ބޮޑެތި މީހުންގެ ފަރުދީ ޒިންމާ އަދާކުރީ ކުޑަކުއްޖެއް!

21 Jul 2019 | 07:59

އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ޖޯން އެފް ކެނެޑީގެ މަޝްހޫރު ތަގުރީރެއްގައި ވިދާޅުވި ބަަސްފުޅެއްގައިވެއެވެ. "ގައުމު ތިމާއަށް ކޮށްދޭނީ ކޮންކަމެއްތޯ ނާހާށެވެ. ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާށެވެ". ގިނަ އިލްމުވެރިން ދެކެލައްވާ ގޮތުގައި މި ބަސްފުުޅުގެ މުރާދަކީ ގައުމުގެ ކިބައިން ބަދަލަަކަށް ނޭދޭ ހާލުގައި، ތިމާ ގައުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމެވެ.

މިކަމަށް ދިވެހިބަހުން ކިޔައިއުޅެނީ ފަރުދީ ޒިންމާއެވެ. އެއީ ގައުމެއްގެ ފަރުދަކަށް ވީތީ ކޮންމެ ފަރާތަކުންވެސް ކުރަންޖެހޭ ކުދިކުދި ކަންކަމާއި ބޮޑެތިވެސް ކަންކަމެވެ. ދިވެހިރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ސިފަތަކެއް ލިބިގެންވާ ތަނަކަށް ވީހިނދު، އެތަނުގެ ރީތިކަން ދެމެހެއްޓުމަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައި އެޅިފައިވާ ވާޖިބެކެވެ. ކޮންމެ ފަރުދެއްގެ އިޖްތިމާއީ ޒިންމާއެކެވެ.

ނަމަވެސް ގިނަފަހަރަށް ފެންނަ މަންޒަރަކީ މިއާއި ޚިލާފު މަންޒަރެކެވެ. ފަރުދީ ޒިންމާއަކީ އިލްމީ ފޮތްތަކާއި ލިޔުންތަކުގައި އޮންނަ ބަހަކަށްވެ ނިމިފައިވާ ފަދައެވެ. އަޅުގަނޑުމެންގެ އަމިއްލަ އަތުން، އަޅުގަނޑުމެންގެ ވެއްޓަށް ގެއްލުން ލިބޭފަދަ އެތަކެއް އަމަލެއް ކުރެވެމުންދާ ތަނެވެ. މިގޮތުން ތަފާތު ބާވަތްތަކުގެ ކުނިބުނި ވެށީގެ އެކި ތަންތަނަށް ބަލާލުމެއްނެތި އެޅުމަކީ މިއަދު ބަޔެއްގެ ކިބައިގައި ހަރުލާފައިވާ ހުތުރު އާދައެކޭ އެއްފަދައެވެ.

މިގޮތުން ވަކިން ޚާއްސަކޮށް މޫދާއި ގޮނޑުދޮށަށް ޕްލާސްޓިކް ފަދަ ގިނަ ދުވަހުން ހަލާކުވާ ކުނި އުކުމަކީ މިއަދު ވަރަށް އާންމު ކަމެކެވެ. މީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކޮށް، ދިވެހިންގެ ނަންރީތި ގުދުރަތީ ރީތިކަން ދަނީ ކިލަނބު ވަމުންނެވެ. މިކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ.

މި ފަރުދީ ޒިންމާ އަދާކުރާ މަންޒަރުތައް އަބަދުމެ މީސް މީޑިޔާގެ އެކި ވަސީލަތްތަކުން ފެންނަމުންދެއެވެ. އެގޮތުން އެފަދަ މަންޒަރެއް ދާދިފަހުންވެސް ވަނީ އާންމުވެފައެވެ.

ކުޑަ ފިރިހެންކުއްޖެެކެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބްރިޖްގެ އަލިތަކާއި ރާޅާ އެޅުންތެރިންގެ ހުނަރުތައް ބަލާލަންދާ އެކިއެކި މީހުން އަޅާފައި ހުރި ޕްލާސްޓިކް ފުޅިތައް ހޮވަނީއެވެ. ހޮވުމަށްފަހު އެތަނުގައި ހުރި ޑަސްބިނަށް އެތަކެތި އެޅީއެވެ.

އެއީ އެ ކުޑަކުއްޖާއަށް ކުރުން ވާޖިބުކަމެއްވެސް ނޫނެވެ. ނަމަވެސް ވެއްޓަށް ހުރި ލޯތްބެއްގެ ބޮޑުކަމުން އެ ފަރުދީ ޒިންމާ އަދާކުރީއެވެ. ކުޑަކުއްޖަކަށް އެކަން ކުރެވޭނެ ނަމަ ބޮޑު މީހަކަށް އެކަން ނުވާންވީ ފަހެ ކީއްވެހެއްޔެވެ؟

Advertisement

ކޮމެންޓް