މަރުކަޒީ ބޭންކް
ހަބަރު
25 Oct 2025 | 10:30
ބޭންކްތައް މެދުވެރިކޮށް އަގުހެޔޮކޮށް ގެދޮރު ގަންނަން ލިބޭ ސްކީމެއް އެމްއެމްއޭއިން ތައާރަފްކުރަނީ

ރާއްޖޭގެ ވިޔަފާރި ބޭންކްތައް މެދުވެރިކޮށް، ހެޔޮއަގުގައި ގޯތި ގެދޮރު ގަންނަން ލިބޭ ސްކީމެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިންގ ހަމަޖެއްސުމުގެ މަގްސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް" ނަމުގައި ހިންގުމަށް ނިންމާފައިވާ މި ސްކީމުގެ އުސޫލްތައް މިހާރު ހަދައި އާއްމުކޮށްފައިވާކަމަށެވެ.

އެމްއެމްއޭއިން ބުނީ ހުރިހާ ބޭންކްތަކުން ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން %10 އާއި %15 ދެމެދުގެ އަދަދެއް މި ސްކީމަށް އަށް ކަނޑައަޅަންވާނެ ކަމަށެވެ. މި ސްކީމް 5 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާއިރު ސްކީމުގެ ދަށުން  ދޫކުރާ ފައިނޭންސިންގ ފެސިލިޓީ އަދާކޮށް ޚަލާޞްކުރަން ޖެހޭ މުއްދަތަކަށް ކަނޑައަޅާފައިވަނީ 25 އަހަރުދުވަހެވެ. ނަމަވެސް ފެސިލިޓީނަގާ ފަރާތުން އެދިގެން އެއަށްވުރެ ކުރު މުއްދަތެއް ހަމަޖައްސައި ދެވިދާނެކަމަށް އޮވެއެވެ. އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީގެ އަމާޒަކީ 5 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3500 ހައުސިންގ ޔުނިޓަށް މި ސްކީމްގެ ދަށުން ފައިނޭންސިންގ ހަމަޖެހިގެން ދިއުން ކަމަށެވެ.

ސްކީމްގެ ދަށުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީތައް ދޫކުރުމަށް މައިގަނޑު ދެ ގޮތެއް އިޚްތިޔާރުކުރުމަށް ވަނީ ދީފައެވެ. އެއީ، ޓައިޕް އޭ - ލީސް އެންޑިންގ ވިތް އޯނަރޝިޕް އަދި ޓައިޕް ބީ - އެންޑް ޔޫސަރ ފައިނޭންސިންގ އޮޕްޝަނެވެ.

ޓައިޕް އޭ - ލީސް އެންޑިންގ ވިތް އޯނަރޝިޕް 

- އިމާރާތްކުރާ ފަރާތްތައް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް، ގެދޮރު ގަތުމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފައިނޭންސިންގ ފެސިލިޓީ ދޫކުރެވިގެންދާނެ

- އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ 5 އިންސައްތަ

- ފައިނޭންސިންގ ފެސިލިޓީ ފޯރުކޮށްދިނުމަށް ހެދިފައިވާ އެއްބަސްވުމާ އެއްގޮތްވާ  ގޮތުގެ މަތިން ކުލި ދައްކާ ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގާފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަން މައްޗަށް ބަދަލުކުރެވޭނެ

- ފައިނޭންސިންގ ފެސިޓީއާއި ގުޅިގެން އެއްވެސް ރަހުނެއް އަދި އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ. ނަމަވެސް ކުލީގެ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓްއެއް ބަހައްޓަން ޖެހިދާނެ

ޓައިޕް ބީ - އެންޑް ޔޫސަރ ފައިނޭންސިންގ އޮޕްޝަން

- ކަނޑައެޅިފައިވާ ގެދޮރު އިމާރާތްކުރާ ފަރާތްތަކުން ގެދޮރު ގަތުމަށް އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ސްކީމް ހިންގާ އިދާރާއިން ފައިނޭންސް ދޫކުރެވިގެންދާނެ

- މި މޮޑެލްގެ ދަށުން ފައިނޭންސިންގ ފޯރުކޮށްދިނުމުގެ އާންމު އުސޫލުތަކާއި، އަގާއި އަދި މުއްދަތު ކަނޑައަޅާނީ އޮތޯރިޓީއިން އަންގާ ގޮތެއްގެ މަތިން

- ގެދޮރު ގަންނަ ފަރާތްތަށް އިކުއިޓީގެ ގޮތުގައި %5 (ފަސް އިންސައްތަ) ބަހައްޓަން ޖެހޭނެ

- ފައިނޭންސިންގ ފެސިލިޓީން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ

އެމްއެމްއޭއިން ބުނީ މި ސްކީމްގެ ދަށުން ގެދޮރު ގަނެވޭނީ އެ އޮތޯރިޓީން ހުއްދަ ދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އެކަނި ކަމަށާއި  މި ސްކީމްގެ ދަށުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނީ އަލަށް ގެދޮރުވެރިކަމުގެ މިލްކިއްޔާތު ލިބޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެފަރާތަކީ މިސްކީމްގެ ދަށުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީއަށް މަހުންމަހަށް ދައްކަން ޖެހޭ އަދަދު ދެއްކުމުގެ ޤާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ މާލީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިންގ ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެއް ކަމަށެވެ. މިގޮތުން، މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ދެކެއެވެ.

އެމްއެމްއޭއިން ވަނީ މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް މިފަދަ ހައުސިންގ މަޝްރޫޢުތައް ހިންގާފައިވެއެވެ. އެގޮތުން، އަރަބިއްޔާ އަދި ގާކޮށި ފްލެޓްތައް ގިން ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން ހިންގި މިފަދަ ހައުސިންގ މަޝްރޫޢުތަކުންކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.