ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އަތުން އަގުބޮޑުކޮށް އުޅަނދެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކުންފުނިން މެންބަރު ފަލާހު އަތުން އުޅަނދެއް ގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކަނޑައެޅިގެން ދޮގު އަދި އޮޅުވާލުމުގެ ނިޔަތުގައި ފަތުރަމުންދާ މަޢުލޫމާތުތަކެއް ކަމަށެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެފަދަ އެއްވެސް މުޢާމަލާތެއް ނުވަތަ ވިޔަފާރިއެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، އެފަދަ އެއްވެސް ކަމަކަށް އެމްޑަބްލިޔުއެސްސީގެ ބޯޑުގެ ހުއްދައެއް ހޯދާފައި ނުވާ ކަމަށާއި، އަދި އެއްވެސް ފަރާތަކާއެކު އެފަދަ މުޢާމަލާތަކާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ވެސް ކޮށްފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން، މި މުޢާމަލާތާ ގުޅިގެން ކުންފުނީގެ ބޯޑު މެންބަރަކު އިސްތިއުފާ ދެއްވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށާއި، އެ ބޭފުޅާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
ފަހުމީ މިފަދައިން ވިދާޅުވެފައި މިވަނީ މާކެޓް އަގު 900،000 ރުފިޔާއަށްވުރެ ބޮޑުނޫން ބާ ލޭންޑިންގ ކްރާފްޓެއް، 17 މިލިއަން ރުފިޔާއަށް މެންބަރު ފަލާޙްގެ އަތުން އެމްޑަބްލިޔުއެސްސީން ގަނެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައާ ގުޅިގެންނެވެ. އަދި އެ އުޅަނދު މަރާމާތު ކުރުމަށް އިތުރު 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ދެވަނަ އުޅަނދެއް ގަތުމަށް މަސައްކަތް ކުރުމުން ބޯޑު މެންބަރު އުމަރު ޙުސައިން ސޮއިކުރަން އިންކާރުކޮށް އިސްތިއުފާ ދެއްވި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ފަހުމީ ވިދާޅުވީ، މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށާއި، އެއްވެސް އިތުބާރު ހުރި ހެއްކެއް ނެތި މިފަދަ ވާހަކަތައް ޙަޤީޤަތެއްގެ ގޮތުގައި ފަތުރައިގެން ނުވާނެ ކަމަށެވެ.
އަދި އެމްޑަބްލިޔުއެސްސީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ދެފުށް ފެންނަ، ޖަވާބުދާރީވަނިވި އަދި ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists