އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް މިނިސްޓަރ މަޚުލޫފާއި ޝާހިދު ސީޝެލްސްއަށް!

07 Jul 2019 | 22:55

2023ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ތާއިދުހޯދުމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފުރާވަޑައިގެންފިއެވެ.

މިރޭގެ ވަގުތެއްގައި އެ ދެބޭފުޅުން ފުރާވަޑައިގެންފައިވަނީ ސީޝެލްސްއަށެވެ. 

މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ހުންނަވާ މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަކީ ފަހަކަށް އައިސް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރުގެ އިހްތިފާލަށްވެގެންދާނެކަމަށެވެ. އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވީ ބައިނަލްއަގްވާމީ މުބާރާތްކަމަށްވެސް މިނިސްޓަރ ފާހަަގަކުރެއްވިއެވެ.

"ހަނދުމަފުޅު ހުންނާނެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެ އެންމެ ފުރަތަމަ ބައިވެރިވީ ބައިނަލްއަގްވާމީ މުބާރާތް. އަދި ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތަކުން އެންމެ ފުރަތަމަ ލިބުނު މެޑަލްވެސް ލިބިފައިވަނީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި. މި ވޭތުވެދިޔަ ދިހަ މުބާރާތުގައިވެސް އިންޑިޔަން އޯޝަންގައި ހިމެނޭ ގައުމުތަކުގެ ތެރެއިން މެދުނުކެނޑި މި މުބާރާތުގައި ބައިވެރިވެ އައިސްފައިވާ ގައުމެއް ދިވެހިރާއްޖެއަކީ"، އައިއޯއައިޖީގައި ރާއްޖޭގެ ތާރީޚަށް އަލިއަޅުއްވާލަމުން މިނިސްޓަރ ވިދާޅުވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މި މުބާރާތް ބާއްވަން ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީވެގެން ދާނެތީކަމަށާއި އޭގެ ސަަބަބުން ޒުވާނުންނަށް އެތަކެއް ޒަމާނެއް ވަންދެން ފައިދާކުރާނެކަމަށެވެ.

މިރޭ މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވީ ރާއްޖެއިން މި ބިޑް ކާމިޔާބުކުރަން ކުރާ މަސައްކަތަކީ މީގެކުރިން އެހެން ގައުމަކުން ކޮށްފައިވާ މަސައްކަތެއް ނޫންކަމަށާއި މިކަމުން މި ސަރުކާރުން މިކަމަށްދޭ އަހައްމިއްޔަތުކަން ފެނިގެންދާކަމަށެވެ. 

މިނިސްޓަރ މަޚުލޫފްވަނީ މި ބިޑް ކާމިޔާބުކުރުމަށް އެހެން ގައުމުތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް