ރާއްޖޭގެ އިމާމުން ނަމާދު ކުރައްވާއިރު ތުރުކުރައްވާނެ ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް މިއަދު ހާމަކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ޢިލްމުވެރިންނާއި ޚަޠީބުން ހުކުރު ނަމާދާއި ޢީދު ނަމާދުގައި އިމާމުވެވަޑައިގަންނަވާއިރު ޢާއްމުކޮށް ތުރުކުރައްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ބޭނުންކުރައްވާ ބާވަތުގެ ފޭރާމެވެ.
އަދި ދިވެހިރާއްޖެއަށް ޚާއްޞަ ސަޤާފީ ފަރުމާއެއް އެކުލަވައިލެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތުގައި ތާރީޚާއި ސަޤާފަތުގެ ދާއިރާގެ ފަންނުވެރިންގެ އެހީތެރިކަމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އެ ގޮތުން ފަރުމާކުރެވޭ ފޭރާމަކަށް ވުޒާރާއިން ތާއީދުކުރައްވާނެ ކަމަށާއި މިފަދަ ހެދުމެއް ފަރުމާކުރުމަށް ހުޅުވައިލެއްވުމުގެ ވިސްނުންފުޅު ވެސް ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ.
"އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅުކަމެއް" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މި ވިސްނުންފުޅާ އެއްގޮތަށް ޢަމަލީ މަސައްކަތް ފެށޭނެ ދުވަހެއް އަދި ހާމަކުރައްވައިފައެއް ނުވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists