ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތައް އިސްލާހުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުންތަކަކީ، އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ޙަސަން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމުގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމަކީ ޤައުމީ އިސްތިރާޖީ މިލްކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުން އެންމެ މުހިންމު ކަންކަމަށް އިސްކަންދީ، ކާރިސާދާރުކަމާއި ޒިންމާދާރުކަމާއެކު ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ، ޤައުމަށް މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައި، އެކަންކަން ތަންފީޒުކުރުމުގެ ސާބިތު އަޒުމު ހުރެގެން ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުންތަކަކީ ވަރަށް ސާފު މަޤްޞަދެއްގައި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ނިންމަވާފައިވާ އިޞްލާޙީ މުހިންމު ނިންމެވުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތައް ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ދެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯ އަދި އެމްޓީސީސީއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ކުރީގެ އެމްޑީޕީ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިޔުއެސްސީގެ ހިއްސާ އަނބުރާ ދައުލަތަށް ހޯދައި، ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުގައި އޮންނަ ސަރުކާރުގެ ހިއްސާ %51 އަށް ބޮޑުކުރުމަށްވެސް މި ސަރުކާރުން ވަނީ ނިންމާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists