ބާރަށު އާއިލާ ދިރިއުޅެމުންދާ ގެ-
ރިޕޯޓް
15 Mar 2026 | 14:21
ޓިނުން ހަދާފައިވާ ގެއެއްގައި، ގަދަ ހޫނުގައި، ދިރިއުޅެމުންދާ ނިކަމެތި އާއިލާއެއް؛ ޙާލަތު ބަދަލު ކޮށްލުމުގެ ފުރުޞަތު

ދިވެހިން ދިރިއުޅޭ ގެތައް، ފަނުންނާއި، ލަކުޑިންނާއި ޓިނުން ހަދައިގެން އުޅުނު ޒަމާން ފާއިތުވެ ގޮސްފައިވާ ކަމަށް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮތް ނަމަވެސް، ރާއްޖޭގެ އެކިއެކި ރަށްތަކަށް ޒިޔާރަތް ކޮށްލައި، އެ ރަށްރަށުގެ މީހުން ގާތުގައި އަހައި، މީހުން ދިރިއުޅެމުންދާ ޙާލަތު ގާތުން ބަލާލުމުން ފެންނަ މަންޒަރު ތަފާތެވެ. ސިމެންތިއާއި ކޮންކްރިޓުން ހަދައި، ސީލިންގ ކޮށްފައިވާ ގޭގޭގެ އޭސީ ކޮށްފައިވާ ފިނި ކޮޓަރީގެ ތެރޭގައި، ބޭރުގެ ހޫނުކަން އެއްވެސް މިންވަރަށް އިހްސާސްވެސް ނުވެޔޭ ބުނާ ފަދަ ދިރިއުޅެމެއް އަހަރުމެން އުޅުނު ކަމުގައި ވިޔަސް އެންމެންނަކީ އަހަރުމެންފަދަ ނަސީބުވެރިންނެއް ނޫނެވެ. 

ވާރޭ ނުވެހި، ގަދައަށް އަވިދޭ ދުވަސްތައް ގިނަވެފައިވާ މިފަދަ ޒަމާނެއްގައި، ޓިނުން ހަދާފައިވާ ގޭގޭގައި، ގަދަ ހޫނުގައި ދުވަސްތަކާއި ރޭތައް ވޭތުކުރަމުންދާ ޢާއިލާތައް އަދިވެސް މި ރާއްޖޭގައި އެބަ ތިއްބެވެ. ހއ. ބާރަށުގެ މި ކުޑަ ޢާއިލާ އަކީވެސް އެފަދަ ޢާއިލާ އެކެވެ. 

ބާރަށު ނިކަމެތި އާއިލާ ދިރިއުޅޭގެ

މުޅި ގެ ހަދާފައިވަނީ ޓިނުން؛ ހޫނުކަން އިންތިހާ

ބާރަށުގެ މި އާއިލާގެ ހާލަތު ދި ފައުންޑޭޝަނުން ވަނީ ސީދާ އެގެއަށް ޒިޔާރަތްކޮށް ގާތުން ބަލައި ކަށަވަރުކޮށްފައެވެ. އަދި ޢާއިލާގެ ޙާލަތު ބަޔާންކޮށް އެހީ ޖަމިއްޔާއިން އާއްމު ކުރި ވީޑިއޯ އަންނަނިވި ލިންކުން ބަލާލެވޭނެއެވެ.

https://www.facebook.com/share/v/18CDWitzvX/

މުޅިންވެސް ޓިނުން ހަދާފައިވާ މި ގޭގައި ދެމަފިރިންނާއި އެމީހުންގެ 13 އަހަރުގެ ދަރިފުޅު ދިރިއުޅެމުންދާތާ މިހާރު ތިން އަހަރު ވެއްޖެއެވެ. 

