އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2024 ޑިސެމްބަރު 12 ވަނަ ދުވަހު ހިނގި މި ހާދިސާގެ ތަހުގީގުން ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، އަލިފާން ރޯވާން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، 2026 ސެޕްޓެންބަރު 05 ވަނަ ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމުގެ އިތުރުން އެކަމާ ގުޅޭ ހެކިވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން ފާހަގަކުރިއެވެ. އެހެންކަމުން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށް ވާތީ، އެ މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ވާގޮތުން، 2026 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ އިރުއޮއްސި 18:40 އެހައިކަންހާއިރު ފުލުހުން ހ. ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައެވެ.
އަދި ޗިޓާ ހަވާލުވެވަޑައިނުގެން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ފުލުހުންނަށް ލިޔުމުން ޖަވާބެއް ދެއްވާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ. އެ ލިޔުމުގައި، މި މައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ބަޔާންކުރައްވާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރުމުގެ ބަދަލުގައި، ގާނޫނީ ހަމަތަކުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists