އިމްރާންގެ ދިފާއުގައި ރައީސް ނަޝީދު ނުކުންނަވައިފި

10 Jul 2019 | 19:24

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހޯމް މިނިސްޓަރ އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،އެތައް ޕޮލިސް ކޮމިޝަނަރުންނަކާއި، ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔަ އިރުވެސް ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވިފައި ނުވާ ކަމަށެވެ. އަދި އެކަން ކުރެވުނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށާއި، ހޯމް މިނިސްޓަރުގެ މަޤާމްގައި ހުންނެވީ ޝެއިޚް އިމްރާން އަބްދުﷲ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލުތުފީ މާލެ ނުގެނެވިގެން އުޅޭ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިމްރާން ވަނީ ހާޒިރުކުރައްވައި ޖަވާބުދާރ ކުރުވާފައެވެ.

އިމްރާން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށެވެ.

އިމްރާންގެ އެވާހަކައަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނާ އަދި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒްވެސް ވަނީ ވިދާޅުވެފައެވެ. ރިޔާޒު ވިދާޅުވީ ފިލައިގެން އުޅޭ މީހަކު ހޯދުމަށް ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދާކަށް ނުޖެހޭނނެ ކަމަށާއި ގާނޫނުގައިވާ ގޮތަށް ކަން ކުރުމަކީ ފުލުހުންގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

އަދި ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިމްރާންގެ ވާހަކައަކީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށެވެ. އަދި އުމަރު މިނިސްޓަރު ކަމުގައި އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށާއި ލުތުފީ ހޯދަން ރައީސް ޔާމީނާއި އުމަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

ބާޣީ ލުތުފީ މިރޭގެ ވަގުތެއްގައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ރާއްޖެ ގެނެސްފައެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު، 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާ ރޭވީ ލުތުފީ އިސްކޮށް ހުރެގެންނެވެ. އެ މައްސަލައިގައި އޭނާއަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ބޭސް ފަރުވާއަށް ފޮނުވުމުން އޭނާ ފިލާފައިވަނީ 2010 ވަނަ އަހަރުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ.

ފޮޓޯ: ވީ ނިއުސް 

Advertisement

ކޮމެންޓް