މި ގޭގައި ހިމެނެނީ އެންމެ ކޮޓަރިއަކާއި، ސިޓިން ރޫމެއްގެ އިތުރުން ބަދިގެއަކާއި ފާޚާނާއެކެވެ. މުޅި ގޭގައިވެސް ހުރީ ދެ ފަންކާއެވެ. އޭގެ ތެރެއިން ސިޓިން ރޫމުގައި ހުރި ފަންކާވެސް ވަނީ ހަލާކުވެފައެވެ. ސީލިންގް އެއް ނެތި ޓިނުން ހިޔާކޮށްފައި ހުރުމުގެ ސަބަބުން ގޭތެރޭގެ ހޫނުމިން ހުންނަނީ ނުހަނު މަތީގައެވެ.

ބާރަށު ނިކަމެތި އާއިލާ ދިރިއުޅޭގެ

އަންހެން މީހާ ކިޔައިދިން ގޮތުގައި، ދުވާލުގެ ހޫނު ގަދަ ވަގުތުގައި، ހޫނުން ސަލާމަތްވާން ފަންކާ ޖެއްސުމުންވެސް އެއިންވެސް އަންނަނީ ހޫނު ވައެވެ. 

"ނަމާދު ކޮށްލަންވެސް ޖެހެނީ ފެންވަރައިގެން ނުކުންނަ ގޮތަށް ފަންކާ ނުޖަހައި. ފަންކާ ޖަހައިގެން ނަމާދު ނުކުރެވޭ. ހޫނު ފައިބާހެން ހަމަ ހީވަނީ. ވާރޭ ވެހޭއިރުވެސް ޓިނުތަކުން ފޫ ގޮއްސަ ހުރި ތަންތަނުން ފެން ފައިބާ،" އަންހެންމީހާ އަސަރާއެކު ބުންޏެވެ.

ފިރިމީހާގެ ސިއްޙީ ޙާލަތު ދަށްވެ، އާމްދަނީ ހޯދޭނެ ގޮތެއް ނެތިފައި

އާއިލާގެ ބޯހިޔާވަހިކަން ދަތިވުމުގެ އިތުރުން، އާމްދަނީ ހޯދުމަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އަންހެން މީހާގެ ފިރިމީހާ ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކުރި ނަމަވެސް، މަސައްކަތުގެ ތެރޭގައި ވެއްޓި ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ވަޒީފާ ދޫކޮށްލަން ޖެހުނީއެވެ. އޭނާއަކީ މިހާރު ބުރަ މަސައްކަތް ކުރުން ޑޮކްޓަރުން މަނާކޮށްފައިވާ މީހެކެވެ.

ދެމަފިރިންގެ ޖުމްލަ ތިން ދަރިން ތިބެއެވެ.  ބޮޑު ދަރިފުޅު ވަޒީފާ އަދާކުރަނީ ފެނަކައިގަައެވެ. އޭނާ މީހަކާ އިނދެގެން ދިރިއުޅެނީ އަމިއްލަ ވަކި ދިރިއުޅުމެކެވެ. ޚަރަދު ކުރަން އަންބަކާއި ދަރިއެއްވެސް އެބަ ހުއްޓެވެ. ދެން ހުރި ދަރިފުޅު ވަޒީފާއެއްގައި ނޫޅެއެވެ. އެހެންކަމުން، މައިންބަފައިންނަށް މާލީ ގޮތުން އެހީތެރިވެވޭނެ ރަނގު ގޮތެއް އެކަކުގެވެސް ނެތެވެ.

އާއިލާއިން ކައިބޮއި އަސާސީ ބޭނުންތައް ފުއްދަނީ އެހީ ޖަމިއްޔާގެ އެހީގައި ކޮންމެ މަހެއްގައިވެސް ހަދިޔާ ކުރާ ތަކެތީންނެވެ. 

ބާރަށު ކައުންސިލްގެ ރައީސް

ޢާއިލާގެ ޙާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބާރަށު ކައުންސިލްގެ ރައީސް ޞަފްޢަތު މުޙައްމަދު ވިދާޅުވި ގޮތުގައި، މި އާއިލާ ދިރިއުޅެމުންދަނީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ފަދަ ތަނެއްގައެއް ނޫނެވެ. 

