އިންޖިނިއަރިންގގެ އެކިއެކި ދާއިރާތަކުން ރިސަރޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް، ޢިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންޖިނޭރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޖީނިއަރިން ދާއިރާއިން ޚިދުމަތްކުރަމުންދާ ފަރާތްތަކަކީ ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށާ އެކަން ފާހަގަކުރަންޖެހޭނެ ކަމަށެވެ.
އަދި އެ ދާއިރާތަކުން ރާއްޖެއަށް ވަރަށް ގިނަ ދިވެހީން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އެންމެ މަތީ ފެންވަރުގެ ސްޓޭޓް އޮފް ދި އާޓް ލެބޯރަޓަރީ ފެސިލިޓީއެއް ހިމެނޭގޮތަށް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެލެބޯޓަރީގައި ސިވިލް އިންޖިނިއަރުން މެކޭނިކަލް އިލެކްޓްރިކަލް އިލެކްޓްރޯނިކްސް ސޮފްޓްވެއަރ އިންޖިނިއަރިން އެއަރކްރާފްޓް އަދި އެއިރޮނޮޓިކަލް އިންޖިނިއަރިންގ ރޮބޮޓިކްސް އޭއައި ޑިޖިޓަލް އިންޖިނިއަރިންގ ހިމެނޭހެން އެކި ކަހަލަ އިންޖިނިއަރިން ދާއިރާތަކުން ތަހުލީލުތައް އަދި ދިރާސާތައް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އަދި އެތަނަކީ ރާއްޖޭގައި އެދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށާއި ރާއްޖެއިން ބޭރުންއައިސްވެސް އެކި ފަރާތްތަކަށް ތަހުލީލުތައް ހެދޭނެ ފުރުޞަތު އޮންނަ ފަދަ ލެބޯޓަރީއަކަށް ހަދާނަން."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ޢިމާރާތް ބިނާކުރައްވައި ހިންގެވުމުގެ އެންމެހައި ކަންކަން ރާއްވަވާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާ ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކަމަށާއި ފަންނީ މަސައްކަތާއި އިންވެސްޓްމަންޓުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައިފައިވެއެވެ.
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައިތ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ. އެއީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވި ތާރީޚީ ދުވަހެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists