އިސްލާމްދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ބައިވެރިވި ޒުވާން ހަތީބުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ރަނގަޅަށް އިސްލާމީ ތާރީހާއި ދިވެހި ތާރީހު ބެލިޔަސް ފެންނާނީ އިސްލާމްދީން މަތިވެރި ކުރުމުގައި ޒުވާނުން ހޭދަކުރި ހަކަތަ އާއި ޒުވާނުން ފާޅުކުރި ޖޯޝާއި ޒުވާނުންގެ ހިންމަތާއި މިންނަތް ކަމަށެވެ. އަދި ވިދާޅުވީ އޭގެ ނަތީޖާ ޒަމާންތަކަށް ދެމިގެންދާ ކަމަށެވެ.
"އިސްލާމީ ތާރީހަށް ބަލައިފިނަމަ، މާތް ﷲ ރުއްސުންލެއްވި ސައްޔިދުނާ އަލީގެފާނު ދީނުގެ ކަންކަމުގެތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވި ވަރަށް ތުއްޕުޅު އިރު. އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރި ކުޑަކުއްޖަކީ އަލީގެފާނު," އިސްލާމީ ތާރީހުން ފިލާވަޅު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އަދިވެސް ރައީސް ވިދާޅުވި އެވެ.
"އިލްމީ ހިދުމަތުގެ ރޮނގުން ބަލާއިރު މާތް ﷲ ރުއްސުންލެއްވި އަބްދުﷲ ބިން އައްބާސް ފާހަގަކޮށްލެވޭ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ސުވަރުގެވަޑައިގަތް އިރު، އެކަލޭގެފާނުގެ އުމުރުފުޅަކީ 13 ވަރަކަށް އަހަރު. ހަމަ އެހެންމެ މި އުންމަތުގެ ޢިލްމުގެ ކަނޑުގެ ލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގެންވޭ. ކީރިތި ޤުރުއާން ލިޔުއްވުމާއި ބެލެހެއްޓެވުމުގެ ދާއިރާއިން ޒައިދު ބިން ޘާބިތު އަކީ ވަޙީ ލިޔުއްވި ޒުވާން ކާތިބު. ކީރިތި ރަސޫލާގެ އަމުރުފުޅަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނު ޢިބްރީ ބަސް ވެސްދަސްފުޅުކުރެއްވި. އިސްލާމީ ޢިލްމަށް ޚިދުމަތްކުރެއްވި ޒުވާން ބޭފުޅުންގެ ތެރޭގައި ޢާއިޝާ ރަޟިއްޔަﷲ އަންހާގެ ނަންފުޅު ވެސް ފާހަގަކޮށްލަން,"
ރައީސް ވިދާޅުވީ ދީން ފެތުރުމާއި ދިން ދިފާޢުކުރުމާއި ދީން ގާއިމުކުރުމުގައި ވެސް ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން ކަމަށެވެ. އެ ގޮތުން މުޞްޢަބް ބިން ޢުމައިރުއަކީ އިސްލާމްދީނުގެ ފުރަތަމަ ސަފީރުކަން ފާހަގަ ކުރައްވާ މައްކާގެ އެންމެ ތަނަވަސް، ޒީނަތްތެރި ދިރިއުޅުން ދޫކޮށްލައްވައި، މަދީނާއަށް ހިޖުރަކުރައްވައި އެ ރަށުގެ ގޭގެޔަށް އިސްލާމީ ދަޢުވަތު ފޯރުކޮށްދެއްވުމުގައި އަވަދިނެތި އުޅުއްވި ކަމަށެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، މަދީނާއަކީ ހިޖުރައިގެ ބިމަކަށް ވެގެންދިޔުމުގެ މައިގަނޑު އަސާސަކީ މި ޒުވާނާގެ ޙިކުމަތްތެރި ދަޢުވަތުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
އަދި ދީނުގެ ދައުވަތު ފެތުރުއްވުމުގެ ރޮނގުން މުޢާޛް ބިން ޖަބަލް ގެ ނަންފުޅު ވެސް އިސްލާމީ ތާރީޚުގައި ރަންއަކުރުން ފެވިފައިވާ ކަމުގައި ވިދާޅުވި އެވެ. ޔަމަނުކަރައިގެ އަހުލުވެރިންނަށް އިސްލާމްދީން އުނގަންނައިދެއްވުމާއި ދަޢުވަތު ފެތުރުއްވުމާއި، އަދި ގާޒީއެއްގެ ގޮތުގައި ކީރިތި ރަސޫލާ ފޮނުއްވީ މި ޒުވާން ޞަޙާބީ ކަމަށާ އެކަލޭގެފާނު ފާހަގަކުރެވެނީ ޙަލާލާއި ޙަރާމްގެ ކަންކަމުގައި އުންމަތުގެ އެންމެ ޢިލްމުވެރި އެއް ބޭކަލެއްގެ ގޮތުގައި ކަން ރައީސްގެ ވާާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
ދީން ދިފާއުކުރެއްވުމާއި ފުތޫހާތުގައި ވެސް މުސްލިމުން ޒުވާނުން އަދާކުރެއްވި ދައުރު ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
އެގޮތުން އެއް ނަންފުޅަކަށް ފާހަގަ ކުރެއްވީ މުޙައްމަދު ބިން އަލްޤާސިމްގެ ނަންފުޅެވެ. އެކަލޭގެފާނު އުމުރުފުޅުން އެންމެ 17 އަހަރުގައި ސިންދު ކަރަޔާއި ހިންދުސްތާނުގެ ބައްރަށް އިސްލާމީ ފަތަޙަ ގެންދެވި ކަމަށާ އެ ސަރަޙައްދުތަކުގައި އިސްލާމީ ދިފާޢާއި އަމަން ގާއިމުކުރެއްވި ކުޅަދާނަ ލީޑަރަކީ 17 އަހަރުގެ މި ޒުވާނާ ކަމުގައި ވިދާޅުވި އެވެ.
"އެހެންވީމާ، މި ކަމުން އަޅުގަނޑުމެނަށް އެނގެނީ އިސްލާމީ އުންމަތް ހިންދެމިލުމުގައި ޒުވާނުންގެ އީމާނާއި ކެރުމާއި ޢިލްމުވެރިކަމާއި ވިސްނުންތެރިކަން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާކަން. އިސްލާމީ އުންމަތުން ފެންނަ މިސާލުތަކުން މި ކަންވަރަށް ރަނގަޅަށް ދޭހަވޭ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދިވެހި ތާރީޚުން ވެސް ފެންނަނީ ދީނީ ޢިލްމުގެ މައިދާނުގައި ޒުވާނުން އަދާކޮށްފައިވާ ދައުރާއި ވެފައިވާ ގުރްބާނީ ކަމަށެވެ. ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރީން ދީން އުނގެނިވަޑައިގަތުމަށް ޓަކައި އުމުރުފުޅުން 11 އަހަރުފުޅުގައި އަނެއް ބައި ބޭފުޅުން 13 އަހަރު ފުޅުގައި ރާއްޖެ ދޫކުރައްވައި ބޭރުގެ ޢިލްމީ ތަންތަނަށް ވަޑައިގެންފައިވާ ކަން ފާހަގަ ކުރެއްވި އެވެ. ބައެއް ބޭފުޅުން ވަރަށް ނުރައްކާތެރި ޙާލަތްތައް ކުރިމަތިވުމުންވެސް ކިޔެވުން މެދު ކަނޑާނުލާ އެ ނުރައްކާތެރި މާޙައުލުތަކުގައި ތިއްބަވައިގެންވެސް ކިޔަވާ ވިދާޅުވެފައިވި ކަމަށް ރައީސް ވިދާޅުވި އެވެ.
"އެ ފަދަ އެތައް ބޭފުޅުންނެއް ވަރަށް ދަތި އުނދަގޫ ޙާލުގައި ތަޢުލީމީ މަރުޙަލާތައް ނިންމަވައިގެން ރާއްޖެވަޑައިގެން ދިވެހި ގައުމަށް ދީނީ އޮނގުން އެތައް ޚިދުމަތްތަކެއް ކުރަވާފައިވޭ. އަދި މިހާރު ވެސް އެ ފަދަ ޚިދުމަތް ކުރައްވަމުން އެބަ ގެންދަވާ,"
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ތަފުޞީލު ފަސްމަންޒަރު ހުށައަޅުއްވައިލެއްވީ މައިގަނޑު ތިން ބޭނުމެއްގައި ކަމަށެވެ. އެއް ބޭނުމަކީ ޢިލްމު އުނގެނުމަކީ ކިހާ ބުރަ އުނދަގޫ ދަތި މަސައްކަތެއްކަން ދަންނަވާލުމާއެކު، އެކަމުގައި ޒުވާން އުމުރުގެ މުހިންމުކަން ފާހަގަކުރެއްވުން ކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ ދީނަށް ހިދުމަތް ކުރުމަކީ ޒުވާނުންގެ އުފަލެއްކަން ދިވެހި ތާރީހުން ވެސް އަދި އިސްލާމީ ތާރީހުން ވެސް ފެންނަ އޮތްކަން ދަންނަވާލުން ކަމުގައި ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އުފާވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު އިރު، އަޅުގަނޑުމެންގެ ދީން ކުރި އެރުވުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުވަމުންދާތީ. މިކަމުގައި ޒުވާނުންގެ ރޫޙާއި ޢަޒުމުގައި ދިރުން ވާތީ. އީމާނާ ކެރުން ޒުވާނުންގެ ކިބައިގައިވާތީ. އަޅުގަނޑު މި ވާހަކަ ދަންނަވާލިދެވަނަ ސަބަބަކީ ޢިލްމުވެރިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތާ މެދު އެއްޗެއް ދަންނަވާލުން," ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ފެންނަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޢިލްމުވެރީންނާއި، ވިސްނުންތެރީންނާއި، ޙިކްމަތްތެރީންގެ އިތުރުން ކުޅަދާނަ ބަސްމޮށުންތެރީންނަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑު އެދެނީ ތިޔަ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ޙިކްމަތްތެރީންނަށްވުން. އަދި ކުޅަދާނަ ބަސްމޮށުންތެރީންނަށްވުން. މުޖުތަމަޢުގެ ސިކުނޑި އީމާންކަމުގެ ނޫރުން އުޖާލާކުރުމުގައި ތިޔަ ކުދީންގެ ޒުވާންކަމުގެ އުޖާލާ ދޯދިތައް އިންތިހާއަށް މުހިންމުވާނެ," ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists