ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ހިސާބުގައި އެޅުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. އެމަނިކުފާނުގެ އަރިހުގަައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި މިސްކިތަށް ފަންޑުދޭ ސައުދީގެ އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު އަބްދުﷲ އަލްރާޖިހީގެ އިތުރުން ސައުދިއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް-ގަހްތާނީ އާއި ހައުސިން ޑިވެލެޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ބައިވެރިވެވަޑައިގެންންނެވި އެވެ.
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަމާޒަކީ ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމުން ކަމަށެވެ.
ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅާފައި މިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު ތާރީހީ މުނާސަބަތާއި ދިމާކޮށެވެ.
މި މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެ އެވެ.
ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ ގޮތަށް ގާއިމްކުރާ މި ބިނާގައި ނަމާދު ކުރާނެ ތަނަވަސް ސަރަޙައްދު ހިމެނޭހެން އިސްލާމީ ތަޢުލީމާއި، ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ފަރުމާކޮށްފަ އެވެ.
މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެ އެވެ. ދީނީ މައުލޫމާތާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއްވެސް ޤާއިމްކުރާނެ އެވެ.
އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ތަފާތު ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލެއްވެސް މިސްކިތާއެކު ތަރައްޤީކުރާނެއެވެ. މިސްކިތަށް ޒިޔާރަތް ކުރާ އާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓާ އޭރިއާއެއް ޤާއިމްކުރާއިރު، އިސްލާމީ ފޮތް ފިހާރައަކާއި، ގިފްޓް ޝޮޕެއް ވެސް މިތަނުގައި ހުންނާނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists