ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ބަންޑާރަ ނާއިބު އުޝާމް --
ހަބަރު
17 Mar 2026 | 17:29
ހިޔާލު ހޯދުމުގެ ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރީ ގާނޫނާ އެއްގޮތަށް: އޭޖީ

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށް ވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭގޮތުން އާންމު ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން 10 ފެބުރުވަރީ 2026 ގައި ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަކީ، ދެ މަގްސަދެއް ހާސިލްކުރުމަށްޓަކައި އެކުލަވައިލާފައިވާ ބިލެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

* ފުރަތަމަ މަގްސަދަކީ، ރިޔާސީ އިންތިހާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުން.

* ދެވަނަ މަގްސަދަކީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރު ގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުޞޫލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު 5 އަހަރު ދުވަހަށް ވުރެ ކުރުކުރުން.

ގާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަންފެށޭނެ އިސްލާހުތަކެއް ނޫން ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ. އެގޮތުން، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރުމުން ކަމަށާ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިސްލާހުކުރާނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ، އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން އެ އިސްލާހެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިކަމަށްވާނަމަ ކަމަށް ބަޔާންކޮށްފައިވާކަން ވެސް އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށްޓަކައި، އިސްލާހު ކުރެވޭ މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގު ކުރަން ފެންނަނަމަ ކަމުގައި ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާ އެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާއިރު މި އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، 16 ފެބުރުވަރީ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ނެރުއްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށްޓަކައި، ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުމަށް ކަމުން އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ކަމަށްވުމުން ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ގާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ. މިކަން މިނޫން ގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަޒު ވާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް
ޞުންބުލާ
އޭަޖީ އައްޔަން ކުރަނީ ސަރުކާރުން.ކަމަށް ވާނަމަ އޭޖީ ނިންމާނީ ސަރުކާރާ އެއްމޮޅަށް ދޯ.ވަރަށް ސާފު
17 Mar 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.