އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ތަސްދީޤުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރެއްވީ 2026 ވަނަ އަހަރުގެ އޮގަސްޓް 23 ގައި ބޭއްވެވި މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ.
ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި ކެނޑޭ މިންވަރު ފަހެއް އިންސައްތައިން 10 އިންސައްތައަށް އިތުރުކުރުމަކީ މި އިޞްލާޙުގެ މައިގަނޑު ބޭނުމެވެ.
މި ބަދަލުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާގައި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ކޮންޓްރެކްޓަރުންނާ ދެމެދު ވާދަވެރި އަދި ހަމަހަމަ މާޙައުލެއް ޤާއިމުކުރެވޭނެ ކަމަށެވެ. އެ ޢަދަދަކީ އެ ފަރާތްތަކުން ދައްކަންޖެހޭ ފުރިހަމަ ޢަދަދުގެ ގޮތުގައިވެސް މި އިޞްލާޙުން ކަނޑައަޅައިފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަކީ ކޮބައިކަން މި އިޞްލާޙުގައި މާނަކޮށްދީ ނޮން-ރެސިޑެންޓުންގެ ޓެކްސް ބަޔާން ހުށަހެޅުމުގެ އިދާރީ ކަންކަމަށް ލުއިފަސޭހަކަން ލިބޭ ގޮތަށް އެކުލަވައިލައިފައިވެއެވެ.
ރައީސް މި ބިލު ތަސްދީޤުކުރެއްވުމާ އެކު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists