‏ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު- ފޮޓޯ/ އޭސީސީ
ހަބަރު
19 Aug 2026 | 08:16
”ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ ފައިސާގެ އެއްވެސް ރެކޯޑެއް ނުބަލަހައްޓާ؛ ދައުލަތުގެ އިދާރާތަކާ ހިއްސާއެއްވެސް ނުކުރޭ“

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުންނާއި އެކި ފަރާތްތަކުން ލިބޭ ފައިސާއާއި އެހީގެ އެއްވެސް ރެކޯޑެއް ރަސްމީ ހައިސިއްޔަތަކުން ނުބަލަހައްޓާ ކަމަށާއި، އެ މަޢުލޫމާތުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާނުކުރާކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

އޭސީސީން މިކަން ހާމަކޮށްފައިވަނީ "ކުޅިވަރު އިންތިޒާމްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުުމުގެ ދިރާސާ ރިޕޯޓް" ގެ ނަމުގައި އިއްޔެ ޢާންމުކުރި ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަނީ އަހަރަކު ހަތަރު ބުރަކަށް ބަހާލައިގެން، ކޮންމެ ކުއާޓަރަކު އެއްފަހަރުއެވެ. އަދި ފައިސާ ދޫކުރުމުގައި ބަލަނީ އެސޯސިއޭޝަނުގެ ބޮޑުމިނަށާއި އެއީ އިންޑިވިޖުއަލް ނުވަތަ ޓީމް ކުޅިވަރެއްތޯއެވެ. ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން މިނިސްޓްރީން މި ފައިސާ ދޫކުރާއިރު، ފައިސާ ޚަރަދުކުރާ ގޮތުގެ ތަފްސީލީ މާލީ ބަޔާން ހުށަހެޅުމަކީ އެސޯސިއޭޝަންތަކުގެ ޒިންމާއެކެވެ.

ނަމަވެސް، އެސޯސިއޭޝަންތަކުން އަހަރީ ރިޕޯޓު ގަވާއިދުން ހުށަނާޅާ ކަމަށާއި، އެކަން މޮނިޓަރކޮށް ފިޔަވަޅު އެޅުމުގެ ޒިންމާ އޮތް ކޮމިޝަނަރ އޮފް ސްޕޯޓްސްއިން ވެސް އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާކަން އޭސީސީން ފާހަގަކުރިއެވެ. އެގޮތުން ރިޕޯޓު ނާޅައިފިނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި އޮތް ނަމަވެސް އެ ގަވާއިދަށް ޢަމަލުނުކުރާކަން ވަނީ ފާހަގަވެފައެވެ.

އޭސީސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ބަޖެޓުގެ އިތުރުން ބައިނަލްއަޤްވާމީ ކުޅިވަރު ޖަމުޢިއްޔާތަކުން ދޭ ފައިސާގެ އެހީއާއި، ޓްރެއިނިންގ އަދި ތަކެތީގެ އެހީގެ އެއްވެސް ތަފްސީލެއް ސަރުކާރުގެ އެއްވެސް އިދާރާއަކާ ހިއްސާއެއް ނުކުރެއެވެ. އަދި ސްޕޮންސަރޝިޕާއި ޗެރިޓީގެ ގޮތުގައި ހޯދާ ފައިސާ ޚަރަދުކުރާ ގޮތް ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ.

ހާލުގައިޖެހިފައިވި ބޭރުގެ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެސޯސިއޭޝަނަކުން ޗެރިޓީ ފުޓުބޯޅަ މެޗުތަކެއް ކުޅެ، ސްޕޮންސަރ ކުރެވުނު އެކި ކަންކަމަށް ލިބުނު ސްޕޮންސަރ ފައިސާ ޚަރަދުކުރިގޮތް އެނގެންނެތް ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ފާހަގަކުރެވެއެވެ. ޗެރިޓީއިން އެސޯސިއޭޝަނަށް ލިބުނު ފައިސާ ޚަރަދު ކުރިކަން އެނގޭނެ އެއްވެސް ލިޔުމެއް ފެންނަން ނެތްކަމާއި އެސޯސިއޭޝަންގެ ބޭންކް އެކައުންޓަށްވެސް އެ ފައިސާ ވަދެފައިނުވާކަމާއި އަދި އެ އިވެންޓްގައި ޚަރަދުތައް ކުރެވިފައިވާ ގޮތާއި، އިވެންޓުން ލިބުނު ފައިސާ ލިޔެކިޔުމުން ބެލެހެއްޓިފައި ނުވާކަން ކޮމިޝަނުގެ ތަޙްޤީޤުން ފާހަގަކުރެވިފައިވެއެވެ.

އޭސީސީގެ ރިޕޯޓް

މީގެއިތުރުން، ކްލަބްތަކުގެ ދަށުން ހިންގާ އެކަޑަމީތައް ރެގިއުލޭޓް ނުކުރެވުމާއި، މަސްލަހަތު ފުށުއެރުމާއި ގަވަރނަންސްގެ މައްސަލަތައްވެސް ހުރިކަން ފާހަގަކޮށްފައިވެއެވެ.

އަދި ފާހަގަކުރި ހުރިހާ މައްސަލައެއް ހައްލުކުރުމަށް އޭސީސީން ވަނީ މުހިންމު 18 ލަފައެއް ދީފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

- އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ޤާނޫނުން ލާޒިމްކުރުމާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިންގ ފްރޭމްވަރކެއް އެކުލަވާލުން.

- ޤަވާޢިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޢާންމުކުރުން.

- އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، މިނިސްޓްރީން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުން.

- އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، މަޤާމުތަކަށް ނަޒާހަތްތެރި އަދި ޤާބިލް ފަރާތްތައް އައްޔަންކުރުމާއި، ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުން.

- ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަރޝިޕް އަދި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުން.

- ކުޅިވަރާބެހޭ ޤާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕަރފޯމަންސް އޮޑިޓް ފުރިހަމަކުރުން.

އޭސީސީން ބުނެފައިވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް، ކޮރަޕްޝަނުން ސަލާމަތްކުރެވޭނީ މާލީ ޖަވާބުދާރީވުމާއި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން އެސޯސިއޭޝަންތައް ހިންގައިގެން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.