"ފިރިމީހާއަކީވެސް އަނެންހެން ބަލިކޮށް އުޅޭ މީހެއް. އެހެންވީމާ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުވެއް ކުރެވޭ. އަދި އެއީ ސްޓްރޯކް ޖެހިގެން ފަރުވާ ހޯދަމުންދާ މީހެއް. ރަށުން ބޭރަށްގޮސް މިހާރުވެސް ފަރުވާ ހޯދާ،" ރައީސް ވިދާޅުވިއެވެ.

މި ނިކަމެތި ޢާއިލާގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކޮށްލުމުގެ މަސައްކަތް އެހީ ޖަމިއްޔާއިން މިހާރު ވަނީ ފަށާފައެވެ. އެ ގޮތުން އެ ޖަމިއްޔާއިން، މިފަދަ ނިކަމެތި ޢާއިލާތަކަށް އެހީވުމަށް ކުރިއަށް ގެންދާ ”އެހީވާނަން“ ޕްރޮޖެކްޓް މެދުވެރިކޮށް، އާއިލާގެ މެންބަރުން އުއްމީދު ކުރާ ފަދަ ގެއެއް ބިނާކޮށްދިނުމަށް އެ ޖަމިއްޔާއިން މަސައްކަތް ފަށާފައިވާއިރު، އެ އުއްމީދު ހަގީގަތަކަށް ހެދުމަށްޓަކައި ދީލަތި އެހީތެރިންގެ އެހީތެރިކަން މިވަނީ ނުހަނު ބޭނުންވެފައެވެ.

ބާރަށު ނިކަމެތި އާއިލާ ދިރިއުޅޭގެ

މިފަދަ ބަރަކާތްތެރި މައްސަރެއްގެ ފަހު ދިހައިގެ މި ބަރަކާތްތެރި ރޭތަކާއި ދުވަސްތަކުގައި، ތިމާއަށް ލިބިފައިވާ ތަނަވަސްކަމުން ކުޑަ މިންވަރެއް ނަމަވެސް މި ނިކަމެތި ޢާއިލާއަށްޓަކައި ހޭދަ ކުރުމަކީ ދަރުމަހުރި ކަމަކަށް ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 

މި އާއިލާއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށް "އެހީ ޖަމިއްޔާ"އިން ވަނީ އެދިފައެވެ. 

ބޭންކް: ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރ: 7770000014819

އެކައުންޓް ނަން: އެހީ ޖަމިއްޔާ

އިތުރު މައުލޫމާތު ބޭނުންފުޅުވާ ނަމަ، ޖަމިއްޔާގެ ހޮޓްލައިން ނަމްބަރު 7803433 އަށް ގުޅުއްވުމަށް އެދެމެވެ. ތިޔަބޭފުޅުންގެ ކުޑަ އެހީއަކުންވެސް މި އާއިލާގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވިދާނެއެވެ.

ބާރަށު ނިކަމެތި އާއިލާ ދިރިއުޅޭގެ

ހއ. އަތޮޅު ބާރަށަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮޖެކްޓަކީ އެ އަތޮޅުގެ ދިއްދޫ ޖަމިއްޔާއެއް ކަމަށްވާ "ދި ފައުންޑޭޝަން" އާއި އެހީ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ސްޓްރެޓެޖިކް ޕާޓްނަރަކީވެސް ދި ފައުންޑޭޝަން ޖަމިއްޔާއެވެ.  އަދި ޕްރޮޖެކްޓްގެ މަޢުލޫމާތާއި އަދާހަމަ އާއްމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާނީވެސް އެ ޖަމިއްޔާއިންނެވެ.

އެހީ ޖަމިއްޔާގެ ”އެހީވާނަން“ ކެންޕެއިންގެ ދަށުން މީގެ ކުރިންވެސް ވަނީ އާއްމުންގެ ދީލަތި  އެހީތެރިކަމާއެކު މިފަދަ ނިކަމެތި ޢާއިލާއެއްގެ ދިރިއުޅުން ބަދަލުކޮށްދީފައެވެ. މިއީ މި ރޯދަމަހު އެ ޖަމިއްޔާއިން އިއުލާންކުރާ ދެ ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.