މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މުވައްޒަފުން އަމިއްލައަށް ފަރުމާކޮށް އިމާރާތްކުރި ޒަމާނީ އައު އޮޑިޓޯރިއަމް ރަސްމީކޮށް ހުޅުވައިފިއެވެ.
އޮޑިޓޯރިއަމް ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އާއި، ބޯޑު މެންބަރުން އަދި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މިފަދަ ފުރިހަމަ ތަނެއް ޙަޤީޤަތަކަށް ހަދައިދިނުމުގައި ބައިވެރިވި މުވައްޒަފުންގެ އިޚްލާޞްތެރި މަސައްކަތާއި، ހުނަރުވެރިކަމާއި، ޓީމްވޯކަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޝައިޚް އަޙްމަދު ސަމީރު ވަނީ ޚާއްޞަ ދީނީ ދަރުސެއް ދެއްވާފައެވެ. މި ދަރުސުގައި، އީމާންތެރިކަމާއި، އޯގާތެރިކަމާއި، އަދި އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއެކު އެކަތިގަނޑެއްގެ ގޮތުގައި ތިބުމުން ލިބޭ ބާރުގެ މައްޗަށް ޝައިޚް އަލިއަޅުއްވާލެއްވިއެވެ. އަދި އާއިލާތަކާއި، މަސައްކަތުގެ މާޙައުލާއި، މުޖުތަމަޢުގެ އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ މެދުގައި ނެގޭ ޚާއްޞަ ޙައްޖު ޤުރުއަތުލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝަރުޠު ހަމަވާ މުވައްޒަފުންގެ މެދުގައި ނެގުނު މި ޤުރުއަތަކީ މުވައްޒަފުންގެ އަގުވަޒަންކުރުމަށާއި އެ ފަރާތްތަކަށް އެހީތެރިވުމަށް އެމްޑަބްލިޔުއެސްސީން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށާ އަދި އިސްލާމްދީނުގެ މަތިވެރި ރުކުނެއް އަދާކުރުމުގެ ފުރުޞަތު މުވައްޒަފުންނަށް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists