މުއައްސަސާތަކުގެ ވެރިން މަޖިލީހުގައި ދޮގު ހަދަންޏާ ފިޔަވަޅު އަޅަން ފޮނުވާނަން: އީވާ

29 Jul 2019 | 15:28

ދައުލަތުގެ އިދާރާތަކުގެ ވެރިން ޖަރީމާ ހިންގުމަށްފަހު އެކަމުން ރެކެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ދޮގު ހަދާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅަން ފޮނުވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިވާ މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓަކަށް މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުންނެވެ.

އިވާ ވިދާޅުވީ، ނިމިދިޔަ ފަސް އަހަރުގެތެރޭގައި ސަރުކާރުން ހިންގި ޖަރީމާތައް ބަލަން ޖެހުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެކަމަށް އެއްބާރުލުން ނުދީ އިސްވެރިން ރެކެން އުޅޭނަމަ މެންބަރުން އެކަންކަން ފަޅާ އަރުވާލާނެ ކަމަށެވެ. އަދި މެންބަރުން ތިބީ ޖަރީމާތައް ސިއްރުކުރާ ގޮތަށް ނޫންކަން އީވާ ފާހަގަކުރެއްވިއެވެ.

އަދި އިދާރާތަކުގެ ވެރިން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލުކުރާތީ އެކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކުރައްވައި އީވާ ވަނީ ވެރިން ކެތްތެރިވެގެން ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

އިވާ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ މިމަހުގެ 21 ވަނަ ދުވަހު މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ހާޒިރުކުރައްވައި ސުވާލު ކުރުމުން ދޮގު ހެދި ކަމަށް ނިންމައި، އޭނާގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅި މައްސަލައިގައެވެ.

އެމައްސަލައިގައި ބީއެމްއެލްއިން މިރޭ ވަނީ މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އެސިޓީގައި ބުނެފައިވަނީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދެއްވި މައުލޫމާތަކީ އެދުވަހާއި ހަމައަށް ބޭންކްގެ ރެކޯޑްތަކުން ފެންނަން ހުރި ތެދު މައުލޫމާތު ކަމަށެވެ.

Advertisement

ކޮމެންޓް