއްކި. ހިއްކައިގެން އޭގެ އުނދަގޫތައް ހަނިފަރަށް ކުރިކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ބޭފުޅަކު ނުކުރޭ،" އަޙްސަން ވިދާޅުވިއެވެ.

އަޙްސަން ވިދާޅުވި ގޮތުގައި ގިނަ ފަރާތްތަކުން ފާހަގަކުރަނީ ބިން ހިއްކުމާ ގުޅޭ ވާހަކަތަކެއް ނޫނެވެ. ނަމަވެސް ބިން ހިއްކުމުގެ ސަބަބުން ނުކުމެދާނެ ނަތީއްޖާތަކުގެ ވާހަކަތަކަކީ ތިމާވެށްޓަށް އަދި ހަނިފަރު ބޭއްވުމަށް ވަކާލާތުކުރާ ގިނަ ފަރާތްތަކުގެ ކަންބޮޑުވުން ކަމުގައި އަޙްސަން ވިދާޅުވިއެވެ.

ހަނިފަރުގައި ބަޔަކު މަޑިތަކާއެކު ފީނަނީ -- ފޮޓޯ: ޒޫބްލޫ

އެގޮތުން ސީޒަން ދުވަސްވަރު ފިހުރިހި، ވެލާ އަދި މަޑީގެ އެކި ބާވަތްތައް އެތަނުން ފެންނަ އިރު، ދޮންފަނުގެ ބައެއް ސަރަޙައްދުތަކުން ވެސް ޢާންމުކޮށް ވެލާ ފެންނަ ކަމަށް އަޙްސަން ވިދާޅުވިއެވެ. އެހެންކަމުން ގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކީ ހިއްކުމުގެ ފަހުން އެތަކެތި އެ ސަރަޙައްދުތަކުން ނުފެނުމުގެ ފުރުސަތު އޮތުން ކަމަށް އަޙްސަން ޤަބޫލުކުރައްވައެވެ.

ދެން މީގައި މިހާރު މި އަންނަ ތަންކޮޅަކީ އަސްލު ޤަބޫލުކުރެވޭ ގޮތުގައި ސީޒަންތެރޭ ވަރަށް ގިނައިން ވޭލްޝާކް ވަދެ ނުކުމެ، ދޮންފަނު ބޭރުން ވެސް އެ މަންޒަރު އެބަ ފެނޭ. މަޑި އާއި ވޭލް ޝާކް އާއި ވެލާއާ. އެހެންވީމާ މިއީ ކަންނޭނގޭ އަސްލު ބޮޑަށް ޖެހޭ މައްސަލައަކީ. ބިން ހިއްކުމެއް ނޫން ކަންނޭނގޭ. ބިން ހިއްކައިގެން ލިބޭ ގެއްލުން ކަންނޭނގޭ ގިނަ މީހުން ފާހަގަކުރަނީ. ވެލާ ފަދަ ތަކެތި އައުން މަދުވެދާނޭ. އޮފްކޯޒް ގަބޫލުކުރަން ވެލާ މަދުވާނެ ކޮންމެވެސް ވަރަކަށް. އާންމުކޮށް މިތަން މަޝްހޫރުވެފައި އޮންނަނީ ޓާޓަލް ގިނައިން ބަލަން އަންނަ އޭރިއާއެއްގެ ގޮތުގައި

ދޮންފަނު ކައުންސިލުގެ މެންބަރު އަބްދުﷲ އަޙްސަން

އެއާއެކު އަޙްސަން ކުރެއްވީ ސުވާލެކެވެ. އެންމެ ފަހުން ކައުންސިލުން 20 ގެވަޅަށް އިއުލާންކުރުމުން ރަށުގައި ދިރިއުޅޭ 190 މީހަކު އެ ގެތަކަށް ކުރިމަތިލިއެވެ. އެ އިއުލާން ބާތިލްކުރުމަށް ފަހު މި ފަހަރު 46 ގެވަޅަށް ހުޅުވާލަން ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެއަށް ވުރެ އިތުރަށް ބޭނުންވާ ނެތް ޖާގައެއް ހޯދާނީ ކިހިނަކުންތޯއެވެ؟

46 ގެވަޅަށް ހުޅުވާލަން އަނެއްކާ ވެސް ތައްޔާރުމިވަނީ. 46 ގެވަޅު ދިނުމަށްފަހު މި ރަށަކުން ނީންނާނެ މި ރަށުން ބިން ލިބޭނެ އެއްވެސް ގޮތެއް. ގެދޮރު ކީއްކުރަން އެއްވެސް ބިމެއް މި ރަށަކުން ނުއެއް ލިބޭނެ. އެހާ ހިސާބުން ރަށް ފުރުނީ އެއީ. އެހެންކަމަށް ވަންޏާ ދެން ބޭނުންވާ ޖާގަ އަޅުގަނޑުމެން ބޮޑުކުރަން ޖެހެނީ ހިއްކައިގެންނޫންތޯ؟

ދޮންފަނު ކައުންސިލުގެ މެންބަރު އަބްދުﷲ އަޙްސަން

އެއީ ދޮންފަނުގެ ރައްޔިތުންގެ ވެސް ޝުއޫރެވެ. ކައުންސިލު ކުރިމަތީ، ހުދު ފޮތިގަނޑެއްގައި ބޮޑުކޮށް، ފާޅުކޮށް ކަޅު ކުލައިން ލިޔުނީ ހަމަ އެ ޝުއޫރެވެ. "ރައްޔިތުން ބޭނުންވަނީ ބިން ހިއްކުން ކުރިޔަށް ގެންދަން،" މި ޝުއޫރެވެ. 

ނަމަވެސް ސަރުކާރުން މިއަދު ނިންމުން ނިންމައިފިއެވެ. މި ވަގުތަށް ނަމަވެސް ނިންމީ، ރާއްޖޭގެ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުން އޮތް ހަނިފަރަށް ގެއްލުން ލިބިދާނެ ކަމަކުން ދުރުވުމެވެ. އެކަމުގައި މިފަހަރު ޤުރްބާންވާން ޖެހުނީ ދޮންފަނެވެ.

ބ. ހަނިފަރު

މިހާ ހިސާބުން އުފެދެނީ ސުވާލުތަކެކެވެ. ހަނިފަރަކީ ހަމަ އަސްލުވެސް "ވަން އިން އަ މިލިއަން" އެކެވެ. އެތަނުގެ ވެއްޓަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ކުރުމަކީ، ނުވަތަ އެތަން ޤުރްބާން ކުރުމަކީ ހަމަ އަސްލުވެސް ކުރަން ހެޔޮވަރު ކަމެއްތޯއެވެ. 

އަނެއްކޮޅުން އޮތީ ބައެއްގެ ޙައްޤެވެ. އެ ޙައްޤަށް ވުރެ އެހެން ތަނެއް އިސްކުރެވޭނެތޯއެވެ. ނުވަތަ އެ ޙައްޤު އިސްކޮށް، ހަނިފަރު ޤުރުބާން ކުރަން އަސްލުވެސް "ވޯތް" ތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.