ސިފައިންގޭގައި ގިނަ ދުވަސްތަކަކު ހިދުމަތް ކުރައްވައިފައިވާ، މ. މާކަރީ، އަޙްމަދު މަނިކު (ޖާދޫ އަޙްމަދު މަނިކު) ނިޔާވެއްޖެ އެވެ.
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. މަނިކު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
އަހްމަދު މަނިކު, ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، ފެބުރުވަރީ, 1 1957 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕޯސްޓް އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާ އެވެ. އެންއެސްއެސްގެ މީހެއްގެ ވަޒީފާއަށް ބަދަލު ކުރެއްވީ، 6 ޖުލައި 1976 ގައެވެ.
އޭރު ސިފައިންގެއިން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި، މުހިންމު ދައުރެއް އަދާކުރައްވައިފައިވެ އެވެ. އަދި ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ ބޯޓުފަހަރު، ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ފޮނުއްވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެން، އޭނާ ވަނީ އެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists